ހުޅުމާލެ އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމަށް އެމްއެންޑީއެފްއާ ހަވާލުކޮށްގެން ފެށި މަސައްކަތް ފުރިހަމަކުރުމަށްފަހު ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުހައްމަދު މުއިއްޒު، ގައުމީ ލެވެލްގެ ޚާއްސަ މަސައްކަތެއްގެ ގޮތުގައި ދިވެހި ސިފައިންނާ މި މަސައްކަތް ހަވާލުކުރެއްވުމުން، އެމްއެންޑީއެފުން އަމަލީ މަސައްކަތް ފަށާފައިވަނީ 28 މާރޗް 2025 ގައެވެ.
އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްގެ ޑިޒައިނިންގ ޓީމުން ވަނީ އަލުން އެތަން ޑިޒައިންކޮށް، ކުޑަކުދިން ގަޔާވާ ކަހަލަ ބައެއް ބަދަލުތައް ވެސް ގެނެސް ފައެވެ.
އެމްއެންޑީއެފުން ބުނީ، ސިފައިން ހުއްޓުމެއްނެތި މަސައްކަތްކޮށް ނިންމައި، ބުރާސްފަތި ދުވަހު ރަސްމީކޮށް މިސެންޓަރު ހެލްތް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ދުނިޔޭގެ ތެލެސީމިއާ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން ވަނީ، އޮރެންޖު ހިޔާގައި އަލަށް ޚިދުމަތް ފޯރުކޮށްދޭން ފަށާ ތެލެސީމިއާ އެންޑް އަދަރ ހިޔުމޯގްލޯބިނޯޕެތީސް ސެންޓަރަށް ލޭ ހަދިޔާކޮށްފައެވެ.
ހުޅުމާލޭ ފޭސް 1 ގައި ހުންނަ އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކޮށްފައި މިވަނީ ތެލެސީމިއާ ސެންޓަރު ހިންގަމުންދިޔަ ދަމަނަވެށި ވަރަށް ބޮޑަށް ބައުވެ، އެތަނުގައި ޚިދުމަތްތައް ނުދެވި ފިލްޓަރތަކުގެ މައްސަލައެއް ދިމާވެ، ލޭ އަޅާ މީހުންގެ ލޭތައް އުކާލަންޖެހޭ މައްސަލަ ބޮޑުވެ، އާއްމު ރައްޔިތުން މުޒާހަރާ ކުރުމާ ގުޅިގެންނެވެ. އަދި އެ އިމާރާތަކީ ރައްކާތެރި ތަނެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.
މި މައްސަލަ ފެންމަތިވުމާ ގުޅިގެން 23 މާރިޗް 2025 ވީ އާދިއްތަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ރައީސް މުއިއްޒު ވަނީ ތެލަސީމިއާ ސެންޓަރުގެ ހާލަތު ބައްލަވާލެއްވުމަށް އެސެންޓަރަށް ޒިޔާރަތްކުރެއްވައި، މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ދަމަނަވެށީގައި ހިންގަމުންދިޔަ ތެލަސީމިއާ ސެންޓަރުގެ ހާލަތު އަދި ދަމަނަވެށީގެ އެ އިމާރާތުގެ ހާލަތު ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.
ނަމަވެސް އެމަނިކުފާނުގެ ރިޔާސީ އިންތިޚާބުގެ ކެންޕޭންގެ ތެރޭގައި މި އިމާރާތާ ގުޅޭގޮތުން ވަނީ ވާހަކަ ދައްކާފައެވެ. ރައީސް މުއިއްޒު ވިދާޅުވީ ތެލަސީމިއާ ސެންޓަރުގެ ހާލަތު ވަރަށް ދަށް ކަމަށާއި، ރަނގަޅު ޚިދުމަތެއް ނުދެވޭތީވެ، ތެލަސީމިއާ ކުދިން މަރުވާ ރޭޓް ވެސް އިތުރުވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ރަނގަޅު ޑޮކްޓަރުންނާއެކު، ފެންވަރު ރަނގަޅު ޚިދުމަތް ދެވޭ ޖާގަ ބޮޑު ތެލަސީމިއާ ސެންޓަރެއް މާލެސިޓީގައި ގާއިމް ކުރާނެ ކަމަށެވެ.
ރައީސް މުއިއްޒު ހެއްދެވި މި އިތުރުފުޅާ ގުޅިގެން ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެ، ގިނަ ބައެއްގެ ފާޑުކިޔުން ވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.