އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ގަލްފް ސަރަޙައްދަށް ދަތުރުފުޅެއް ވަނީ ފައްޓަވާފައެވެ. މި ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކީ ސަޢޫދީ ޢަރަބިއްޔާއެވެ. އަދި އެއަށްފަހު އެމިރޭޓްސް އާއި ގަތަރަށް ވަޑައިގަންނަވާނެއެވެ. މިއީ ކޮންމެ ނަޒަރަކުން ބެލި ނަމަވެސް ތަޖުރިބާކާރުން ދެކޭ ގޮތުގައި ކަނޑައެޅިގެން ވިޔަފާރި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޓްރިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތަކާއި ވިޔަފާރީގެ މުޢާމަލާތްތައް ކުރެވިގެންދާނެއެވެ.
މިސާލަކަށް، އެމިރޭޓްސްއިން ވަނީ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އެމެރިކާގައި 1.4 ޓްރިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކުރުމަށް ވަޢުދުވެފައެވެ. މީގެ ތެރޭގައި ހިމެނެނީ އާޓިފިޝަލް އިންޓެލިޖެންސް އާއި ހަކަތައިގެ ދާއިރާ އިން ފެށިގެން ގޮސް މަޢުދަން ނެގުމާއި، އެލުމިނިއަމް އުފެއްދުމުގެ ދާއިރާ ގައި ކުރެވޭ އިންވެސްޓްމަންޓްތަކެވެ. ސަޢޫދީ ޢަރަބިއްޔާއިން ވަނީ ކުރިއަށް އޮތް 4 އަހަރުގެ ތެރޭގައި އެމެރިކާ ގައި 600 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކުރުމަށް އެއްބަސްވެފައެވެ. ރޮއިޓަރސް ނިއުސް އޭޖެންސީގެ ރިޕޯޓުގައިވާ ގޮތުން، ޓްރަމްޕް ވަނީ ސަޢޫދީ ޢަރަބިއްޔާއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ ޕެކޭޖެއް ވެސް ހުށަހަޅުއްވާފައެވެ.
ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޓްރަމްޕް އަކީ ގާތްތިމާގެ މީހުންނަށް މަންފާ ހޯއްދަވައިދެއްވުމާއި އަމިއްލަ މުއްސަނދިކަން އިތުރުކުރެއްވުމުގެ ރަނގަޅު ތާރީޚެއް އޮތް ބޭފުޅެކެވެ. އެގޮތުގެ މަތިން، ޓްރަމްޕް އޯގަނައިޒޭޝަނުން މިހާރު ވަނީ އޭނާ ޒިޔާރަތްކުރައްވާ ގަލްފް ގެ ތިން ޤައުމުގައިވެސް ރިއަލް އެސްޓޭޓް މަޝްރޫޢުތަކާއި އެހެނިހެން ވިޔަފާރީގެ މަސައްކަތްތައް ހިންގަން ފަށާފައެވެ.
މިކަންކަން މިހެން ހުރި އިރު، މެދުއިރުމަތީގައި އެމެރިކާގެ އެންމެ ގާތް ރަޙްމަތްތެރިޔާގެ ގޮތުގައި ދިގު މުއްދަތެއް ވަންދެން އޮތް ޤައުމު މި ދަތުރުފުޅުގެ ތެރެއިން ފާހަގަކޮށްލެވޭ ގޮތެއްގައި އުނިވެފައިވާކަން ގިނަބައެއްގެ ލޮލުގައި ވަނީ އަޅައިގަނެފައެވެ. އެއީ އިސްރާއީލެވެ.
މިއީ ވޭތުވެދި 19 މަސްދުވަހުގެ ތެރޭގައި ޣައްޒާގައި ނަސްލު ނައްތާލުމުގެ އަނިޔާވެރި ހަނގުރާމަ ހިންގަމުން އައި ޤައުމެވެ. މިކަމުގައި އިސްރާއީލަށް ފައިސާގެ ގޮތުންނާއި ހަތިޔާރުގެ ގޮތުން އެންމެ ބޮޑަށް އެހީތެރިވެފައި ވަނީ އެމެރިކާ އިންނެވެ. އެމެރިކާގެ ފުރިހަމަ ތާއީދާއި އެހީތެރިކަމާ އެކު އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގައި މިހާތަނަށް ރަސްމީ ގޮތުން ފަލަސްޠީނުގެ މަރުވި މީހުންގެ އަދަދު 53,000 އަށް އަރައި، އެ އަދަދު އަންނަނީ ފާއިތުވާ ކޮންމެ ދުވަހަކާ އެކު އިތުރުވަމުންނެވެ.
