ކ. މާލެ
|
10 މެއި 2025 | ހޮނިހިރު 11:38
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ކުޑަ ކުދިންގެ ދުވަސް
ކޮންމެ ނޭދެވޭ ކަމަކާ ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކުރުމަށް ހުރިހާ ރައްޔިތުން މަސައްކަތް ކުރަންޖެހޭ: ރައީސް މުއިއްޒު
ގައުމުގެ ދެމިއޮތުންކަމުގައި ޅަދަރީން ހެޔޮގޮތުގައި ބޮޑެތި ކުރުމަކީ ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަގީންކަން
ކޮންމެ ދުވަހަކުވެސް ބޭނުންތެރި އާ ކަންކަން ދަސްކުރުމަށް އިލްތިމާސްކުރެއްވި
ދުނިޔެއަށް އަންނަމުންދާ ހަލުވި ކުރިއެރުމާއި ބޮޑެތި ބަދަލުތަކަށް ދަރީން ހޭލުންތެރި ކުރަން ޖެހޭ

ކޮންމެ ނޭދެވޭ ކަމަކާ ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކުރުމަށް ހުރިހާ ރައްޔިތުން މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ކުޑަކުދިންނަކީ އެންމެންގެ ހިތްތަކުގެ ހަމަޖެހުންކަމަށާއި، ގައުމުގެ ދެމިއޮތުންކަމުގައި ޅަދަރީން ހެޔޮގޮތުގައި ބޮޑެތި ކުރުމަކީ، ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަގީންކަން ކަމަށެވެ.

ރައީސްގެ ޚިޠާބުގައި، ކޮންމެ ނޭދެވޭ ކަމަކުން ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކުރުވުމަށް އެންމެން އަޒުމު ކަނޑައެޅުމަށް އެދިވަޑައިގަތެވެ. އަދި ކުޑަކުދީންނަށްޓަކައި، ކޮންމެ ތަނަކުންވެސް، އެކަކު އަނެކަކަށް އިހްތިރާމް ކުރާ، އަދަބު އަހުލާގު ޒީނަތްތެރިވެފައިވާ، ރީތި މާހައުލެއް ދެއްކުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. ހަމައެއާއެކު ޒަމާނަށް ފެތޭނެ، މާދަމާއަށް ބޭނުން ހިފޭނެ، ތައުލީމާއި ތަމްރީނު އެ ކުދިންނަށް ހޯދައިދިނުމަށާއި، ދިވެހި ގައުމުދެކެ ލޯބިވާ، ދިވެހިވަންތަ، މުސްލިމް ދަރީންތަކެއްގެ ކޮނޑުމަތީ މި ގައުމުގެ މަޖްދާއި ކަރާމާތް އުފުލާނެކަން ކަށަވަރު ކުރުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

އަޅުގަނޑުމެން މިއަދު އަޒުމު ކަނޑައަޅަންވީ، ކޮންމެ ނޭދެވޭ ކަމަކާ ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކުރުމަށެވެ. ގޭތެރެއާއި، މަގުމައްޗާއި، މިނޫން ކޮންމެ ތަނަކުންވެސް، އެކަކު އަނެކަކަށް އިޙްތިރާމް ކުރާ، އަދަބު އަޚްލާޤުން ޒީނަތްތެރިވެފައިވާ، ރީތި މާހައުލެއް ދެއްކުމަށެވެ. ޒަމާނަށް ފެތޭނެ، މާދަމާއަށް ބޭނުން ހިފޭނެ، ތަޢުލީމާއި ތަމްރީނު އެ ކުދިންނަށް ހޯދައިދޭށެވެ. ދިވެހި ޤައުމުދެކެ ލޯބިވާ، ދިވެހިވަންތަ، މުސްލިމް ދަރީންތަކެއްގެ ކޮނޑުމަތީ މި ޤައުމުގެ މަޖްދާއި ކަރާމާތް އުފުލާނެކަން ކަށަވަރު ކުރާށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

މީގެ އިތުރުން އެމަނިކުފާނު ވަނީ ކޮންމެ ދުވަހަކުވެސް ބޭނުންތެރި އާ ކަންކަން ދަސްކުރުމަށާއި، އެއްދުވަހަށްވުރެ ކާމިޔާބު އަނެއްދުވަސް ހޯދަން އަޒުމު ކަނޑައެޅުމަށް ކުޑަކުދިންނަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. އަދި ފަރުޟު ފަސްނަމާދު ކުރުމާއި، ދީނަށް ހުރުމަތްތެރިކޮށް ހިތުމާއި، ދިވެހި އާދަކާދަތަކަށް އަހުލުވެރިވެ، ގައުމުދެކެ ލޯބިވުމަށް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

ކުޑަ ކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއްވެސް ހިއްސާކުރައްވާފައެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި ދުނިޔެއަށް އަންނަމުންދާ ހަލުވި ކުރިއެރުމާއި ބޮޑެތި ބަދަލުތަކަށް ދަރީން ހޭލުންތެރި ކުރަން ޖެހޭކަމުގައި ބަޔާންކުރައްވާފައި ވެއެވެ. އަދި މާދަމާ ދިވެހި ގައުމާއިގެން ނިޔާމަ ދަތުރެއް ކުރެވޭނެ ގާބިލްކަމާއި ހިތްވަރު ކުދިންނަށް ލިބޭނީ އެންމެން އެކަމަށް މަސައްކަތްކޮށްދީގެން ކަމުގައި ފާހަގަކުރެއްވިއެވެ.

- ކޮމެންޓް