އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އަށް އިންސާފު ހޯދައިދޭން ގޮވާލައި ސިލްސިލާކޮށް ކުރަމުންދިޔަ މުޒާހަރާއިން ހައްޔަރުކުރި އައިޝަތު ޝިމަން އަހުމަަދާއި އަބްދުﷲ މަހްޒޫމް މާޖިދު ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކުރި ޒުވާނުންގެ މުޒާހަރާއިން މި ދެ ޒުވާނުން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ބުނެ އެވެ. އަދި ފުލުހަކަށް މަހްޒޫމަށް ހަމަލާދޭން މަސައްކަތްކުރި ކަމުގެ ތުހުމަތު ވެސް ކުރެ އެވެ.
އުމުުރުން 19 އަހަރުގެ ޝިމަން، އާއި 28 އަހަރުގެ މަހްޒޫމް ގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުކުރު ދުވަހު ކޯޓަށް ހާޒިރު ކުރުމުން ވަނީ އެ ދެ މީހުންގެ ބަންދަށް ތިން ދުވަސް ޖަހައިފައެވެ.
ބުރާސްފަތި ދުވަހުގެ ރޭ ޒުވާނުން ސުލްހަވެރިކަމއި އެކު ކުރިއަށްގެންދިއަ މުޒާހަރާ ފުލުހުން ރޫލާލައި ޝިމަން އާއި މަހްޒޫމް ހައްޔަރުކުރީ އެއްވެސް އިންޒާރެއް ވެސް ނުދީ އެވެ.
ފުލުހުން ބުނީ އެރޭގެ މުޒާހަރާ ރޫޅާލީ މަގުމަތީ މުޒާހަރާ ކުރުމުން ވިޔަފާރިތަކަށް ދަތިވުމާއި އޯލެވެލް ޓެސްޓު ހަދާ ކުދިންނަށް މުޒާހަރާގެ ސަބަބުން އުނދަގޫވުމުން ގިނަ ބައެއްގެ ޝަކުވާތައް ލިބުމުން ކަމަށެވެ.
ފުލުހުން އެ ދެ ޒުވާނުން ހައްޔަރުކުރީ މުޒާހަރާގެ ތެރެއިން ހާލަތާ ނުބައްދަލު ބާރު ބޭނުން ކޮށްގެން ކަމަށް އެ ވަގުތު އެ ސަރަހައްދުގައި ތިބި މީހުން ބުނެއެވެ. ހައްޔަރު ކުރުމަށް ފުލުހުން އަމަލު ކުރި ގޮތުން އެ ދެމީހުންނަށް ވެސް އެކިވަރުގެ އަނިޔާތައްވެސް ވަނީ ލިބިފައެވެ.
މިކަމުގެ ކަންބޮޑުވުން ގިނަ ބައަކު ފާޅުކުރަމުން ގެންދާއިރު، ފުލުހުންގެ މި އަމަލު އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިތުރުން އެމްޑީއޭއިން ވެސް ވަނީ ކުއްވެރިކޮށްފައެވެ. އަދި އެ ދެ މީހުން ވަގުތުން ދޫކޮށްލަން ވެސް ވަނީ ގޮވާލާފައެވެ.