ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ސްޕެއިންގެ ބާރސެލޯނާ އާއޖ ދެކޮޅަށް ނިކުންނައިރު، އެ މެޗުގައި އިންޓަރ މިލާނުން ތަފާތު ދައްކަން ޖެހޭނެ ކަމަށް އެ ޓީމުގެ ކޯޗު ސިމޯން އިންޒާގީ ބުނެފި އެވެ.
ބާރސެލޯނާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގައި ވެސް އިންޓަރ މިލާނުން ވަނީ ދެ ލަނޑު ޖަހައިގެން ލީޑޫ ނަގައިފަ އެވެ. ނަމަވެސް، ބާރސެލޯނާ އިން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ދެ ވަނަ ފަހަރަށް އިންޓަރ މިލާނުން ލީޑު ނެގިއިރު ވެސް، ބާސެލޯނާ އިން ނަތީޖާ ހަމަހަމަ ކުރި އެވެ.
އިންޓަރ މިލާންގެ އަމިއްލަ ދަނޑުގައި ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިންޒާގީ ބުނީ، އެ މެޗަކީ ވަރަށް ފޯރި ގަދަ، އަދި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެންނާނެ މެޗަކަށް ވާނެ ކަމަށެވެ. އެ މެޗުގައި އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަަމަށް ވެސް އިންޒާގީ ވަނީ ބުނެފަ އެވެ.
އޭނާ ބުނީ އެ މެޗުގެ މުހިންމުކަން އިންޓަރ މިލާންގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް އިނގޭނެ ކަމަށެވެ. ޚާއްސަކޮށް އިދިކޮޅަށް ކުޅެން އޮތް ޓީމަކީ ވަރަށް ރަނގަޅު ޓީމަކަށް ވާއިރު، އެ ޓީމާ ދެކޮޅަށް ދައްކަން ޖެހޭނީ އެންމެ ފުރިހަމަ ކުޅުން ކަމަށް ވެސް އޭނާ ބުންޏެވެ.
މިދިޔަ މެޗުގައި އިންޓަރ އިން އެ ޓީމުގެ ފެންވަރު އަދި ކުޅުން ދައްކައިދީފައިވާ ކަމަށާއި، ދެ ވަނަ މެޗުގައި އެކަން ދަމަހައްޓައި އިތުރު ފުރިހަމަ ކަމެއް ދައްކަން ޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
އިންޒާގީ ބުނީ އަމިއްލަ ދަނޑުގައި ކުޅެން ޖެހުނު ނަމަވެސް، ބާރސެލޯނާ އާއި ދެކޮޅަށް ކުޅެން އުނދަގޫ ވާނެ ކަމަށާއި، ހުރިހާ ދިމާލެއްގައި ފަރުވާތެރިކަން ދައްކަން ޖެހޭނެ ކަމަށެވެ. ޚާއްސަކޮށް ބާރސެލޯނާގެ އެޓޭކުތައް ހުއްޓުވައި، އަމިއްލަ އަށް އެޓޭކު ކުރުމަށް އިސްކަން ދޭން ޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
މެޗުގެ ކުރިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތާ މެދު އިންޒާގީ ހިތްހަމަ ޖެހެ އެވެ. އޭނާ ބުނީ ކުޅުންތެރިންގެ ފަރާތުން ފެންނަނީ ރަނގަޅު ރޫހެއް ކަމަށާއި، ޓީމެއްގެ ގޮތުގައި ތިބެ މަސައްކަތް ކުރަން އިސްކަން ދޭން ޖެހޭނެ ކަމަށެވެ.
އަމިއްލަ ދަނޑުގައި އިންޓަރ މިލާނުން ބާރސެލޯނާ އާއި ދެކޮޅަށް ނިކުންނާނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.