ހުޅުމާލޭގައި ކުޑަ ކުއްޖަކު އުރައިގެން މަގު ހުރަސް ކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓު ވެއްޖެ އެވެ.
ފުލުހުން މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ހުޅުމާލޭ ނިރޮޅުމަގުން މަގު ހުރަސް ކުރި މީހެއްގައި ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެފައިވާ މައްސަލަ ބުރާސްފަތި ދުވަހުގެ ހެނދުނު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ސައިކަލް ދުއްވި މީހާގެ ވާއަތު ކޮނޑު ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އަދި ކަނާއަތު ފައިތިލަ މަތިން މަށައިގެން ގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން މަގު ހުރަސް ކުރި އަންހެން މީހާގެ ވާއަތު އުޅަނބޮށި މަށައިގެން ގޮސްފައިވާ ކަމަށާއި، އެ އަންހެން މީހާ އުރައިގެން ހުރި ކުއްޖާގެ ބޯ ދުޅަވެފައިވާ ކަމަށެވެ. އެ ކުއްޖާ އަކީ އުމުރުން އެއް އަހަރާއި، އަށް މަހުގެ ކުއްޖެކެވެ.
ފުލުހުން ބުނީ މި ތިން މީހުންނަށް ވެސް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދީފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.