މި ސަރުކާރު އިދިކޮޅުގައި އޮތް އިރު އިންްޑިއާގެ އަސްކަރީ ބޭހެއް އުތުރު ތިލަފަޅުގައި ގާއިމްކުރަމުންދާ ކަމަށް ބުނެ އެ އެއްބަސްވުންތައް ހާމަކުރައްވާނެކަމުގެ ވައުދާއެކު ވެރިކަމަށް އައި މި ސަރުކާރުން މިހާތަނަށް އެއިން އެގްރީމެންޓެއްގެ ބަނޑޭރިގަނޑުވެސް ހިއްލާނުލައެވެ. އަދި މިހާތަނަށް ސަރުކާރުން ހާމަކުރި ކަންކަމަށް ބަލާއިރު މިއިން އެއްވެސް އެ އެގްރީމެންޓަށް ބަދަލެއް ނާންނަ ކަމަށް ސަރުކާރުން ބުނެއެވެ. މީގެ ތެރޭގައި ހުދު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅާއި ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ދެއްކެވި ވާހަކަފުޅުންވެސް އެކަން ސާފުވެގެންދެއެވެ.
އެމްޑީޕީ ސަރުކާރުގައި އިދިކޮޅު އެކްޓިވިސްޓެއްގެ ގޮތުގައި ހުރެ ރައްޔިތުންނަށް މާ ހެޔޮ އެދޭ މީހަކަށް ހެދިގެން އުޅުނު މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަހުމަދު އަޒާން އަކީ އުތުރު ތިލަފަޅުގެ ޥާހަކަ އެންމެ ގިނައިން ދެއްކި އެއް ފަރާތެވެ. ނޮވެމްބަރު ތިނެއްގައި ވަސަންތީމެން މާލެއަށް އަރަން އުޅުނުހެން ހުއްދަ ނެތި އެރަށަށް އަރަންވެސް ދިޔައެވެ. ހަމަ ލޮލަށް އެއްޗެއް ނުފެނި ހެދި ދޮގުތަކުގައި ދިވެހިން ޖެހި އެއިރުގެ އޮތް ސަރުކާރަށް ފާޑު އަމާޒުވިއެވެ.
މި ސަރުކާރުން ހުރިހާކަމެއްވެސް ހާމަކުރާނެކަމަށް ވަކާލާތުކުރަމުން ދިޔައިރު އެކަމަށް އެންމެ ބޮޑަށް ވަކާލުކުރެއްވި މިހާރުގެ ޑިފެންސް މިނިސްޓަރު ވެސް ވެރިކަމަށް އަންނަން އުޅުނު އިރު އެންމެ ބާރަށް ދެއްކި އެއް ވާހަކައަކި އެއްބަސްވުމުގެ ވާހަކައެވެ. ނަމަވެސް ވެރިކަމުގެ ހުރިހާ ބާރެއް ލިބުނު ނަމަވެސް މިއަދު ޣައްސާންގެ އަނގަމަތީގައި ޓޭޕް އެޅިއްޖެއެވެ. ހާމަކުރައްވާނެކަމަށް ވިދާޅުވި އެއްވެސްކަމެއް ހާމައެއް ނުވެއެވެ.
ޕީޕީއެމް ޕީއެންސީ އިދިކޮޅުގައި ތިބި އޮތް އިރު އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރި އުތުރު ތިލަފަޅުގައި ތައްގީކުރަމުންދާ ސިފަވަރު އަސްކަރީ ބަނދަރާއި ގުޅޭގޮތުންނެވެ. އަދި ދިވެހިރާއްޖެ އިން އިންޑިއާ އާއެކު ސޮއި ކޮށްފައިވާ އެއްބަސްވުންތައް މިއަދާ ހަމައަށް ވެސް ހާމަކޮށްފައި ނުވަނީ، އެ އެއްބަސްވުން ތަކުގައި "ކޮންފިޑެންޝިއަލް ކްލޯޒް" ހިމެނޭތީ ކަމަށް ސަރުކާރުން ބުނާއިރު 241 ކޮމިޓީއަށް ވެސް މިއިން ކަމެއް ވެސް ހާމަކޮށްފައި ނުވެއެވެ. އެމްޑީޕީ ވެރިކަމުގައި އޮވެގެން ހާމަކުރިވަރަށްވެސް މި ސަރުކާރަށް މިއިން ކަމެއް ހާމަ ނުކުރެވެއެވެ.
އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ޑިފެންސް މިނިސްޓަރ މުހައްމަދު ޣައްސާން ވިދާޅުވީ ސިފަވަރުގެ އެގްރީމެންޓުގެ މަސައްކަތް ކުރެވެމުންދަނީ ދެގައުމުގެ ދޭތެރޭގައި ނެގިފައި އޮތް ހައިލެވެލް ކޯޑިނޭޝަން ކޮމިޓީއަކުން ކަމަށެވެ. އަދި އެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ޣައްސާން ވިދާޅުވިއެވެ. ޣައްސާން ވިދާޅުވީ އެއްބަސްވުންތައް ހާމަކުރުމުގައި މަޖިލީހުގެ ބާރާއި އިމްތިޔާޒުތަކަށް ފުރިހަމައަށް އިހުތިރާމްކުރާނެ ކަމަށެވެ. އެހެންކަމުން 241 ކޮމިޓީއަށް ދެވެންހުރި ހުރިހާ މައުލޫމާތެއް ދެއްވާނެ ކަމަށެވެ.