ނަސްލު ނައްތާލުމުގެ އަމަލުތައް ފެށުނީ ކުރީގެ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައި ކަމުގައިވީ ނަމަވެސް، ޓްރަމްޕްގެ ވެރިކަން ފެށުމާއެކު އިސްރާއީލުގެ އަނިޔާވެރި އަމަލުތައް ޢަމަލުތައް ބަލައިގަތެވެ. އަދި ދެވަނަ ފަހަރަށް ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މާގިނަ ދުވަސްތަކެއް ނުވަނީސް ވިދާޅުވީ، "ޣައްޒާގައި ކަންކަން ނިންމާލުމަށް އިސްރާއީލަށް ބޭނުންވާ ހުރިހާ އެއްޗެއް ފޮނުވަމުންގެންދާނަން" ކަމަށެވެ. ޓްރަމްޕް ގަލްފް ގެ ގައުމުތަކަށް ދަތުރުފުޅު ކުރައްވަމުން ގެންދަވާ އިރުވެސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ މިހާރުވެސް ބޮޑު ބައެއް ވީރާނާވެފައިވާ ޣައްޒާގައި އިތުރަށް ހަމަލާތައް ހަރުކަށިކުރުމަށް އިޢުލާނުކޮށްފައެވެ.
ޓްރަމްޕް ބޭނުންފުޅުވަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތައް ވީހާވެސް އަވަހަކަށް ނިންމުމަށެވެ. އެއީ ކޮންމެހެން، ފަލަސްޠީނުގެ ކުޑަކުދިންނާއި އާންމު މީހުން މަރުވަމުން ދިއުމާއި ބަނޑަށް ޖެހިގެން މަރުވަމުންދާ މީހުންގެ އަދަދާ މެދު ކަންބޮޑުވާތީ ނޫނެވެ. އެއާ ޚިލާފަށް، މިހާރު ހިނގަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތަކުން ޣައްޒާގެ ވީރާނާވެފައިވާ ފަސްގަނޑުން އުފެދޭނެ ކަމަށް އޭނާ ވިދާޅުވާ "މެދުއިރުމަތީގެ ރިވިއެރާ" ހަގީގަތަކަށް ހެއްދެވުމަށް ހުރަސްއެޅެމުން ދާތީއެވެ. މިކަން އޭނާ ކުރިއަށް ގެންދަވާނެ ގޮތް ހާމަ ކުރައްވަމުން ވިދާޅުވެފައިވަނީ: "އެމެރިކާއިން ޣައްޒާ ސްޓްރިޕް ހިފާނަމެވެ. އަދި އަހަރެމެން އެތަން ތަރައްގީ ކުރާނަމެވެ. އަހަރެމެން އެތަން މިލްކުކުރާނަމެވެ."
ޓްރަމްޕްގެ މެދުއިރުމަތީގެ ދަތުރުފުޅަށް ތައްޔާރު ވަމުން ދިޔައިރު، އެމެރިކާގެ ރައީސާއި އިސްރާއީލުގެ ބޮޑުވަޒީރާ ދެމެދު ގުޅުން ގޯސްވަމުންދާކަމުގެ ރިޕޯޓުތައް އިތުރުވަމުން ދިޔައެވެ. އެއީ ހަމައެކަނި ޣައްޒާގެ މައްސަލައިގައެއް ނޫނެވެ. އާދީއްތަ ދުވަހު އެން.ބީ.ސީ ނިއުސް އިން ފާހަގަކޮށްފައިވާ ގޮތުގައި، "ޔަމަނުގައި އީރާނުގެ ބާރު އޮތް ޙޫޘީންނާ ދެކޮޅަށް އެމެރިކާއިން ކުރަމުން ދިޔަ ހަނގުރާމަ ހުއްޓާލާ ކަމަށް ޓްރަމްޕް އިޢުލާނު ކުރެއްވުމުން ނަތަންޔާހޫ ވަނީ ހައިރާންވެ، ރުޅި ގަދަވެފައެވެ.""
