އައްޑޫ ސިޓީގެ މަރަދޫގައި ހުރި އާސާރީ ބިނާއެއް ކަމަށްވާ ބޮނޑޮގެ، މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އަންނަ ޖުލައި މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.
ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ، ބޮނޑޮގެ އަކީ އައްޑޫ ސިޓީގެ ތާރީޚާއި ވަރަށް ބޮޑަށް ގުޅިފައިވާ ބިނާއެއް ކަމަށާއި އެގޮތުން މިއިމާރާތް އެކި އެކި ބޭނުންތަކުގައި މީގެ ކުރިންވެސް ބޭނުންފައި ހުރުމަށްފަހު، މިހާރު ކުރިއަށްގެންދާ މަސައްކަތަކީ މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަން ހުންނާނެ ފަދަ ގޮތަކަށް މިއިމާރާތް މަރާމާތު ކުރުން ކަމަށެވެ.
އެގޮތުން އެންމެ ކުރީ ޒަމާނުގައި އައްޑޫގައި މީހުން ދިރިއުޅުނު ގޮތާއި، އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކަންތައް ހިނގައިދިޔަ ގޮތް ފެންނަން ހުންނާނެ ގޮތަށް ފަރުމާ ކުރަމުންދާ ކަމަށާއި، ކުރެހުންތެރިންނާއި އަމިއްލަ އުފެއްދުންތައް އުފައްދާ ފަރާތްތަކަށްވެސް އެތަނުން ފުރުސަތު ލިބިގެންދާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.
އެހެންކަމުން މިހާރު ކުރެވުންދާ މަސައްކަތުގެ ތެރެއިން ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށް ގެންގޮސް އަންނަ ޖުލައި މަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭއިރު، އިމާރާތަށް އިތުރު އެއްވެސް ބަދަލެއް ނުގެނެސް މާރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް ވިދާޅުވި އެވެ.
ބޮނޑޮގެ އަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ބިނާއެކެވެ. އެދުވަސްވަރު އައްޑު އަތޮޅުގައި އޮތް އިނގިރޭސި ލަޝްކަރުގެ މުޢާސަލާތީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމަށް 1943 ވަނަ އަހަރު ބިނާކުރެވުނު އިމާރާތެކެވެ. ވޭދުވެދިޔަ ދިގު މުއްދަތުގައި ބޮނޑޮގެ ވަނީ ތަފާތު ކަންކަމުގައި ބޭނުންކުރެވިފައެވެ.
1950 އިން 1957 އަށް މަރަދޫ ރައްޔިތުންގެ މަދްރަސާ 'މަދްރަސަތުލް އަފީފިއްޔާ" ހިންގުނެއެވެ. 1959 ޖެނުއަރީ 1 އިން 1963 ސެޕްޓެމްބަރ 24 އައްޑު އަތޮޅުގައި ހިންގިނި އައްދައުލަތުލް ސުވާދީބިއްޔާގެ ފަރާތުން އޭޓީސީ (އައްޑު ޓްރޭޑިން ކޯޕަރޭޝަން) މިނަމުގައި ވިޔަފާރި މަރުކަޒެއް ހިންގުނެއެވެ.
1964 އޮގަސްޓް 2 ގައި ހިތަދޫ އާރްއެފް ހުސައިން ޖަގަޑާގެ ނަމުގައި ހިންގި ދެކޮޅުވެރި ހަރަކާތުގައި ކުށްވެރިން ބަންދުކުރީ ބޮނޑޮގޭގައެވެ. 1964 އިން 1 ޖޫން 1966އަށް މަރަދޫ އޮފީސް ވަގުތީ ގޮތުން ހިންގުނެއެވެ. 16 މާރޗް 1975 އިން 1979 އަށް މަސްޓް ކްލަބް (މަރަދޫ ޔުނައިޑެޓް ސްޕޯޓްސް ޓްރެއިނިން) ހިންގުނެއެވެ. ޓްރޮޕިކާ މިނަމުގައި ރަޖިސްޓްރީ ކޮށްގެން ހިންގި ބޭންޑްގެ ފަރިތަ ކުރުން ބޭއްވުނުއެވެ. އަދި މަރަދޫ މަދްރަސަތުލް އިމްދާދިއްޔާ ވަގުތީ ގޮތުން ހިންގުނެއެވެ. އެސްޓީއޯގެ ފަރާތުން ސިނަމާއެއްވެސް ހިންގާފައިވެއެވެ. އެއީ 7 އޮކްޓޯބަރ 1982 އިން ފެށިގެން އެސްޓޯއީން ދޫކުރީ 7 ޖުލައި 1993 ގައެވެ.
އައްޑޫ ސިޓީ ކައުންސިލުން 2015 ވަނަ އަހަރު މިއިމާރަތަކީ އާސާރީ ތަނެއްގެ ގޮތުގައި ކަނޑއަޅައި އިމާރާތް އާބާތުރަ ފިލުވުމަށްފަހު ހުޅުވީ 2016 ނޮވެމްބަރު 11 ގައެވެ.
މީގެ އިތުރުން މަރަދޫ އޭޕީއެސް ޕްރީ ސްކޫލް ހިންގުމާއި، ސިނަމާއެއްގެ ގޮތުއި ވެސް މިތަން ބޭނުންކޮށްފައިވެއެވެ.
އެކި ގޮތްގޮތުން އައްޑޫއަށް ޒިޔާރަތްކުރާ ފަރާތްތަކުންނާއި، ފަތުރުވެރިންގެ މެދުގައި މަގްބޫލު ތަނެކެވެ.