ދިވެހި ސަރުކާރުން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކާފައިވާ ޓީ ބިލަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން، އަނެއްކާ ވެސް ފަސްކޮށްދީފި އެވެ.
މިއީ ކުރީގެ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ބަޖެޓު ސަޕޯޓު ހޯދުމުގެ ގޮތުން ވިއްކި 200 މިލިއަން ޑޮލަރުގެ ޓީ ބިލެވެ. ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެެމެދު އެކަމުގެ އެއްބަސްވުން އެކުލަވާލީ 2019 ވަނަ އަހަރު އެވެ.
މި 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީގެ ގޮތުގައި ހަމަޖައްސައިދީފައިވާ ބައެވެ. އެހެންކަމުން ދިވެހި ސަރުކާރުން ދައްކަން ޖެހެނީ 150 މިލިއަން ޑޮލަރެވެ.
އޭގެ ތެރެއިން 50 މިލިއަން ޑޮލަރު ވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ދައްކައިފަ އެވެ. ބާކީ ދައްކަން އޮތް 100 މިލިއަން ޑޮލަރުގެ ތެރެއިން، 50 މިލިއަން ޑޮލަރު ދެއްކުން އެންމެ ފުރަތަަމަ ފަސްކޮށްދިނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެހެންކަމުން މިއީ، މި ސަރުކާރު އައި ފަހުން 50 މިލިއަން ޑޮލަރު ދެއްކުން އިންޑިއާ އިން ފަސްކޮށްދިން ދެ ވަނަ ފަަހަރެވެ.
މިކަމާ ގުޅިގެން އިންޑިއަން ހައި ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އެސްބީއައި އަށް ވިއްކާފައިވާ ޓީ ބިލަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން އަހަރަކަށް ފަސްކޮށްދީފައިވާ ކަމަށެވެ.
މީގެ އިތުރުން ބުނެފައި ވަނީ މިއީ ދެ ޤައުމުގެ ދެމެދުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު، ރާއްޖެ އަށް މާލީ އެހީތެރިކަން ދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެފައިވެ އެވެ.
އެ ފައިސާ ދެއްކުން ފަސްކޮށްދިނުމުން، ޚާރިޖީ ވަޒީރު ޑޮކްޓަރު ޢަބްދުﷲ ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑޮކްޓަރު ޖައިޝަންކަރު އަދި އިންޑިއާ ސަރުކާރަށް ޝުކުރު އަދާ ކޮށްފަ އެވެ.
މިނިސްޓަރު ޚަލީލް ވިދާޅުވީ އިންޑިއާގެ މި އެހީތެރިކަމަކީ ދިވެހި ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގާތް ގުޅުމާއި، ރަޙުމަތްތެރިކަން ރަޒްމުކޮށްދޭ ކަމެއް ކަމަށެވެ. ހަމަ އެހެންމެ މިއީ، ރާއްޖޭގެ އިޤްތިސާދު ރަނގަޅުކޮށް ކުރިއަށް ގެންދިޔުމަށް ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ވެސް އެހީތެރިވެދާނެ ކަމެއް ކަމަށް ވެސް މިނިސްޓަރު ޚަލީލް ވަނީ ވިދާޅުވެފަ އެވެ.
ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އިންޑިއާ އިން 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފައިވާއިރު، ސަރުކާރުން މިހާތަނަށް ވެސް ބުނަމުން އައީ އެކި އެކި ޤައުމުތަކަށް ދައްކަން ޖެހޭ ދަަރަނި އަދާ ކުރުމުގައި ދަތިތަކެއް ނެތް ކަމަށެވެ.
އެގޮތުން މާލީ ގޮތުން ވެސް ސަރުކާރުގައި ޤާބިލުކަން ހުރި ކަމަށާއި، ދިވެހި ސަރުކާރުން ދައްކަން ޖެހޭ ފައިސާތައް ބަރާބަރަށް ދައްކަމުން ގެންދާނެ ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައިވެ އެވެ.