ކ. މާލެ
|
15 މެއި 2025 | ބުރާސްފަތި 13:05
ރާއްޖެ ޓީވީ ފަލަސުރުޚީ ޕްރޮގްރާމުގައި މޭޔަރ އާޒިމް ވާހަކަދައްކަވަނީ: ވިދާޅުވީ ރާއްޖޭގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފޫލުންގެ އަދަދު ރާއްޖޭގައި އުޅޭ ބުޅާތަކަށް ވުރެ އިތުރުކަމަށް
ރާއްޖެ ޓީވީ ފަލަސުރުޚީ ޕްރޮގްރާމުގައި މޭޔަރ އާޒިމް ވާހަކަދައްކަވަނީ: ވިދާޅުވީ ރާއްޖޭގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފޫލުންގެ އަދަދު ރާއްޖޭގައި އުޅޭ ބުޅާތަކަށް ވުރެ އިތުރުކަމަށް
ރާއްޖެއެމްވީ
މާލޭ ސިޓީ ކައުންސިލް
މަގުމަތީގައި އުޅޭ ބުޅާތަކަށް ވުރެ މި ސަރުކާގެ ސިޔާސީ މުވައްޒަފުން ގިނަ: މޭޔަރ އާޒިމް
މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި އުޅޭމީހުގެން އަދަދު ރާއްޖޭގައި އުޅޭ ހުރިހާ ބުޅާތަކުގެ އަދަދަށްވުރެ ގިނަ، ދައުކަތުގެ ބަޖެޓުގެ ބޮޑުބައެއް ހޭދަކުރަން މި ޖެހެނީ އެފަދަފަރާތްތަކަށް މުސާރަ ދިނުމުގަ

މިއަދު ރާއްޖޭގައި އުޅޭ ބުޅަލުގެ އަދަދަށްވުރެ، މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި، ސިޔާސީ މުވައްޒަފުން ގިނަ ކަމަށް މާލޭ ސިޓީ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ނެވެ.

މާލޭގައާއި ރާއްޖެގެ އެހެނިހެން ސަރަހައްދުތަކުގައި އުޅޭ ބުޅާތައް ލުމަށް އެކަމަށް ފެސިލިޓީއެއް ތަރައްގީކޮށް ހުޅުވީ މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގައެވެ. ނަމަވެސް އެތަން ހުޅުވުމަށްފަހު، ސިޓީ ކައުންސިލުން ކުރަމުންދިޔަ ބުޅާ ފެސިލިޓީގެ މަސައްކަތް މުއިއްޒު ވަނީ ހުއްޓުވާލާފައެވެ. މިކަން މުއިއްޒު ކޮށްފައިވައިވަނީ، ބުޅާ ފެސިލިޓީއަކީ މުއިއްޒު ކުރި މަސައްކަތެއް ނޫން ކަމަށް ބުނެ، އެކަމުގެ ކްރެޑިޓް ނެގުމުން ފައިސާތަކެއް ޚަރަދުކޮށް، ހުޅުވުމުގެ ބޮޑު ރަސްމިއްޔާތެއް މުއިއްޒު ބޭއްވުމުން، މުއިއްޒުގެ ނުބައި ކަމުގެ ވާހަކަ މީހުން ދައްކަން ފެށުމުންނެވެ.

މިކަމާއި ގުޅިގެން މުއިއްޒު ވަނީ ބުޅާ ފެސިލިޓީ މާލޭ ސިޓީ ކައުންސިލުގެ އިޙްތިޞާސްގެ ތެރެއިން އަތުލައި، އެއްވެސް މަސައްކަތެއް ނުކޮށް ޓެކްސް ފައިސާ އިސްރާފު ކުރާ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ފަހުން، ބުޅާ ފެސިލިޓީގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދެއެވެ. ހުރިހާ ކަމެއް ވަނީ ހުއްޓިފައެވެ.

އަދި މިހާރު ސަރުކާރުން ބުނަމުންގެންދަނީ އެ ބުޅާ ފެސިލީޓީ އެއްކޮށް ނުނިމި ގިނަ މަސައްކަތްތަކެއް ކުރން ޖެހިފައި އެބަހުރި ކަމަށާއި އެތަން އިތުރަށް މަރާމާތުކުރުމަށް އެތަކެއް މިލިއަން ރުފިޔާއެއް ޚަރަދުވާނޭ ކަމަށެވެ.

