ކ. މާލެ
|
8 މެއި 2025 | ބުރާސްފަތި 09:14
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ
ރޮއިޓަރސް
ޕީއެސްޖީ
އެތައް އުނދަގޫ ތަކާ އެކު ވެސް ފައިނަލަށް ދެވުމުން އެންރީކޭ ހުރީ ހިތްހަމަ ޖެހިފައި
އެންރީކޭ ބުނީ ދެ ފައިނަލަށް ވެސް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށާއި، ޕީއެސްޖީ އަށް ތާރީޚުގެ ތެރެއިން ޖާގަ ހޯދުމުގެ ރަނުގެ ފުރުސަތެއް އޮތް ކަމަށެވެ.

އެތައް ދަތިތަކާއި، އުނދަގޫ ތަކެއް ކުރިމަތިވި ނަމަވެސް، މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަަލަށް ދެވުމުން ހިތްހަމަ ޖެހިފައި ހުރި ކަމަށް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުން މޮޅުވެ ޕީއެސްޖީން ވަނީ އެ ޓީމުގެ ތާރީޚުގައި ދެ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ޖާގަ ހޯދައިފަ އެވެ.

އެ މެޗަަށް ފަހު ވާހަކަ ދައްކަމުން އެންރީކޭ ބުނީ އޭނާ ހުރީ ވަރަށް އުފަލުން އަދި ހިތްހަމަ ޖެހިގެން ކަމަށެވެ. ޚާއްސަކޮށް ޕީއެސްޖީގެ ކުޅުންތެރިންނާއި، އެ ޓީމުގެ ސަޕޯޓަރުން އެކުވެގެން ހޯދި ކާމިޔާބާ މެދު އިންތިހާ އަށް ހިތްހަމަ ޖެހޭ ކަމަށް އޭނާ ބުންޏެވެ.

އެހެން ނަމަވެސް، ޕީއެސްޖީ އަށް ކުރިމަތީގައި ދެ ފައިނަލް އޮތް ކަމަށާއި، އެކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށް އޭނާ ބުންޏެވެ. މި ސީޒަންގެ ފްރާންސް ކަޕްގެ ފައިނަލްގައި މި މަހުގެ 25 ވަނަ ދުވަހު ޕީއެސްޖީ ނިކުންނާނީ ރެއިމްސްއާ ދެކޮޅަށެވެ. އަދި ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އިންޓަރ މިލާނާ ދެކޮޅަށް ނިކުންނާނީ ޖޫން މަހުގެ އެއް ވަނަ ދުވަހު އެވެ.

އެންރީކޭ ބުނީ ދެ ފައިނަލަށް ވެސް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށާއި، ޕީއެސްޖީ އަށް ތާރީޚުގެ ތެރެއިން ޖާގަ ހޯދުމުގެ ރަނުގެ ފުރުސަތެއް އޮތް ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިންނަށް ފުރިހަމަ އިތުބާރު އޮންނަ ކަމަށާއި، ޕީއެސްޖީ އަށް ކުރިއަށް ދެވޭނެ ކަން ޤަބޫލު ކުރާ ކަމަށެވެ.

މީގެ އިތުރުންް އެންރީކޭ ބުނީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ދަތުރަކީ ޕީއެސްޖީ އަށް ފަސޭހަ ދަތުރެއް ނޫން ކަމަށެވެ. ޚާއްސަކޮށް އެތައް އުނދަގޫ ތަކާއި، ދަތިތަކެއް ޕީއެސްޖީ އަށް ކުރިމަތިވި ކަމަށް އޭނާ ބުންޏެވެ. ޚާއްސަކޮށް ސީޒަންގެ ކުރީ ކޮޅު ޕީއެސްޖީ އަށް އެއްވެސް ފުރުސަތެއް ނެތް ވާހަކަ އާއި، ދަތިތަކުގެ ވާހަކަ ދެކެވުނު ކަމަށް އޭނާ ބުންޏެވެ.

އެންރީކޭ ބުނީ ދެ ވަނަ ލެގުގައި ވެސް ޕީއެސްޖީގެ އެންމެ ފުރިހަމަ ކުޅުން ނުފެނުނު ކަމަށެވެ. ބައެއް ޙާލަތްތަކުގައި ޕީއެސްޖީ އަށް އެތައް އުނދަގޫތަކެއް ތަހަންމަލު ކުރަން ޖެހުނު ކަމަށާއި، އެ ހުރިހާ ކަމެއް މެނޭޖުކޮށްގެން މެޗުން މޮޅުވުމުން އުފާވާ ކަމަށް އޭނާ ބުންޏެވެ.

- ކޮމެންޓް