މިދިޔަ ސަރުކާރުންވެސް ދެވެން ހުރި ހުރިހާ މައުލޫމާތެއް ދިނެވެ. ހާމަކުރެވެން ހުރި ހުރިހާ މައުލޫމާތެއް ހާމަކުރިއެވެ. ތަފާތަކަށްވަނީ ވެރިކަމަށް އަންނަ މި ސަރުކާރުން ހެދި ދޮގުތަކެވެ. އެންމެ ފަހުން ފަޓާސްބަރިއެއްހެން ފަހަރަކު ކަމެއް ދަނީ ހާމަވަމުންނެވެ. ދޮނގު ދޮލަގުގައި ފުޅަ އަޅާ ބޭޒާރުވަމުންނެވެ.
މި ސަރުކާރު ވެރިކަމަށް އައީ ހުރިހާކަމެއްވެސް ހާމަކުރާނެ ކަމަށް ބުނަމުންނެވެ. އެމްޑީޕީ ސަރުކާރުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު އިންޑިއާއަށް ވިއްކާލާފައިވާކަމަށް ބުނެ އިންޑިއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމުގެ ވައުދާއެކުއެވެ. ނަމަވެސް މި ސަރުކާރަށް ދޮޅުމަސްވެގެން ދިޔައިރުވެސް އެއްވެސް އެއްބަަސްވުމެއް ހާމަކޮށްފައި ނުވެއެވެ.
ޕީޕީއެމްޕީއެންސީ އިދިކޮޅުގައި އޮތް އިރު ކުރިއަށްގެންދިޔަ 'އިންޑިއާ އައުޓް' ހަރަކާތުގެ ތެރެއިން ރ. މީދޫގައި ބޭއްވި ހަރަކާތުގައި ޕީޕީއެމްޕީއެންސީ ކޯލިޝަންގެ އެއިރުގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އުތުރު ތިލަފަޅަކީ ދިވެހި އަސްކަރިއްޔާ އާއި ދިވެހި ދައުލަތުގެ ބާރު ހިނގާ ތަނެއް ނޫން ކަމަށެވެ. އަދި އެތަނުގައި ތިބޭނީ އިންޑިއާ ސިފައިންކަމަށް ތަކުރާރުކޮށް އެއިރު އިދިކޮޅުގައި ތިބި ފަރާތްތަކުން އައީ ބުނަމުންނެވެ.
ސަރުކާރާއި ހަވާލުވުމަށްފަހު އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތައް ހާމަކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެފަދައެއްވެސް މަސައްކަތެއް ނުކުރެއެވެ. އަދި މިދިޔަ ސަރުކާރުން ހާމަކުރި މައުލޫމާތާއި 241 ކޮމިޓީއަށް ދިން މައުލޫމާތަށްވުރެ އިތުރަށް އެހެން އެއްވެސް މައުލޫމާތެއް މި ސަރުކާރަށް ހާމަނުކުރެވެއެވެ.
އުތުރު ތިލަފަަޅުގައި ދިވެހި ސިފައިންނަށް ހާއްސަ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރަން އިންޑިއާއާ އެކު ޑިފެންސް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކުރީ 21 ފެބްރުއަރީ 2021 ގަ އެވެ. އެއީ ގައުމުގެ މިނިވަންކަމަށް އަސަރު ކުރާ އެއްބަސްވުމެއް ކަމަށް ބުނެ، އެ ހާމަކުރަން އިދިކޮޅުން ގޮވަމުން ދަނިކޮށް، 24 އޮކްޓޫބަރު 2021ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ޑިފެންސް މިނިސްޓްރީގެ އިސްވެރިން ވަނީ އެއްބަސްވުން ދައްކައިފަ އެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް މުޢިއްޒު އާއި މިނިސްޓަރު ޣައްސާން ހިމެނި ވަޑައިގަންނަވާހެން، އޭރުގެ އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ދެއްކި އެއް ވާހަކަ އަކީ އިންޑިއާ އެއްބަސްވުންތަކުގެ ވާހަކަ އެވެ.
އެ އެއްބަސްވުންތަކުގައި ސިއްރު ކަންކަން ހިމަނާފައިވާ ކަމަށާއި، އޭރުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ކަންކަން އޮޅުވާ ލައްވާ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.
އަދި ވެރިކަަމަށް އާދެވިއްޖެ ނަމަ، އެ ހުރިހާ އެއްބަސްވުންތަކެއް ވެސް ހާމަ ކުރައްވާނެ ކަމަށާއި، ދިވެހި ރައްޔިތުންނަށް ސިއްރު ކުރާނެ އެއްވެސް ކަމެއް އޮވެގެން ނުވާނެ ކަމަށާއި، އަދި އެފަދަ ކަމެއް ނުބާއްވާނެ ކަމަށް ވެސް އެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން މިދިޔަ ފަސް އަހަރުގެ ތެރޭގައި އިންޑިއާއާ އެކު ރާއްޖެއިން 100 އަށް ވުރެ ގިނަ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް މި ސަރުކާރުން ބުނެ ބޮޑު އޮޅުވާލުމެއް އޮޅުވާލި އިރު އެކަންވެސް މިއަދު މިވަނީ ފަޅާއަރާފައެވެ. ޣައްސާން ވިދާޅުވީ، 1965 ވަނަ އަހަރު ދިވެހި ރާއްޖެ މިނިވަންވީ ފަހުން، އިންޑިއާ އާއި ދިވެހި ރާއްޖެއާ ދެމެދު 100 އެތައް އެއްބަސްވުމެއްގައި ސޮއި ކުރެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް، އޭގެ ތެރޭގައި ޑިފެންސް މިނިސްޓްރީ އިން ޒިންމާވާ އޮތީ ހަތަރު އެއްބަސްވުން ކަމަށް ވެސް ޣައްސާން ވަނީ ވިދާޅުވެފަ އެވެ. މިއިން އެއްބަސްވުމެއްގައި ސިޔާދަތާއި މިނިވަންކަމަށް ބުރޫ އަރާ އެއްވެސް ކަމެއް ނެތެވެ.