އިސްރާއީލުގެ ބޮޑުވަޒީރަށް އެއަށްވުރެވެސް ބޮޑަށް ރުޅިގަދަވެފައިވަނީ، އީރާނަށް ސީދާ ހަމަލާދިނުމަށް ޓްރަމްޕް ތާއީދު ނުކުރައްވާތީއެވެ. މީގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާގެ މަދަނީ ނިއުކްލިއަރ ޕްރޮގްރާމަށް އެމެރިކާއިން އެހީތެރިވުމުގެ ޝަރުޠެއްގެ ގޮތުގައި ކުރިން ބުނަމުން އައި އިސްރާއީލާއެކު ގުޅުން އާންމު ހާލަތަކަށް ގެނައުމަށް ސަޢޫދީ ޢަރަބިއްޔާއަށް ބާރުއެޅުން އެމެރިކާއިން މިހާރު ވަނީ ދޫކޮށްލާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެހެންކަމުން، ޓްރަމްޕާއި ނަތަންޔާހޫ އާ ދެމެދު ގުޅުން ގޯސްވެފައިވާކަމުން އެމެރިކާ އާއި އިސްރާއީލާ ދެމެދު އޮތް "ޚާއްޞަ ގުޅުމަށް" ވާނީ ކިހިނެއްތޯ އެއީ އުފެދޭ ސުވާލެކެވެ. އިސްރާއީލުގެ ވައިނެޓް ނިއުސްގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން: "ގުޅުން ގޯސްވެފައި ވީނަމަވެސް، އިސްރާއީލުގެ އިސް ފަރާތްތަކުން ބުނާ ގޮތުގައި ޓްރަމްޕްގެ ސަރުކާރާ އެކު ފަރުދާގެ ފުރަގަހުގައި ކުރެވޭ މަޝްވަރާތައް ވަރަށް ގާތުން ކުރެވެމުންދެއެވެ. އަދި އެމެރިކާ އިން އިސްރާއީލާ މެދު ގެންގުޅޭ ސިޔާސަތުތަކަށް ބަދަލެއް ނާދެއެވެ".
މި ރިޕޯޓުގައި އެމެރިކާގެ ސަފީރު މައިކް ހުކަބީ ވަނީ "ގަލްފްގެ ތިން ޤައުމަށް ކުރައްވާ ޒިޔާރަތުގައި ޓްރަމްޕް ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ތާއީދުކުރައްވާނެ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާފައެވެ." އެހެން އޭނާ ވިދާޅުނުވި ނަމަވެސް ހަމަ ބުއްދީގެ ނަޒަރަކުން ބަލާއިރުވެސް ޣައްޒާގެ މިލްކުވެރިކަން ހޯއްދަވަން އުޅުއްވާ ބޭފުޅަކަށް އަދި ވަކިން ޚާއްސަ ކޮށް ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރު ކުރައްވަން ވާހަކަ ދެއްކެވި ފަރާތަކަށް ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރައްވަން ކުރެއްވޭނީ ކޮންކަމެއްތޯ ވެސް އެއީ އުފެދޭ ސުވާލެކެވެ.
ޓްރަމްޕްގެ މި ދަތުރުފުޅުން އިސްރާއީލު ބާކީ ވީނަމަވެސް، އިސްރާއީލުގެ ނުބައި އަމަލުތަކުގެ މަދަދުގާރެއްގެ އޮތުގައި އެމެރިކާ އޮންނާނެ ކަމުގެ އެތައް ހެތްކެއް ދަނީ ފެންނަމުންނެވެ. ހުސްވި މަހު، އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރު ބެން-ގަވީރު - "ޣައްޒާ އަށް އެންމެ ގްރާމެއްގެ ކާނާ ވެސް ނުވަތަ އެހީއެއް ވެސް ވަނުމުގެ ސަބަބެއް ނެތް" ކަމަށް ބުނި މީހާ - ވަނީ ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ މާރ-އަ-ލާގޯ ރިސޯޓުގައި ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ އިސް ފަރާތްތަކުން މެހެމާންދާރީ އަދާކޮށްފައެވެ. އޭނާގެ ޝަރަފުގައި ބޭއްވުނު ރޭގަނޑުގެ ކެއުމަކަށް ފަހު ބެން-ގަވީރު ފަޚުވެރިކަމާ އެކު ބުނެފައި ވަނީ "ރިޕަބްލިކަނުން ވަނީ ޣައްޒާ ގައި ޢަމަލުކުރަންވީ ގޮތާ ބެހޭގޮތުން އަހަރެންގެ ވަރަށް ސާފު ސިޔާސަތަށް ތާއީދު ފާޅުކޮށްފައެވެ. އަދި ކާނާ އާއި އެހީގެ ގުދަންތަކަށް ބޮންއެޅުމާ ބެހޭގޮތުން އަހަރެންގެ ސިޔާސަތަށްވެސް ތާއީދުކޮށްފައެވެ."