މީހުން ބުނެއުޅެއެވެ. ކަންކަން އެނގޭނީ އަޖުމަ ބަލާލީމައެވެ. މީހެއްގެ ގޮތްފޮތް ހާމަވާނީ އެކުގައި އުޅެލީމައެވެ. އިހުތިބީން އެބުނާބަހުގެ ދިރިހުރި އެއް މިސާލަކީ އަދުގެ ރައީސް، ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒެވެ.
އެމޭރުމުން މުއިއްޒު ދެނެގަންނާން އެއްބަޔަކު ބޭނުންކުރީ މިނިސްޓަރު ކަމުގެ 7 އަހަރާއި މޭޔަރުކަމުގައި އެހޭދަކުރެއްވި ދުވަސްތަކެވެ. އެއްޕާޓީން އަނެއްޕާޓީއަށް ބަދަލުވި ދަނޑިވަޅުތަކާއި ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރެއްވުމުން އެދެއްވި "ނޭނގޭ" ޖަވާބުތަކުންނެވެ. އެއަށްފަހު ބަޔަކު މީހުން މުއިއްޒު ވަރަށް ރަނގަޅަށް ކިރާލިއެވެ. އެއީ ކާކުކަން ދެނެގަތެވެ.
އަނެއް ބަޔަކު ބަލާލީ ޕީއެންސީގެ ޓިކެޓް ހޯއްދެވި ގޮތާއި އެކަމަށް ދެއްކެވި މަންޒަރުތަކެވެ. އަދި އެއަށްފަހު އެޓިކެޓާއެކު ވެރިކަން ހޯއްދެވުމަށް އެކުޅުއްވި ކުލަ ޑްރާމާތަކާއި ވިދާޅުވި ވާހަކަފުޅުތަކެވެ. އެވާހަކަތަކާއެކު ރައްޔިތުން ވޯޓުދިނީ ބަލާލުމަށެވެ. އަޖުމަ ބަލާލުމަށެވެ. ބޭނުންކުރެއްވި ދީނީ ކާޑާވެސް އެކުގައެވެ. ދެއްކެވި ވާހަކަތަކުގައި ރަނގަޅަށް ޖެހިގެންނެވެ. އެއްބަޔަކު އެމީހުންގެ ލީޑަރު ރައީސް ޔާމީން މިނިވަން ކުރެއްވުމުގެ ހުވަފެނުގައެވެ. ދެންތިބި މީހުން ގައުމުގައި ތިބި ބޭރު ސިފައިން ބޭރުކޮށް މިނިވަންކަމާއި އިސްތިގްލާލް ދެމެހެއްޓުމަށެވެ. އަޅުވެތިކަމަށް ގެންދިއުމަށް ހަދާފައިވާ ގޮތްނޭނގޭ އެއްބަސްވުންތައް ހާމަކޮށް އެއެއްބަސްވުންތައް ބާތިލް ކުރުމަށެވެ. ސީދާ ހެޔޮ ބަދަލަކަށެވެ.
ވެރިކަމަށް އަހަރެއް ނުވަނީސް އެއްކަލަ މުއިއްޒަށް މީހުން އެގޮވާން ފެށީ ކައްޒާބޭއެވެ. ބަހުލޫލެވެ. ދެން އެގޮވާ އެއްޗެއް މަ ނުބުންޏަސް އެއީ ބޮޑު ދޮގުވެރިއެއް ކަމަށެވެ. މިވާހަކަތައް އެންމެ ބާރަށް ގޮވަމުން އެދަނީ މުއިއްޒު ވެރިކަމަށް ގެނައުމަށް އަރުވާޖަހާފައި އުޅުނު މީހުންނެވެ. ހަގީގަތް ހާމަވެއްޖެ ކަމަށް ބުނަމުންނެވެ. ވޯޓު ދެވުނީތީ ދެރަވާކަމަށް ބުނަމުންނެވެ.
އެވެރިން އެދައްކާ ވާހަކަތަކުގައި ހަގީގަތެއް އެކުލެވޭކަން ހާމަކޮށްދެއްވީ ޚުދު ޑރ މުއިއްޒެވެ. ސީދާ ރައީސުލް ޖުމްހޫރިއްޔާއެވެ. ދުނިޔޭގެ ރެކޯޑެއް ގާއިމް ކުރުމަށް އަމިއްލަފުޅަށް އެބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު އަމިއްލަފުޅަށެވެ.
