އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމަޕްގެ ޓެރިފް ސިޔާސަތަށް، ކުރީގެ ނައިބު ރައީސް މައިކް ޕެންސް ފާޑު ވިދާޅުވެއްޖެ އެވެ.
ސީއެންއެން އަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި ޕެންސް ވިދާޅުވީ، ޓްރަމްޕްގެ ޓެރިފް ސިޔާސަތަކީ އިންފްލޭޝަން އަށް މަގު ފަހިވެ، އާންމު ރައްޔިތުންނަށް ގެއްލުން ވާނެ ކަމެއް ކަމަށެވެ.
އަދި އެކަމުގެ ސަބަބުން އެމެރިކާގެ އިޤްތިސާދަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ވިޔަފާރިވެރިންނާއި، އެތައް ބަޔަކަށް އެކަމުގެ ސަބަބުން ދަތިތައް ކުރިމަތިވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ޕެންސް ވަނީ ރަޝިޔާ ޔުކްރެއިން ހަނގުރާމައާ ގުޅިގެން ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން އަށް ވިސްނެވީ ހަމައެކަނި "ބާރުވެރިކަން" ކަމަށެވެ. އަދި ޔުކްރެއިންގެ ހަނގުރާމައިގައި ޕުޓިންގެ ނިޔަތަކީ ސުލްޙަވެރިކަން ނޫން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ޓްރަމްޕްގެ ބައެއް ސިޔާސަތުތަކާއި، ބައެއް ކަންކަމުގައި އޭނާ އަމަލު ކުރައްވަނުން އަންނަ ގޮތަށް ފާޑު ވިދާޅުވި ނަމަވެސް، ޕެންސް ވިދާޅުވީ ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގައި އޭނާގެ ނައިބު ރައީސްގެ ގޮތުގައި ހުންނަވައި، އެކުގައި ކުރެވުނު މަސައްކަތްތަކާ މެދު އަދި ވެސް ފަޚުރުވެރިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ދައުރުގެ ފަހު ދުވަސްތަކާ ހަމައަށް އައިއިރު ވެސް، އޭނާ އާއި ޓްރަމްޕާ ދެމެދު މާ ބޮޑު މައްސަލަތަކެއް ޖެހިފައި ނުވާ ކަމަށެވެ. އަދި އެހާތަނަށް އައިިއިރު، ދެ ބޭފުޅުންގެ ދެ މެދުގައި ދެބަސް ވުމެއް ވެސް ހިނގާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، ރިޔާސީ ފުރަތަމަ ދައުރަށް ޓްރަމްޕް ވަޑައިގެންނެވީ 2016 ވަނަ އަހަރު އެވެ. އެ ދައުރުގައި އޭނާގެ ނައިބު ރައީސަކަށް ހުންނެވީ ޕެންސް އެވެ.
ހަތަރު އަހަރު ފަހުން 2022 ވަނަ އަހަރު، ދެ ވަނަ ދައުރަކަށް ޓްރަމްޕް ވާދަ ކުރެއްވިއިރު ވެސް އޭނާގެ ރަނިންމޭޓަކީ ޕެންސް އެވެ. ނަމަވެސް އެ އިންތިޚާބުގައި ޓްރަމްޕާއި ޕެންސް އަށް ވަނީ ނާކާމިޔާބާ ކުރިމަތިވެފަ އެވެ.