މިޔަރު ހަމަލާގައި ޒަހަމްވެ، ލާންސް ކޯޕްރަލް މުހައްމަދު ޒައިދާން ނިޔާވި މައްސަލަ އެނގިވަޑައިނުގަންނަވާ ކަމަށް ސިފައިންގެ އެންމެ މަތީވެރިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ޒައިދާން ނިޔާވީ މިޔަރު ހަމަލާދިނުމުން އެ ޒަހަމްތަކަށް އެކަށީގެންވާ ވަގުތު ފަރުވާ ނުދެވުމުގެ ސަބަބުންނާއި، މިމައްސަލާގައި އެމްއެންޑީއެފްގެ އިހުމާލު އޮތްކަމާއި، މިމައްސަލަ އެމްއެންޑީއެފުން ތަހުގީގުކޮށް ރިޕޯޓު އެކުލަވާލިކަން ފާހަގަކުރައްވާފައެވެ. ނަމަވެސް މިމައްސަލައާ ގުޅިގެން އިތުރު މައުލޫމާތު އެމްއެންޑީއެފްގެ ފަރާތުން ހިއްސާކޮށްފައިނުވާ ކަމާއި، އާއިލާއަށް ވެސް އެ އެމައުލޫމާތު ސިއްރުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.
މިސުވާލާއި ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ މިހާދިސާ ހިނގާދިޔަ ގޮތް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި މުއައްސަސާއަކުން އިހުމާލެއް ވެފައިވާނަމަ އެކަން ބެލުމަކީ ޒިންމާއެއް ކަމަށާއި، މިހާދިސާ ހިނގާދިޔަ ގޮތް ބައްލަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަޅުގަނޑަކަށް ނޭނގޭ. ތިކަން ބަލާނަން. އެހެން ބައެއް ސުވާލުތަކަށް ދެންނެވި ފަދައިން ހުރިހާ ރައްޔިތުން އަޅުގަނޑަށް ހަމަހަމަ. އެއްވެސް ރައްޔިތަކަށް އަނިޔާއެއް ލިބުން ބޭއިންސާފުން ކަމެއް ހިނގުން އެއްވެސް ކަމެއް އެއީ އެކްސެޕްޓަބަލް ކަންކަމެއް ނޫން. އެހެންވީމަ އެއްވެސް މުއައްސަސާއަކުން އިހުމާލެއްވެފައިވާ ނަމަ އެކަމެއް ބެލުން އެއީ އަޅުގަނޑުގެ ޒިންމާއެއް އަދި އަޅުގަނޑު އެކަން ހަމަހަމަކަމާއެކު ކުރާނެ ކަމެއް. ތިކޭސް އަޅުގަނޑަކަށް ނޭނގޭ ތި ގޮތަށް ގޮސްފައި އޮތް ކަމެއް. އެހެންވީމަ އަޅުގަނޑު ތިކަން ބަލާނަން.
ސިފައިންގެ އެންމެ މަތީވެރިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު![]()
ކޯޕްރަލް މުހައްމަދު ޒައިދާން ނިޔާވެފައިވަނީ، ސިފައިންގެ ހައި ރިސްކް ތަމްރީނެއް ފުރިހަމަ ކުރަމުން ދަނިކޮށް، 02 ޖޫން 2024 ވަނަ ދުވަހު ލ. މާވަށްކައިރީ ކަނޑުގެ ސަރަހައްދުގައި ހިނގި ހާދިސާއެއްގައި، ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ލ. ގަން ރީޖަނަލް ހޮޮސްޕިޓަލްގައެވެ.
ޒައިދާން ނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، ދެ ދުވަސް ވަންދެން ސިފައިންގެ ދިދަ، ސިފައިންގެ މަރުކަޒުތަކުގައި ވަނީ ބައި ދަނޑިއަށް ވެސް ތިރިކޮށްފައެވެ.
ޒައިދާންގެ ޖަނާޒާ ބާއްވާފައި ވަނީ ރަސްމީ އިއްޒަތުގެ ދެވަނަ ދަރަޖައިގައި އޭނާގެ އުފަށް ރަށް ރ. އުނގޫފާރުގައެވެ. މި ޖަނާޒާގައި ސިފައިން ހަތް ބަޑީގެ ސަލާމެއް ވެސް އަރުވާފައި ވެއެވެ.