ދުރާލާ ރޭވިގެން، ރާވައިގެން ބޭއްވި އެޕްރެސްކޮންފަރެންސްއިން ހާމަވީ އެންމެ ކަމެކެވެ. "މަށަކީ މަށެވެ. މަވާނީ މަށަށެވެ. މަހަދާނީ މުޅިންވެސް ތެދެވެ. ރޯމާ ދުވާލު މިއީ ރޭގަނޑޭ މަ ބުންޏަސް އެވާނީ ސީދާ މުތުލަގަށް ތެދުކަމަށެވެ. އެހެން މީހުން އަހާން ޖެހޭނީ މަގޭ ވާހަކައެވެ. މީހަކު ކިޔާހާ އެއްޗެއް އަދި އެއީ ތެދެއް ނޫނެވެ. އޭގައި ހަގީގަތެއްވެސް ނުވާނެވެ. ގަބޫލު ކުރަން ޖެހޭނީ މަގޭ ވާހަކަ އެކަންޏެވެ. މަ ބުނީމާ އެކަން އެނިމުނީއެވެ. ކަން އޮންނާނީ އެހެންނެވެ. އެނޫން ގޮތަކަށް ނޯންނާނެއެވެ. މަކުރީމާ އެއީ ބަރާބަރު ކަމެކެވެ. އިޚްލާސްތެރިކަމާއި އިންސާފްވެރިކަމާއި ހަމަހަމަކަމާއި ނިޔަނެތިކަމުގެ އިންތިހާއަކީވެސް މަށެވެ. އެހެން މީހުންނަކީ ބައެއް ނޫނެވެ. މަކޮށްފިތަ ދެން އެ ނިމުނީއެވެ."
މިއީ ޖުމްލަކޮށް މުއިއްޒު ރެކޯޑެއް ގާއިމް ކުރުމަށް އެ ކުޅުނު ޑްރާމާގެ އެންމެ ކުރު ޚުލާސާއެވެ. މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހީމް ވަހީދު ނޫނަކަސްކަސް އެ ޕްރެސް އެންމެ ރަގަޅަށް ސިފަކޮށްލެވޭނެ އެއްގޮތެވެ.
ޕްރެސް ކޮންފަރެސް ބަލަމުން ދަނިކޮށް ރައްޓެއްސަކު ގުޅާލިއެވެ. ފޯނު ހަމަ ނެގުމާއެކު ބުނެލީ މީ އަޅެފަހެ ކުޑަތާ މަލާއިކަތެއް ހެއްޔެވެ. ވީ ކީއްހެއްޔޭ އަހާލީމާ ބުނީ ތިހިރަމީހަކު އެހެރަވީދޭ އެއްޗަކުން މަށަށް ސިފަވަނީ އެހެން ކަމަށެވެ.
އެހެން ނުބުނެވޭވަރެއް ނޫނެވެ. ޕްރެސްތެރއިން ކޮންމެ ދެބަހެއްގެ ދޭތެރެއިން ކަހަލަ ގޮތަކަށް ތަކުރާރު ކުރައްވާ އެއްބަހެއް ނުވަތަ ޖުމްލައެއް ވެއެވެ. "ތިޔައީ ހަގީގަތެއް ނޫނޭއެވެ. މީހުން ދައްކާ ވާހަކަ އަޑުއަހާކަށް ނުވާނެ ކަމަށެވެ. ތަކުރާރުކޮށް ކަން ހިނގާފައިވާ ގޮތާއި ވިދާޅުވެފައިވާ ވާހަކަތައް ކިޔައިދީފައި ނޫސްވެރިން އެހީމާވެސް އެނޫން ޖަވާބެއް ނުލިބެއެވެ. ކުރިން މިހެން ވިދާޅުވީމު ނޫންތޯއޭ އެވައުދުވީ މިހެން ނޫންތޯއޭ ބުނުމުންވެސް އެއީ ނޫސްވެރިޔާގެ އަމިއްލަ ޚިޔާލެވެ. އޭނާ ގަބޫލުކުރާގޮތެވެ. ރައީސާމެދު ނުރުހޭތީ ބަޔަކު ކިޔާއެއްޗެކެވެ.
