ކ. މާލެ
|
7 މެއި 2025 | ބުދަ 15:18
އިންޓަނޭޝަނަލް ފޯރަމް އޮން އިންޓަގްރިޓީ 2025ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަޠީފް ވާހަކަފުޅު ދައްކަވަނީ
އިންޓަނޭޝަނަލް ފޯރަމް އޮން އިންޓަގްރިޓީ 2025ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަޠީފް ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތް
އޭސީސީ ފަދަ އިދާރާތައް މިނިވަންވާންޖެހޭ: ނައިބު ރައީސް
ވިސްލް ބްލޯވަރޒް ބާރުވެރިކޮށްދީ، އެފަދަ ފަރާތްތަކަށް ގާނޫނީ ހިމާޔަތްދޭން ޖެހޭ
ކޮންމެ ރައްޔިތެއްގެ ހައްގުތައް ރައްކާތެރިކުރަން ޖެހޭ
މި ފޯރަމްގައި 180އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެފައިވޭ

ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތަކީ ހަމައެކަނި ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ޒިންމާއެއް ނޫން ކަމަށާއި، އެންޓި-ކޮރަޕްޝަން ފަދަ އިދާރާތައް މިނިވަންވާން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ހުސައިން މުހައްމަދު ލަޠީފް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މި ފަދައިން ވިދާޅުވީ އިންޓަނޭޝަނަލް ފޯރަމް އޮން އިންޓަގްރިޓީ 2025، ހުޅުުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މިއަހަރުގެ ފޯރަމްގެ މައުޟޫއު "ސްޓްރެންތެނިންގ އިންޓެގްރިޓީ އެންޑް ކޮމްބެޓިންގ ކޮރަޕްޝަން އިން ދަ ޓޫރިޒަމް ސެކްޓަރ" އަކީ މިއަދުގެ ހާލަތާއި ގުޅޭ މައުޟޫއެއް ކަމަށް ވިދާޅުވިއެވެ. އަދި، އިންވެސްޓަރ ކޮންފިޑެންސާއި ރައްޔިތުންގެ އިތުބާރު ހޯދުމުގައި ނަޒާހަތްތެރިކަމާއެކު ފަތުރުވެރިކަމުގެ ދާއިރާ ހިންގުމުގެ މުހިންމުކަމުގެ މައްޗަށް، ނައިބު ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ. މީގެ އިތުރުން، ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމަކީ ސެކްޓަރުގެ ދެމެހެއްޓެނިވިކަމާއި، ބައިނަލްއަގުވާމީ މައިދާނުގައި ގައުމުގެ ރިވެތި ނަން ދެމެހެއްޓުމާއި، ދިގުމުއްދަތުގެ ކުރިއެރުން ކަށަވަރުކުރުމަށް އެންމެ މުހިންމުކަން ކަމަށާއި، އަދި އެއީ ރާއްޖޭގެ ޕްރެމިއަރ ޑެސްޓިނޭޝަން ލަގަބު ދެމެހެއްޓުމަށް އޮތް މަގުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި އީޖާދީ ވިސްނުމާއި ކެޕޭސިޓީ ތަރައްގީ ކުރުމުގައި ސަރުކާރުތަކާއި، ޕްރައިވެޓް ސެކްޓަރ، މަދަނީ ޖަމިއްޔާތަކާއި، ބައިނަލްއަގުވާމީ އިދާރާތަކުގެ ދައުރަށްވެސް ބައްލަވާލައްވާފައިވެއެވެ. އެގޮތުން، ހަރުދަނާ ސިޔާސަތުތަކާއި، މޮނިޓަރކޮށް ތަންފީޒުކުރުމާއި، ގަވާއިދުން އިވޭލުއޭޓްކުރުމާއި، އޭގެ ސަބަބުން އަންނަ ބަދަލުތަކުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ.

އަދި، ވިސްލް ބްލޯވަރޒް ބާރުވެރިކޮށްދީ، އެފަދަ ފަރާތްތަކަށް ގާނޫނީ ހިމާޔަތްދީ، ނަޒާހަތްތެރިކަމަކީ އިސްތިސްނާއެއް ނޫން މިންގަނޑަކަށް ހަދައިދޭ ނިޒާމުތައް ބިނާކުރަން އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި، އެންޓި-ކޮރަޕްޝަން އިދާރާތަކަކީ މިނިވަންވެ، އަމިއްލަ އިސްނެގުމާއި، ސިޔާސީ ތަޢައްސަބުން މިނިވަންވެފައިވާ އިދާރާތަކަށް ވާންޖެހޭ ކަމަށް ވެެސް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތަކީ ހަމައެކަނި ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ޒިންމާއެއް ނޫންކަމަށާއި، އެއީ، އޭގެ ސަބަބުން ކޮންމެ ރައްޔިތެއްގެ ހައްގުތައް ރައްކާތެރިކުރެވޭ ފަރުދީ ޒިންމާއެއް ކަމަށް ވާންޖެހޭ ކަމަށެވެ.

މި ރަސްމިއްޔާތުގައި ސައޫދީ އަރަބިއްޔާގެ އޯވަސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީގެ ރައީސް، ހިޒް އެކްސެލެންސީ މާޒިން ބިން އިބްރާހީމް އަލް-ޚަމޫސް ވަނީ ދެގައުމުގެ މެދުގައި އޮތް ގުޅުމާއި އެއްބާރުލުން ފާހަގަކުރައްވައި، ނައިބު ރައީސް އަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.

ދެ ދުވަހުގެމުއްދަތަށް ކުރިއަށްދާ އިންޓަނޭޝަނަލް ފޯރަމް އޮން އިންޓަގްރިޓީ އަކީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ މެންބަރު ގައުމުތަކުގެ އެންޓި-ކޮރަޕްޝަން އިދާރާތަކަށް އަމާޒުކޮށްގެން ހިންގާ ފޯރަމެކެވެ.

މި ފޯރަމްގައި 180އަށް ވުރެ ގިނަ ފަރާތުން ބައިވެރިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

- ކޮމެންޓް