ކ. މާލެ
|
13 މެއި 2025 | އަންގާރަ 10:50
ހޯމަ ދުވަހުގެ ރޭ ބޭއްވުނު "އަހާ" ފޯރަމްގައި މިނިސްޓަރ އަލީ އިހުސާން ވާހަކަދައްކަވަނީ
ހޯމަ ދުވަހުގެ ރޭ ބޭއްވުނު "އަހާ" ފޯރަމްގައި މިނިސްޓަރ އަލީ އިހުސާން ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ
ޔުމްނުގެ މައްސަލައިގެ ތަހުގީގުގައި އަދި މިހާތަނަށް ފުލުހުންގެ ގޯހެއް ފާހަގަ ނުވޭ: އިހުސާން
ޔުމްނުގެ މައްސަލާގައި ފުލުހުން އަދި މިހާތަނަށް ގޯހެއްހަދާފައިވާކަން ފާހަގައެއް ނުވޭ، ވެއްޖެ ނަމަ އެކަމެއް ބަލާނަން
ޔުމްނުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަނީ ކަނޑައެޅިފައިހުރި މިންގަނޑުތަކާ އެއްގޮތަށް

އެޕްރީލް 18 ވަނަ ދުވަހުގެ ރޭ އުސްއިމާރާތަކުން ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އުުުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ ހާދިސާގައި މިހާތަނަށް ފުލުހުންގެ ގޯހެއް ފާހަގަވެފައިނެތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަލީ އިހުސާން މިފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ އޮތް އަހާ ފޯރަމްގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހޯމަ ދުވަހުގެ ރޭގެ ފޯރަމްގައި މިނިސްޓަރަށް އަމާޒުވި ސުވާލެއްގެ ޖަވާބުގައި ވިދާޅުވީ، ޔުމްނުގެ މައްސަލައިގެ ވާހަތައް ސޯޝަލްމީޑިއާގައި ފުރަތަމަ ފެތުރުނީ ވަރަށް ގޯސްކޮށް ކަމަށެވެ. އެގޮތުން، އެ މައްސަލައާއި ގުޅިގެން ފެތުރީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެކަމާއި ވަރަށް ކަންބޮޑުވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިހުސާން ވިދާޅުވީ ފުލުހުން ބެލި ފުޓޭޖުތަކުން އެއިރު ޔުމްނުއާ ގުޅުވައި ދެކެވުނީ ދޮގުވާހަކަތަކެއް ކަން ހާމަވި ކަމަށެވެ. މި މައްސަލައިގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެއްވެސް ތަހުގީގެއްގައި ނުދޭހާ އަވަހަށް މި މައްސަލައިގައި މައުލޫމާތުތައް ހާމަކުރި ކަމަށް އިހުސާން ވިދާޅުވިއެވެ.

އެކަން ފުލުހުން ތަހުގީގު ކުރަނީ ކަނޑައެޅިފައިހުރި މިންގަނޑުތަކާ އެއްގޮތަށް ކަމަށްވާއިރު، ފުލުހުން މައްސަލަ ތަހުގީގު ކުރަނީ ރަނގަޅަށް ކަން ކަށަވަރުކުރުމަށް އެކަމާގުޅޭ އިދާރާތަކުން ވެސް ބަލަމުން އަންނަކަން އިހުސާން ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި އަދިއަދަށް ދާންދެން ވެސް އަޅުގަނޑާ ހިސާބަށް ފުލުހުން އަމަލުކުރި ގޮތުގެ އެއްވެސް ގޯހެއް އަދިއެއް އަޅުގަނޑުމެންނާ ހިސާބަށް ފާހަގަވެފައެއް ނެތް. އެފަދަ ކަމެއް އަންނަ ދުވަހަކުން އަޅުގަނޑުމެން އެފަދަ ކަމެއް ބަލާނަން. ބަލާފައި ފިޔަވަޅު ނާޅަފިއްޔާ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެއީ އަޅުގަނޑާ ދެތޭރޭގައި ފިޔަވަޅު އަޅަން ޖެހޭނެ ސަބަބެއް.

މިނިސްޓަރ އަލީ އިހުސާން

އިހުސާން ފުލުހުންގެ ދިފާއުގައި ވާހަދެއްކެވިއިރު، ފުލުހުން ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ. އަދި އެކަމުގައި އިތުރު ފަރާތެއްގެ އަތެއްވާކަމަށް ފުލުހުން މިހާތަނަށް ހިންގި ތަހުގީގުތަކުން އެނގެން ނެތްކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް ފުލުހުންނަށް އިތުބާރު ނުކުރެވޭ ކަމަށާއި މި މައްސަލައިގައި ފުލުހުން ހަދަނީ ދޮގުކަމަށް ބުނެ، ޒުވާނުން އަންނަނީ ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ކަމަށް ބުނެ ސިލްސިލާ މުޒާހަރާތަކެއް ވެސް ކުރަމުންނެވެ.

ޔުމްނުގެ އާއިލާއިން ވެސް އޭނާއާ ހަވާލާދީ ބުނެފައި ވަނީ، ހ. ފެންޓޯނިއޯ ގެއިން ޔުމްނު ފުންމާލީ އަމިއްލައަށް ނޫން ކަމަށެވެ. އަދި ބަޔަކު އޭނާ ވައްޓައިލީ ކަމަށް ވެސް ވަނީ ބުނެފައެވެ.

މުޒާހަރާތަކުގައި ޒުވާނުން އަންނަނީ އެ މައްސަލައާ ގުޅުންހުރި ދައުލަތުގެ އިސް ފަރާތްތަކުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ. އެ މުޒާހަރާތައް ކުރިއަށްދަނިކޮށް، އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވަނީ އިސްތިއުފާ ދެއްވައިފައެވެ. އަދި ޝައްކުކުރެވޭ މަރުތައް ތަހުގީގު ކުރާ ފުލުހުންގެ ޑެތު އެންޑް ހޯމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގައި އިސްކޮށް ހުންނަވާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވެސް ވަނީ އެ މަގާމުން ވަކިކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގަށް ޚާއްސަ ކޮމިޝަނެއް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ގަރާރަކުން އެކުލަވައިލީ މިދިޔަ އޭޕްރީލް 27 ގައެވެ.

އެކޮމިޝަނުން ހޯމަ ދުވަހު ބުނީ، އެ ކޮމިޝަންގެ މެންބަރުން މި މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކުރައްވައި، ގުޅުންހުރި އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކުރައްވާފައި ކަމަށެވެ. އަދި, އެ މައްސަލައާ ގުޅުންހުރި މީހުންގެ މައުލޫމާތު ސާފުކުރަން ފަށާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ޔުމްނުއަށް މިހާރު މެލޭޝިއާގައި ފަރުވާ ދެމުން އަންނައިރު، އޭނާ ވެއްޓުނު ރޭ އޭނާއާއެކު އުޅުނު އަށް މީހެއްގެ ވަނަވަރު ފުލުހުން ހާމަކޮށްފައިވެއެވެ. އަދި މި މައްސަލައާއި ގުޅުންހުރި އެންމެގެން ފޯނު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޔުމްނުގެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ އޭނާ ވެއްޓުނުއިރު ހުރި ގޭގައި، އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލެވެ.

- ކޮމެންޓް