ކ. މާލެ
|
10 މެއި 2025 | ހޮނިހިރު 16:32
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން ވާހަކަދައްކަވަނީ
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ރައީސް މުއިއްޒު ދޮގު ހެއްދެވުން
މި ސަރުކާރުގެ މައިގަނޑު ސިފައަކީ ރައީސް މުއިއްޒު ދޮގު ހެއްދެވުމުގެ ސިފަ ކަމަށް ގިނަ ރައްޔިތުން ގަބޫލުކުރޭ: އަލީ ހުސެއިން
ދައުލަތެއް އަދުލުވެރިވަނީ އެދައުލަތެއްގައި އޮންނަ ސަރުކާރަކުން އަދުލުވެރިވުމުން
ކުރިއަށް އޮތްތަނުގައި ރައީސް މުއިއްޒުގެ ލެގަސީއަކަށް ދޮގު ހެއްދެވުން ވެގެންދާނެ
މައްސަލައެއް ބަލައިގަތުމަށް ސުޕްރީމް ކޯޓުން ނިންމި ހިސާބުން ރައީސް މުއިއްޒު ވަޑައިގަތީ އެޓޭކް މޯޑަށް

މި ސަރުކާރުގެ މައިގަނޑު ސިފައަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދޮގު ހެއްދެވުމުގެ ސިފަ ކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާ ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި އަލީ ހުސެއިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކީ އުސޫލެއްގެ ގޮތުން މި ދައުލަތުގައި އަދުލުއިންސާފު ގާއިމްކޮށް، ގާނޫނު ހެދުންކަމުގައި ވިޔަސް އަދި ދައުލަތުގެ ހުރިހާ ކަމެއްގައި އޯވަރޯލްކޮށް ހަވާލުވެ ހުންނަވާ ބޭފުޅާ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒަށް އެމަނިކުފާނަކީ ރައީސްކަން ހަނދުމަފުޅުނެތޭ ފަހަރު އަންނަހެން ހީވާ ޒާތަށް ވާހަކަފުޅު ދައްކަވާ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ ދައުލަތެއް އަދުލުވެރިވަނީ އެދައުލަތެއްގައި އޮންނަ ސަރުކާރަކުން އަދުލުވެރިވުމުން ކަމަށާއި، ނަމަވެސް ދޮގު ހެދުމަކީ މިސަރުކާރުގެ ސިގްނޭޗަރ އެއް ކަމަށެވެ. މިސަރުކާރުގެ ސިފައަކީ ރައީސް މުއިއްޒު ދޮގު ހެއްދެވުން ކަމަށް ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރައީސް މުއިއްޒުގެ ލެގަސީއަކަށް ދޮގު ހެއްދެވުން ވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން އަލީ ހުސެއިން ވަނީ މި ސަރުކާރުން ޖުޑިޝަރީ މިނިވަންކަމާއެކު ހިންގުމަށް ފުރުސަތު ނުދޭތީ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ.

ދައުލަތެއް އަދުލުވެރިވަނީ އެދައުލަތެއްގައި އޮންނަ ސަރުކާރަކުން އަދުލުވެރިވީމަ އިނގޭތޯ. ހަގީގަތަކީ މިއީ. ޖުޑީޝަރީގައި ކިތަންމެ ރަނގަޅު ފަނޑިޔާރުން ތިއްބަސް ކިތަންމެ ރަނގަޅަށް ފަނޑިޔާރުން ހުކުމް ކުރެއްވިޔަސް ސަރުކާރުން އަދުލުވެރި ނުވާ ކަމަށްވަންޏާ ސަރުކާރުގައި އަދުލުވެރިކަން ނެތީވިއްޔާ ހަގީގަތުގައި ދައުލަތުގައި އަދުލުވެރިކަމެއް ނޯންނާނެ. އެވަރު އެނގިވަޑައި ނުގަންނަވާކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. ފަހުމްވެވަޑައި ނުގަންނަވާކަން އަޅުގަނޑުމެންނަށް ވަރަށް ސާފުވޭ.

ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން

މި ސަރުކާރުން ސުޕްރީމް ކޯޓުގައި ތަޅު އެޅުވީ ، މައްސަލައެއް ބަލައިގަތުމަށް ސުޕްރީމް ކޯޓުން ނިންމި ހިސާބުން ކަމަށާއި، އެ ދުވަހު ރައީސް މުއިއްޒު ކުއްލި ގޮތަކަށް ކެބިނެޓް ބައްދަލުވުމެއް ބާއްވަވައި، ވަގުތުން ވަޑައިގެންނެވީ އެޓޭކް މޯޑަށް ކަމަށެވެ. ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވުމުން އިއްތިފާގެއް ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް އެއީ ދޮގުކަން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

3 މެއި 2025 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ނަމަވެސް މެމްބަރުން ވަކިކުރެވޭނެ ގޮތަށް މަޖިލީހުގެ ސުޕަރމެޖޯރިޓީ ބޭނުންކޮށްގެން ގާނޫނުއާސާސީ އަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށްދަނިކޮށް، ރައީސް މުއިއްޒުގެ އެންގެވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުއްލި ބައްދަލުވުމެއް ބާއްވާ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ހުސްނުއްސުއޫދާއި މަހާޒް އަލީ ޒާހިރު ސަސްޕެންޑު ކުރީ، މެމްބަރުން ވަކިކުރެވޭ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެ ކޯޓަށް ހުށަހަޅައި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށް ފަނޑިޔާރުން މާލަމުގައި ތިއްބަވަނިކޮށެވެ. ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ ޖޭއެސްސީން ކުއްލި ބައްދަލުވުމެއް ބާއްވާ 10 މިނެޓުގެ ތެރޭގައި ގޮތް ނިންމުމަށްފަހު 26 ފެބްރުއަރީ 2025 ގައެވެ.

އޭގެފަހުން 4 މާރޗް 2025 ވަނަ ދުވަހު ރައީސް މުއިއްޒު ގާނޫނު އަސާސީ އާ ޚިލާފުވެއްޖެ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި ޖޭއެސްސީން މިހާރު ބަލަމުން އަންނަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްސަލައެވެ.

ސުޕްރީމް ކޯޓު މިހާރު އޮތްގޮތުން ދުސްތޫރީ މައްސަލައެއް ބެލޭނީ އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. އެއީ 7 ފަނޑިޔާރުންގެ ބެންޗުންނެވެ. ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން އޭނާގެ ބަދަލު އެ މަގާމަށް އަލްއުސްތާޛު ޙުސައިން ޝަހީދު ވަނީ އައްޔަން ކުރައްވާފައެވެ. އެހެންކަމުން މިހާރު ކޯޓުގައި ތިއްބެވީ 5 ފަނޑިޔާރުންނެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ދުސްތޫރީ ބޮޑު މައްސަލައެއް ހުއްޓުވުމަށް ސަރުކާރުން ރާވައިގެން 3 ފަނޑިޔާރަކު ސަސްޕެންޑްކުރި އިރު، ޖޭއެސްސީގައި ހިމެނޭ ބާރ ކައުންސިލްގެ މެންބަރު ވޯޓު ދެއްވި ގޮތާއި ގުޅޭގޮތުން ވެސް އެ ކައުންސިލްގައި ހިމެނޭ ގިނަ އަދަދެއްގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

- ކޮމެންޓް