ކ. މާލެ
|
8 މެއި 2025 | ބުރާސްފަތި 12:59
131 ވަނަ ސިފައިންގެ ދުވަހުގެ ޚާއްސަ ރަސްމިއްޔާތުގައި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވާހަކަދައްކަވަނީ
131 ވަނަ ސިފައިންގެ ދުވަހުގެ ޚާއްސަ ރަސްމިއްޔާތުގައި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވާހަކަދައްކަވަނީ
މިނިސްޓްރީ އޮފް ޑިފެންސް
ގައުމީ ސަލާމަތަށް ނުރައްކާވުން
އެމްއެންޑީއެފްގެ ގާބިލްކަން އިތުރު ކުރުމަށް މިދިޔަ 25 އަހަރު ކަމެއް ކޮށްފައިނުވާ ކަމަށް ވިދާޅުވުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް: މާރިޔާ
ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް މި ސަރުކާރުން ގެނެސްފައިވާ ޑްރޯންތައް ބޭނުންނުކުރެވޭ
މިދިޔަ ސަރުކާރުގައި ބައިނަލްއަގުވާމީ ގައުމުތަކާއެކު ބޭއްވި ގާތްގުޅުމާއެކު، ބޮޑެތި އެހީތައް ލިބިފައިވޭ
ސިފައިންގެ ގާބިލްކަން އިތުރު ކުރުމަށް ގިނަ ސިފައިނުންނަށް ތަމްރީނުގެ ގިނަ ފުރުސަތުތައް ފަހިކޮށްދީފައިވޭ

ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރު ކުރުމަށް މިދިޔަ 25 އަހަރު އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް ސިފައިންގޭގެ އެންމެ މަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވުމަކީ ގައުމީ ސަލާމަތަށް ހުރި ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މާރިޔާ ވަނީ، 3 މެއި 2025 ގައި ރައީސް މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ދެއްކެވި ބައެއް ފާހަކަފުޅަށް އަލިއަޅުއްވާލައްވައި، ވާހަކަ ދައްކަވާފައެވެ. އެގޮތުން ދިފާއީ ބާރުގައި ވަރު ހުންނަން ޖެހޭ ކަމަށާއި ވޭތުވެދިޔަ 20 އަކަށް 25 އަކަށް އަހަރު އަސްކަރިއްޔާ އޮތީ އެއްގޮތަކަށް ވެސް އަޅާ ނުލެވި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާތީ އެކަމަށް ފާޑު ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ރައީސް މުއިއްޒުގެ އެ ވާހަކަފުޅުތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކާތެރި ވާހަކަފުޅުތަކެއް ކަމަށެވެ. އަދި ވިދާޅުވީ މިހާރު އަސްކަރިއްޔާ ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތާއި، ހޯދާ އާލަތްތަކުގެ މައުލޫމާތު ވެސް ހާމަކުރަމުންދާ ކަމަށާއި، މިއީ މައްސަލައެއް ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިސަރުކާރުން ގެނެސްފައިވާ ޑްރޯންތައް ބޭނުންނުކުރެވޭ ކަމަށާއި، މަސައްކަތް ކުރުމުގައި އެއްވެސް ކަހަލަ ހަމައެއް އުސޫލެއް ނެތް ކަމަށެވެ.

ބުނެވެނީ އަޅުގަނޑުމެންގެ ސަލާމަތީ އަޅުގަނޑުމެންގެ ޑިފެންސް ފޯސް އެއޮތީ ތައްޔާރީ ހާލަތުގައި ނޫނޭ. ތިމަންނަމެންނަށް ކޮންމެ ވަގުތަކު ވެސް މިތަނަށް އެޓޭކޮށް ކޮށްފިއްޔާ މިތަނުގައި ކުރެވޭނެ ކަމެއް ނެތް. ޚާއްސަކޮށް ދެގައުމެއްގެ ތެރޭގައި ނޫން މިއުޅޭ ޓެރަރިޒަމްއާ އެއްޗެހީގައި އެއީ ތާ އަޅުގަނޑުމެން އެންމެ ބިރު ގަންނާނެ ކަންތައް. ނުވަތަ އިންސިޑެންޓެއް ހިނގިޔަސް ނުވަތަ މިކަހަލަ ކަމެއް ހިނގިޔަސް މިބޭފުޅާ މި ވިދާޅުވަނީ އަޅުގަނޑުމެންގެ ގައުމުގެ އަސްކަރިއްޔާ މިއޮތީ ތައްޔާރީ ހާލަތުގައި ނޫނޭ. އެތަނަކަށް ނެތޭ އެއްވެސް ކަމެއް ކޮށްދެވިފައެއް އެމީހުންގެ ގާބިލުކަން އިތުރު ކުރަން. އެވިދާޅުވަނީ ވަރަށް ބޮޑު ވާހަކައެއް އެނގޭތޯ. އެ ވިދާޅުވާ ވާހަކައިގައި މިހާރު މިސާލަކަށް ޓެރަރިސްޓް ކަހަލަ ބަޔަކު ބަލަން ތިބި ކަމަށްވަންޏާ އެމީހުންނަށް ރައީސުލްޖުމްހޫރިއްޔާ ކޮމާންޑަރިން ޗީފް އެހެން ވީދާޅުވީމަ އެއީ އަޅުގަނޑުމެންގެ ގައުމީ ސާލަމަތަށް ނުރައްކާވާ ކަހަލަ ކަމަކީ ކުރެވޭ.

ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ވެސް އަސްކަރިއްޔާގެ ގާބިލުކަން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ ބައިނަލްއަގުވާމީ ގައުމުތަކާއެކު ގާތް ގުޅުންތައް ބާއްވައި، އެގައުމުތަކުން ދިވެހި އަސްކަރިއްޔާއަށް ބޮޑެތި އެހީތައް ވެދީފައިވާ ކަމަށެވެ. ކޯސްޓްގަރޑްގެ ގާބިލްކަން އިތުރު ކުރުމަށް ވެސް ޖަޕާނުގެ ސަރުކާރު ވަރަށް ބޮޑު އެހީއެއް ވެދީފައިވާކަން މާރިޔާ ފާހަގަކުރެއްވިއެވެ.

މާރިޔާ ވިދާޅުވީ ދިވެހި އަސްކަރިއްޔާ ކުރިއެރުވުމަށް މި ސަރުކާރުން ރައްޔިތުންނަށް ދަތިވާ ގޮތަށް އަދި، ފައިދާއެއް ނުވާ ގޮތަށް ހަރަދު ކުރާ ކަމަށެވެ. އެގޮތަށް މިދިޔަ ފަސް އަހަރު އަމަލު ނުކުރި ނަމަވެސް އަސްކަރިއްޔާ ކުރިއެރުވުމަށް ސިފައިންގެ ގާބިލްކަން އިތުރު ކުރުމަށް ގިނަ ސިފައިނުންނަށް ތަމްރީނުގެ ގިނަ ފުރުސަތުތައް ފަހިކޮށްދީފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ ސިފައިންގެ އެތެރޭގެ ކަންކަން ހަރުދަނާކޮށް، މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ. އެގޮތުން އަދުލުގެ ނިޒާމެއް ގާއިމްކޮށް، މީހަކު ހިތަށް އެރުމަކުން ސިފައިންގެ މީހަކާއި މެދު ފިޔަވަޅު އަޅައި، ކަނޑާނުލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ސިފައިންގެ އެތެރޭގައި ކަންކަން ކުރުމަށް ސިފައިންގެ އެތެރޭގައި ހަރުދަނާ ނިޒާމެއް ގާއިމް ކޮށްފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

- ކޮމެންޓް