ފުލުހުންގެ ސަފުތަކުގެ ތެރެއަށް ނުވަނުމަށާއި ފުލުހުންގެ ސަފުތަކާއި ނޫސްވެރިންނާ ދެމެދު އެކަށީގެންވާ ދުރުމިނެއް ބަހައްޓައިގެން މަސައްކަތްތައް ކުރުމަށް ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފި އެވެ.
އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގެއިން ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދުމަށް ގޮވާލައި، ކުރިއަށް ގެންދާ މުޒާހަރާ ކަވަރު ކުރާ ނޫސްވެރިންނަށް ފުލުހުން ހުރަސްއަޅާ ކަމަށް ބުނެ، ބައެއް ނޫސްވެރިން ކަންބޮޑުވުންފާޅުކޮށް އެމައްސަލަ ސަމާލު ކަމަށް ގެނެސްފައިވެއެވެ.
މިމައްސަލައާ ގުޅިގެން އާދިއްތަ ދުވަހު ފުލުހުން ބުނީ އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ރައްކާތެރިކަމާއި، އެއްވުންތަކާ ގުޅިގެން ފުލުހުން ބަންދުކުރާ ސަރަހައްދުތަކަށް ވަނުމުގެ ހުއްދަ ދިނުމުގައި ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދަން ބޭނުންވާ ކަމަށެވެ.
އެގޮތުން އެއްވުމާ ގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދުގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޫކުރާ އެކްރެޑިޓޭޝަން ކާޑު ބޭނުން ކުރުމަށާއި، (ކާޑު ނެތްނަމަ ވީހާވެސް އަވަހަށް ކާޑު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް) އެދިފައިވެއެވެ.
މި އެކްރެޑިޓޭޝަން ކާޑު އަބަދުވެސް ފެންނަ ގޮތަށް ހަށިގަނޑުގައި ހަރުކޮށްގެން މަސައްކަތް ކުރުމާއި، ކާޑުގެ މުއްދަތު ހަމަނުވާކަން ކަށަވަރު ކުރުމާއި، ފުލުހުންގެ ސަފުތަކުގެ ތެރެއަށް ނުވަނުމާއި ފުލުހުންގެ ސަފުތަކާއި ނޫސްވެރިންނާ ދެމެދު އެކަށީގެންވާ ދުރުމިނެއް ބަހައްޓައިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމާއި، ފުލުހުން ހަރަކާތްތެރިވާ ސަރަހައްދުގައި ފުލުހުން ހިންގާ އޮޕަރޭޝަނަށް ހުރަސްއެޅޭ ގޮތަށް ހަރަކާތްތެރި ނުވުމާއި އަދި ކާޑުގެ މުއްދަތު ހަމަނުވާކަން ކަށަވަރު ކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.
މީގެ އިތުރުން ފުލުހުން ހަރަކާތްތެރިވާ ސަރަހައްދުގައި ފުލުހުން ހިންގާ އޮޕަރޭޝަނަށް ހުރަސްއެޅޭ ގޮތަށް ހަރަކާތްތެރި ނުވުމަށް ވެސް އެދިފައިވެއެވެ.
ފުލުހުން ބުނީ އެކްރެޑިޓްކޮށްފައިވާ ފާސް ލިބެންދެން، ކުރިއަށް އޮތް ހަތަރު ދުވަހު (މެއި 12-15 އަށް)، އެ ނޫސްވެރިއަކު ތަމްސީލުކުރާ މީޑިއާއެއްގެ ފާސް އެއްވުންތައް ކަވަރު ކުރުމުގައި ބޭނުންކުރެވޭނެ ކަމަށެވެ.
މި ގޮތަށް އަމަލުކުރުމުން ނޫސްވެރިންގެ މަސައްކަތަށްވެސް ލުއިފަސޭހަކަން ލިބި، ރައްކާތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ފުލުހުން ބުނެއެވެ. މީގެ ސަބަބުން ފުލުހުންނާއި ނޫސްވެރިންގެ މެދުގައި އޮންނަންޖެހޭ ގުޅުން ހަރުދަނާވެ، ދެފަރާތުގެ މަސައްކަތަށް ފަހިކަން ލިބޭނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން މިފަދަ އިލްތިމާސްއެއް ކުރި ނަމަވެސް މީގެ ކުރިން ވެސް ނޫސްވެރިންގެ މަސައްކަތްތަކަށް ފުލުހުން ހުރަސްއަޅައި، ނޫސްވެރިން ނަގާ ފޮޓޯ ވީޑިއޯ ޑިލީޓް ކުރުވާ މައްސަލަތައް ފެންމަތިވެފައިވެއެވެ. އަދި މީގެ ކުރިން ވެސް މާލޭގައި ކުރިއަށް ގެންދިޔަ ބައެއް މުޒާހަރާތަކުގައި ނޫސްވެރިން ފަހަތަށް ޖައްސާ، ނޫސްވެރިން ތިބޭ ސަރަހައްދަށް ޕެޕަރ ސްޕްރޭ ޖަހައި، ނޫސްވެރިންނަށް އަނިޔާ ލިބޭގޮތަށް ފުލުހުން އަމަލު ކޮށްފައިވާ ކަމަށް ބައެއް ނޫސްވެރިން ބުނެފައިވެއެވެ.