މިކަމަށް ރައްދުދެއްވައި އާޒިމް ވިދާޅުވީ މި ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށާއި ޚާއްސަކޮށް ބުޅާ ފެސިލިޓީގެ ކަންތަކުގައި މި ސަރުކާރުން ދައްކަވަމުން ގެންދަވާ ވާހަތަކާއި އެތަނާއި މެދު އަމަލުކޮށްފައި ވާގޮތާއި މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

އާޒިމް ވިދާޅުވީ ބުޅާ ފެސިލީޓީ އަކީ މާލޭ ސިޓީ ކައުންސިލުން ވަރަށް ބޮޑު އިސްކަމެއް ދީގެން، އެ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން، އެ ކައުންސިލްގެ މުވައްޒަފުންގެ އެހީތެރިކަމާއި އެކު ތަރައްގީ ކުރި ފެސިލިޓީއެއް ކަމަށެވެ. އަދި އެތަން ސަރުކާރުން އަތުލިއިރު، އެ ފެސިލިޓީ ހުންނާނީ މުޅިން އެއްކޮށް ނިންމާފައި ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެ ބުޅާފެސިލިޓީ ތަރައްގީ ކުރަން ސިޓީ ކައުންސިލުން ނިންމީ ފަހަކަށް އައިސް މާލޭގެ މަގުތަކުގައި ބުޅާތައް ގިނަވެ، އޭގެ ނަޖިސްތަކުން މަގުތައް ތަޣައްޔަރު ވަމުން އަންނާތީ އާންމުންގެ ކަންބޮޑުވުންތައް ހުރުމުން، އެކަމަށް ހައްލެއް ހޯދުމަށް ކަމަށެވެ.

އާޒިމް ވިދާޅުވީ ސިޓީ ކައުންސިލުން ބުޅާ ފެސިލީޓިއެއް އެޅުމަށް ސަރުކާރުން ބިން ދިނުމާއި އެކުން އެކަން އެންމެ ފުރިހަމައަށް ކޮށްފައިވާނޭ ކަމަށާއި އަދި ބުޅާ ފެސިލީޓީގެ މަސައްކަތް ނިންމައި ފުރިހަމަ ކޮށް އެތަނަށް ބުޅާތައް ގެންދިއުމަށް ތައްޔާރުވެސް ވެފައި ވަނިކޮށް ސަރުކާރުން އެތަން އަތުލީ ކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުން އެ ފެސިލިޓީއާއި މެދު ދައްކަވަމުން ގެންދާ ވާހަތަކަަކީ މުޅިން އޮޅުވާލުމެއް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ދައްކާ ވާކަތަކަށް ރައްދު ދިނުމުގެ ގޮތުން އެ ފެސިލިޓީ މަރާމާތުކޮށް ނިންމައި އެތަނުގެ ވީޑިއޯއެއް ވެސް ހަދާފައިވާނޭ ކަމަށާއި އެވީޑީއޯ މިހާރު އާންމުވެސް ކޮށްފައިވާނޭ ކަމަށެވެ. އަދި ވީޑިއޯ ބަލާލުމުން ވެސް އެތަނަކީ އެންމެ ފުރިހަމައަށް ނިމިފައިވާ ތަނެއްކަން ހުރިހާ ރައްޔިތުންނަށް އެނގިގެންދާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" ކާކުތޯ ބުނީ ހަވާލުވާށޭ.. އަޅުގަނޑުމެން، ޚާއްސަކޮށް މާލޭ ސިޓީ ކައުންސިލްގެ ކަންބޮޑުވުމަކީ މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް، މާލެ އަންނަ ރައްޔިތުން ނަޖިހުގެ ތެރޭގައި ގެންގުޅޭކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އެހެން އަޅުގަނޑުމެން އެހާ ބާރު ސްޕީޑުގައި އެތަން އަޅާފަ ހުޅުވީ.

މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް

އާޒިމް އިތުރަށް ވިދާޅުވީ ސަރުކާރުން އެކަން އެގޮތަށް ކުރުމުން މިއަދު އެކަމުގެ އުނދަގޫ ތަހައްމަލްކުރަމުން ގެންދަނީ ހަމަ އެކަނި މާލެ ސިޓީ ކައުންސިލުގައި ތިއްބެވި މެމްބަރުން ނޫން ކަމަށާއި އެކަމުކުގެ ތަކުލީފު މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ވެސް އުފުލަމުން އަންނަކަމަށެވެ.

އާޒިމް ވިދާޅުވީ މިސަރުކާރުން ބުޅާ ފެސިލިޓީއަށް 10 މިލިއަން ޚަރަދުވާނެ ކަމަށް ބުނެ ވާހަދައްކާއިރު، މިއީ ރައްޔިތުންގެ ސިއްޚަތާއި ފުރާނައާއި ގުޅުން ހުރި ކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ ޓެކްސްފައިސާ ދައުލަތާއި ހަވާލުކުރަނީ ރައްޔިތުންގެ ހާޖަތްތައް ފުންދަން ކަމަށާއި އެއީ މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައިތިބި މީހުންނަށް މުސާރަދީ ތަޅައިބުރުވާކަށް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމުތަކަމުގައި ތިއްބެވި މުވައްޒަފުންގެ އަދަދު ރާއްޖޭގައި އުޅޭ ހުރިހާ ބުޅާތަކަށް ވުރެ ވެސް އިތުރު ކަމަށާއި އެހެން ކަމުން ދައުލަތުގެ ބަޖެޓުގެ ބޮޑުބައެއް މިހޭދަކުރަން ޖެހެނީ ސިޔާސީ މަގާމުގައި ތިއްބެވި ބޭފުޅުންނަށް ކަމަށެވެ.

- ކޮމެންޓް