ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރާ މައްސަލަ މަޑު ޖައްސާލުމަށް ދަ ލޯ އެސޯސިއޭޝަން ފޯ އޭޝިޔާ އެންޑް ޕެސިފިކް އިން ގޮވާލައިފި އެވެ.
ހޯމަ ދުވަހު ލޯ އޭޝިޔާއިން ނެރުނު ބަޔާނެއްގައި ވަނީ މިމައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.
ބަޔާނުގައި ބުނެފައިވަނީ ކަމާގުޅުންހުރި އިދާރާތަކާއި، ބާރ ކައުންސިލުން މިމައްސަލާގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޔާއަތް ނުކޮށް، އަދި ކަންބޮޑުވުންތަކަށް ހައްލެއް ލިބުމުގެ ކުރިން ފަނޑިޔާރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް އެދޭ ކަމަށެވެ.
މިފަދަ ހައްސާސް މައްސަލައެއްގައި، ފަނޑިޔާރުން ވަކި ކުރުމުގެ ހުރިހާ މަރުހަލާއެއް ދެފުށް ފެންނަ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ލޯއޭޝިޔާއިން ގޮވާލާފައިވެއެވެ. އަދި ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވާއިރު، ފަނޑިޔާރުން ވަކި ކުރަން ގެންގުޅޭ އުސޫލަކީ އިންސާފު، އަދުލުވެރި އުސޫލެއްކަން ކަށަވަރު ކުރުމަށް އެދިފައިވެއެވެ.
މީގެ އިތުރުން ލޯ އޭޝިޔާއިން ބުނީ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމުގައި ވެސް ގާނޫނުގެ ވެރިކަމާއި ޝަރުއީ ނިޒާމާއި ޝަރުއީ ނިޒާމުގެ މިނިވަންކަމުގެ އުސޫލުތަކާއި މެދު ސުވާލު އުފެދިފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރާ މައްސަލަ މަޑު ޖައްސާލުމަށް ގޮވާލި ނަމަވެސް ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ވަކިކުރަން ޕީއެންސީގެ މެޖޯރީޓީ އޮންނަ ޖުޑިޝަރީ ކޮމިޓީން 11 މެއި 2025 ގައި ބޭއްވި ކޮމެޓީން ވަނީ ނިންމާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ހުސްނުއްސުއޫދާއި މަހާޒް އަލީ ޒާހިރު ސަސްޕެންޑު ކުރީ، މެންބަރުން ވަކިކުރެވޭ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެ ކޯޓަށް ހުށަހަޅައި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށް ފަނޑިޔާރުން މާލަމުގައި ތިއްބަވަނިކޮށެވެ. ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ ޖޭއެސްސީން ކުއްލި ބައްދަލުވުމެއް ބާއްވާ 10 މިނެޓުގެ ތެރޭގައި ގޮތް ނިންމުމަށްފަހު 26 ފެބްރުއަރީ 2025 ގައެވެ.
އޭގެފަހުން 4 މާރޗް 2025 ވަނަ ދުވަހު ރައީސް މުއިއްޒު ގާނޫނު އަސާސީ އާ ޚިލާފުވެއްޖެ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ.
ސުޕްރީމް ކޯޓު މިހާރު އޮތްގޮތުން ދުސްތޫރީ މައްސަލައެއް ބެލޭނީ އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. އެއީ 7 ފަނޑިޔާރުންގެ ބެންޗުންނެވެ. ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން އޭނާގެ ބަދަލު އެ މަގާމަށް އަލްއުސްތާޛު ޙުސައިން ޝަހީދު ވަނީ އައްޔަން ކުރައްވާފައެވެ. އެހެންކަމުން މިހާރު ކޯޓުގައި ތިބީ 5 ފަނޑިޔާރުންނެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ދުސްތޫރީ ބޮޑު މައްސަލައެއް ހުއްޓުވުމަށް ސަރުކާރުން ރާވައިގެން 3 ފަނޑިޔާރަކު ސަސްޕެންޑްކުރި އިރު، ޖޭއެސްސީގައި ހިމެނޭ ބާ ކައުންސިލްގެ މެންބަރު ވޯޓު ދެއްވި ގޮތާއި ގުޅޭގޮތުން ވެސް އެ ކައުންސިލްގައި ހިމެނޭ ގިނަ އަދަދެއްގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.