ކުދިކުދި ބައެއް މިސާލު ބުނެދިނީމާ ފަސޭހަވާނެކަމަށް ދެކެމެވެ. އިންޑިޔާ އައުޓް ނުވެގެން އުޅުނު އުޅުން އެއްކަމަކަށް ބަލާލާނަމެވެ. ވިދާޅުވީ އިންޑިޔާ ސިފައިން އެބަތިބިކަމަށެވެ. މޭމަތިފުރާ އިންޑިއާއައުޓް ޖައްސަވައިގެން ހުރެ އޭރު ވިދާޅުވީ އިންޑިޔާ ސިފައިން ބާލާނެ ކަމަށެވެ. ވެރިކަމަށް ވަޑައިގެންނެވުނީމާ އެއީ ކިތައް މީހުން ކަމެއްވެސް ނޭނގުނެވެ. ސިފައިންތިބި ތަންތަންވެސް ނޭނގުނެވެ. ހަމަ އޭރު ތިބިމީހުން ހެދުން ބަދަލުކޮށްލައިގެން ގެނެސް ބައިތިއްބައިގެންވެސް ބުނަމުން އެދިޔައީ އޭރު ތިބިވާހަކައެވެ. މިހާރު ނުތިބޭނެ ވާހަކައެވެ. ބޮލެއް މައްޗަށްހުރި ކޮންމެމީހަކަށް މިކަން ސާފުވާއިރުވެސް އެވިދާޅުވަނީ މިހާރު އެވައުދު ފުއްދިއްޖެ ކަމަށެވެ.
ގައުމު އަޅުވެތިވާވަރުގެ އެއްބސްވުންތައް ހުރިކަމާ އެއެއްބަސްވުންތައް ހާމަކުރާނެ ކަމަށް ވިދާޅުވި ވިދާޅުވުން އެއީ ދޮގެއްކަމަށް އެއްބަސްވެވަޑައިގެންނެވީ އަމިއްލަފުޅަށެވެ. އެއިން އެއްޗެއްގެ ސުރުހީވެސް ހާމަކޮށް ނުލެއްވިއެވެ. އެކަމަކު އެވިދާޅުވަނީ މަ ކުރެއްވީމާ އޯކޭ ކަމަށެވެ. އޭރުގެ ސަރުކާރުން ހެދީ ދޮގޯލައެވެ. ތެދު މިހަދަނީ އަހަރެން ކަމަށެވެ.
ޔާމީނަށް ކުރީ ސީދާ ހަރާމް ހުކުމެކެވެ. އެއީ ސިޔާސީ ހުކުމެކެވެ. އެހެންވިދާޅުވީ ދެވަނަ ދެމީހެއް ނޫނެވެ. ސީދާ ޑޮކްޓަރ މުއިއްޒެވެ. މިއަދު ހަލާލްވަނީ މަގޭ ވީމައެވެ. އޭރުވެސް ދައުވާކުރަނީ ޕީޖީއެވެ. މިހާރުވެސް ޕީޖީއެވެ. އެކަމަކު ސިޔާސީ ކަމަކަށް ނުވަނީ މަގޭ އައްޔަންކުރި ޕީޖީވީމައެވެ. ހަލާލްވަނީވެސް އެހެންވީމައެވެ.
ސުޕްރީމް ކޯޓު މަރުތަޅު އެޅުވުމާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ބޭރު ކުރުމަކީ މަ ފޯރުވި ނުފޫޒެއް ނޫނެވެ. އެކަމަކު ރޯމާ ދުވާލު އެކަންކުރި ގޮތްތައް ނޭނގޭ އެކަކުވެސް މި އުޑުބަޅުކުރި ހިސާބަކު ނެތެވެ. މުއިއްޒުގެ ނަޒަރުންނަމަ އެއީ އިއްތިފާގެވެ. ކަންއޮތްގޮތޭ ވިދާޅުވެ އެވިދާޅުވަނީ ކުރިން ރައީސް އޮފީހުން ނުފޫޒުފޯރުވިކަމަށެވެ. މިހާރަކު ނުފޯރުވާނެ ކަމަށެވެ. މަ ވީމާ އެކަން އެނިމުނީކަމަށެވެ. އޮންނާނީ މައެހެން ވިދާޅުވުމެވެ. އެހެންމީހަކު ވިއްޔާ އެއީ ނުފޫޒެވެ.
ކޮންމެއަކަސް ދިގެއް ކުރާކަށް ނެތީމެވެ. އިތުރަށް ކިޔައިދޭން ޖެހޭ އެއްޗެއް ނެތީމައެވެ. ހާމަވީ ހަމަ އެހަގީގަތެވެ. މުއިއްޒަކީ މުއިއްޒުކަމެވެ. ބަދަލެއް ނާންނަކަމެވެ. ބަދަލުވީ އެހެންކަމެކެވެ. ކުރިން ނޭނގޭ މީހުންނަށް އެނގި ހާމަވުމެވެ. ދަސްނުވާ މީހުންނަށް ދަސްވީއެވެ. ކުރިން ކުރެވުނު ހީތައް ކުށްހީއަކަށް ވީއެވެ. އެނގުނީ އެއީ މުއިއްޒު ލޮޖިކް ކަމެވެ.