ރަޝިޔާ އިން ޔުކްރެއިންގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް، ރަޝިޔާ އާއެކު ސީދާ މަޝްވަރާތަކަށް ތައްޔާރަށް ހުންނެވި ކަމަށް ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
އާދީއްތަ ދުވަހު ޒެލެންސްކީ ވިދާޅުވީ ހޯމަ ދުވަހުން ފެށިގެން، 30 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާ އިން އެއްބަސްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ޒެލެންސްކީ ވިދާޅުވީ ޔުކްރެއިން އިން އޮތީ، ރަޝިޔާ އާއެކު ސީދާ މަޝްވަރާތައް ކުރުމަށް ވެސް ތައްޔާރަށް ކަމަށެވެ.
ޒެލެންސްކީ މިހެން ވިދާޅުވެފައި ވަނީ އިސްތަންބޫލުގައި މި މަހުގެ ތެރޭގައި ޔުކްރެއިން އާއެކު މަޝްވަރާތައް ކުރައްވަން ތައްޔާރު ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެފައި ވަނިކޮށެވެ.
މަޝްވަރާތަކަށް ތައްޔާރު ކަަމަށް ޕުޓިން ވިދާޅުވި ނަމަވެސް، ޔޫރަޕުގެ ލީޑަރުން އަދި އެމެރިކާ އިން ހުށަހަޅާފައިވާ 30 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް ރަޝިޔާ އިން އެއްބަސްވެފައި ނުވެ އެވެ.
އެކަމާ ގުޅިގެން ޒެލެންސްކީ ވިދާޅުވީ އެންމެ ދުވަހަކަށް ވެސް މީހުން މެރުން ކުރިއަށް ގެންދިޔުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އަދި އުންމީދު ކުރަނީ ހޯމަ ދުވަހުން ފެށިގެން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާ އިން އެއްބަސްވެ، އިތުބާރު ހުރި ގޮތެއްގައި ހަނގުރާމަ ހުއްޓާލަން މަސައްކަތް ކުރުން ކަމަށް ވެސް ޒެލެންސްކީ ވަނީ ވިދާޅުވެފަ އެވެ.
ރަޝިޔާ އިން އަންނަނީ 2022 ވަނަ އަހަރުން ފެށިގެން ޔުކްރެއިން ހަނގުރާމަ ކުރިއަށް ގެންދަމުންނެވެ. އަދި ދެ ޤައުމުގެ ދެ މެދުގައި ވަނީ އެކި ފަހަރު މަތިން ހަމަލާތައް ބަދަލު ކޮށްފަ އެވެ.
އެހެން ނަމަވެސް ޒެލެންސްކީ ވިދާޅުވީ ހަނގުރާމަ ނިންމުމުގެ ވިސްނުން ރަޝިޔާ އިން ގެންގުޅޭ ކަމަށް ޤަބޫލު ކުރެވޭ ކަމަށާއި، އެއީ ރަނގަޅު ނިޝާނެއް ކަމަށެވެ. އަދި އެކަމާ މެދު ރަޝިޔާ އިން ވެސް ވިސްނަމުން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.
އިތުރަށް ޒެލެންސްކީ ވިދާޅުވީ އެ ހަނގުރާމަ ނިންމުމަކީ މުޅި ދުނިޔެ ވެސް އެތައް ދުވަހެއް ވަންދެން ކުރަމުން އަންނަ އިންތިޒާރެއް ކަމަށާއި، ހަނގުރާމަ ނިންމުމުގެ ފުރަތަމަ ފިޔަވަޅަކީ ވަކި މުއްދަތަކަށް ހަނގުރާމަ ހުއްޓާލުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ނިންމުމަށް ބާރު އެޅުމަށްޓަަކައި، ފްރާންސް، އިނގިރޭސިވިލާތް، ޖަރުމަނު އަދި ޕޮލެންޑުގެ ލީޑަރުން ވަނީ ޔުކްރެއިންގެ ވެރި ރަށް ކީވް އަށް ވަޑައިގެން، މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ.