ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމެއް އެކުލަވާލަން މަސައްކަތް ކުރި ނަމަވެސް، ރަޝިޔާ އަށް އިތުބާރު ނުކުރައްވާ ކަމަށް ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
މެއި މަހުގެ ތެރޭގައި ތިން ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލާނެ ކަމަށް ރަޝިޔާ އިން ވަނީ ބުނެފަ އެވެ. ނަމަވެސް، ޒެލެންސްކީ ވިދާޅުވީ އެކަމަށް ވެސް އެމަނިކުފާނު އިތުބާރު ނުކުރައްވާ ކަމަށެވެ.
ޗެކް ރިޕަބްލިކްގެ ވެރި ރަށް ޕްރާގުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތަަކަށް ރަޝިޔާ އިން އަމަލު ކުރަމުން ނުދާ ކަމަށެވެ.
މިއީ މިހާތަނަށް ރަޝިޔާ އިން ހުށަހަޅާ ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ އެއްބަސްވުން ނޫން ކަމަށާއި، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންގެ ނިޔަތް ރަނގަޅު ނޫން ކަމަށް ވެސް ޒެލެންސްކީ ވަނީ ވިދާޅުވެފަ އެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ވާހަކަ ދައްކަމުންދާއިރު ވެސް، ދާދި ފަހުން ވެސް 200 އަށް ގިނަ ހަމަލާ ރަޝިޔާ އިން ޔުކްރެއިން އަށް ދީފައިވާ ކަމަށެވެ. މިއީ މި ފާއިތުވި މަސް ތަޖުގެ ތެރޭގައި ދީފައިވާ އެންމެ ގިނަ ހަމަލާތައް ކަަމަށް ވެސް ޒެލެންސްކީ ވަނީ ވިދާޅުވެފަ އެވެ.
ޒެކް ރިޕަބްލިކްގެ ރައީސް ޕެޓްރް ޕަވެލް ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލީ ގޮތުން ތަބާވާ ފަރާތްތަކަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އަދި ރަޝިޔާގެ ރައީސް ޕުޓިންގެ އެންމެ ނިންމެވުމަކުން ވެސް މި ހަނގުރާމަ ނިންމާލެވިދާނެ ކަމަށާއި، ނަަަމަވެސް، ޕުޓިންގެ ފަރާތުން އެކަމަށް އެއްވެސް ޝައުޤުވެރި ކަމެއް ފެންނަން ނެތް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ޗެކް ރިޕަބްލިކަކީ ޔުކްރެއިން އަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޤައުމު ތަކުގެ ތެރެއިން އެއް ޤައުމެވެ. އެ ޤައުމުން ވަނީ އިންސާނީ އަދި އަސްކަރީ އެހީތެރިކަން ވެސް ޔުކްރެއިން އަށް ފޯރު ކޮށްދީފަ އެވެ.
ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް ދިޔަ 500،000 (ފަސް ލައްކަ) އަށް ވުރެ ގިނަ ޔުކްރެއިންގެ ރައްޔިތުންނަށް ޗެކް ރިޕަބްލިކް އިން ވަނީ ހިޔާވަހިކަން ދީފަ އެވެ.