ކ. މާލެ
|
5 މެއި 2025 | ހޯމަ 13:41
ރައްޔިތުންގެ މަޖިލީހުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވާހަކަދައްކަވަނީ
ރައްޔިތުންގެ މަޖިލީހުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވާހަކަދައްކަވަނީ
މަޖިލިސް
ކޫލު ސްކޫލު ޕްރޮޖެކްޓު
ރާއްޖޭގައި 3740 ކްލާސްރޫމް، ކޫލް ސްކޫލު ޕްރޮޖެކްޓްގެ ދަށުން މިހާތަނަށް އޭސީ ހަރުކުރެވިފައިވަނީ 401 ކްލާސް ރޫމްގައި
މިއީ ދަރިވަރުންނާ، ބެލެނިވެރިން އަދި ޓީޗަރުން ވަރަށް ބޮޑަށް އެދެމުންދާ ޕްރޮޖެކްޓެއް
މިއަހަރުގެ ތެރޭގައި މި ޕްރޮޖެކްޓް ނިންމުމަށް ދަނީ މަސައްކަތް ކުރަމުން
ކޫލް ސްކޫލް ޕްރޮޖެކްޓް އިފްތިތާހް ކޮށްފައިވަނީ 2 ޖޫން 2024 ގައި

މިދިޔަ އަހަރު އިފްތިތާހުކުރި ކޫލު ސްކޫލު ޕްރޮޖެކްޓުގެ ދަށުން މިހާތަނަށް އޭސީ ހަރުކުރެވައިވަނީ ގާތްގަނޑަކަށް 401ކްލާސްރޫމްގައި ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގައި ވައިކަރަދޫ ދާއިރާގެ މެންބަރު އެމްޑީޕީ މެންބަރު ހުސެއިން ޒިޔާދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން، މިނިސްޓަރު ޝަފީއު ވިދާޅުވީ ރާއްޖޭގައި ގާތްގަނޑަކަށް 3740 ކްލާސްރޫމްގައި ދަރިވަރުން ތައުލީމު ހާސިލް ކުރުމުންދާ ކަމަށެވެ.

މީގެ ތެރެއިން މިހާރު 802 އޭސީ 401 ކްލާސް ރޫމްގައި ހަރުކުރެވިފައިވާ ކަމަށާއި، މިއީ ދަރިވަރުންނާ، ބެލެނިވެރިން އަދި ޓީޗަރުން ވަރަށް ބޮޑަށް އެދެމުންދާ ޕްރޮޖެކްޓެއް ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.

މިނިސްޓަރު ޝަފީއު ވިދާޅުވީ މި ޕްރޮޖެކްޓް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވީ ނަމަވެސް މިއަހަރުގެ ތެރޭގައި މި ޕްރޮޖެކްޓް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދިވެހިރާއްޖޭގައި ގާތްގަނޑަކަށް 3740 ކްލާސްރޫމްގައި ދަރިވަރުން ތައުލީމު ހާސިލް ކުރުމުން މިދަނީ. މީގެ ތެރެއިން އަޅުގަނޑުމެންނަށް މިހާރު 802 އޭސީ 401 ކްލާސް ރޫމްގައި ހަރުކުރެވިއްޖެ. މިހާރު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މިމަހުގެ ތެރޭގައި ބަލްކު ކޮށް މިމަހުގެ ތެރޭގައި ސްކޫލްތަކަށް ފޮނުވަން. އަޅުގަނޑުމެން އެންމެ ފުރަތަމަ އަޅުގަނޑު މިދިޔަ ޖޫން މަހުގެ ތެރޭގައި މި ޕްރޮޖެކްޓް އިއުލާން ކުރިއިރުގައި އިއުލާންް ކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި މި ޕްރޮޖެކްޓް ނިންމަން. އެހެންނަމަވެސް ސްކޫލުތަކުން ދަރިވަރުން ބެލެނިވެރިން މި ޕްރޮޖެކްޓަށް އުފެދިފައިވާ ޝައުގުވެރިކަމާ އަދި މިކަމަށް އެދެލޭއް އަވަސްވުމުގެ ސަބަބުން އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޕްރޮޖެކްޓް މިއަހަރުގެ ތެރޭގައި ނިންމުމަށް އިރުޝާދު ދެއްވާފައި. މިއަހަރު ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ ދަރިވަރުން ތައުލީމު ހާސިލް ކުރުމަށް ސްކޫލަށް ސްކޫލުގައި ތިބޭ ހުރިހާ ކްލާސް ރޫމެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އޭސީކޮށް ނިންމާނަން.

އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު

ކޫލް ސްކޫލް ޕްރޮޖެކްޓް އިފްތިތާހް ކޮށްފައިވަނީ 2 ޖޫން 2024 ގައެވެ.

"ކޫލް ސްކޫލް" ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ސަރުކާރާއި ކޮމިޔުނިޓީގެ އެހީތެރިކަމާއެކު ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ. ނަމަވެސް މި ޕްރޮޖެކްޓަކީ ނަމުގައި ސަރުކާރުގެ ޕްރޮޖެކްޓެއް ކަމަށާއި، އެކަމަށް ހަރަދުކުރަން ޖެހެނީ ކައުންސިލާއި ބެލެނިވެރިންނާއި ޖަމިއްޔާ ޖަމާއަތްތަކުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން ވިދާޅުވެފައިވެއެވެ.

- ކޮމެންޓް