ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބަކީ އުމުރުފުޅުން ހަނގު ބޭފުޅެއް ކަމަށާއި އެމަނިކުފާނު މާބޮޑު މީހަކަށް ހެއްދެވީ ރައީސް އަބްދުﷲ ޔާމިން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "މިރައީސް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަޙްލޫފު ވިދާޅުވީ އަދީބް ކުރައްވާފައިވާ ކޮންމެ ކަމެއްވެސް ކޮށްފައިވަނީ ސީދާ ރައީސް ޔާމިންގެ ހުއްދަ ލިބިގެންކަމަށް އަދީބު އޭނާ ކައިރީގައި ވިދާޅުވެފައިވާ ކަމަށެވެ.
މިފަދަ ކަންކަން ވަޒީރުންގެ ފެންވަރުގައި އޭރު ތިއްބެވި ބޭފުޅުން ލައްވާ ރައީސް ޔާމިން ކުރައްވާފައިވުމުން މިގައުމުގައި ކޮންމެ ފަދަ ކަމެއްވެސް ހިނގާފާނެ ކަމަށާއި ކާނަލް ނާޒިމްގެ މައްސަލާގައި ހުރިހާ ހަޤީގަތެއް އެނގިވަޑައިގެން ހުންނަވައިގެން ބަހެއް ވިދާޅުނުވެ ރައީސް ޔާމިން ހުންނެވުމަކީ ސުވާލުއުފެދޭ ކަމެއް ކަމަށް މަޙްލޫފު ވިދާޅުވިއެވެ. މިހުރިހާ ކަމަކުން މިއަދު ރެކިވަޑައިގަތުމަށްޓަކައި އަދީބުގެ ބޮލަށް ހުރިހާ ކަމެއް ޖެއްސެވުމަށްފަހު ރައީސް ޔާމިން ހުންނެވުމަކީ ދިވެހި ރައްޔިތުން ޤަބޫލުކުރާނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމިންގެ ބާރު މިއަދު ވަރަށް ބޮޑަށް ހުލިވެ އެކަނިވެރިވެފައިވާ މަންޒަރު އެމަނިކުފާނުގެ ވާހަކަތަކުންވެސް އެނގިގެންދާ ކަމަށާއި ރައީސް ޔާމިން އަކީ ވަރަށް ބޮޑު ފިނޑިއެއް ކަމަށް މަޙްލޫފު ވިދާޅުވިއެވެ.
"ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށްޓަކައި މިދައްކަނީ ރައީސް ޔާމިން އިންތިހާބެއް ނުބާއްވާނެއޭ. ރައްޔިތުން ޖަލަށް ލާނެއޭ، ވަރަށް ނުބައި ނުލަފާ މީހެކޭ، ވޯޓް އޮޅުވާލެނެއޭ، ހަޤީގަތަކީ ރައީސް ޔާމިންއަކީ ވަރަށް ބޮޑު ފިނޑިއެއް، އެފަދަ ކަމަކާއި ކުރިމަތިލާން ޖެހިއްޖެ ނަމަ އެންމެ ބޮޑު ފިނޑިއެއްގެ ގޮތުގައި ފެނިގެންދާނެ," މަޙްލޫފު ވިދާޅުވިއެވެ.
ފުލުހުންނާއި ސިފައިންގެ ތެރޭގައި ކަންކަން އޮތްގޮތާއި ކޯޓްތަކާއި މަޖިލީހުގެ ތެރޭގައި ކަންކަން އޮތްގޮތުގެ ހަޤީގަތް ރައީސް ޔާމިންއަށް އެނގިވަޑައިގަތުމުން އެންމެ ގާތީ އެމަނިކުފާނު ފިއްލެވުން ކަމަށް މަހްލޫފު ވިދާޅުވިއެވެ.
ޤާނޫނު އަސާސީއަކީ ރައީސް ޔާމިން ވެރިކަމަށް ކުރިމަތިލެއްވިއިރުވެސް އޮތް އެއްޗެއް ކަމަށާއި އެޤާނޫނު އަސާސީއަކީ އެމަނިކުފާނުގެ ބައިވެރިވުމާއި އެކު އައިސްފައި އޮތް އެއްޗަކަށްވާއިރު މިއަދު ޤާނޫނު އަސާސީ ގޯސްވެގެން އެވާހަކަ ދެއްކޭނެ ޖާގައެއް ރައީސް ޔާމިންއަށް ނެތް ކަމަށް މަހްލޫފް ވިދާޅުވިއެވެ.
ޤާނޫނު އަސާސީ އޮންނަން ވާނީ ރައީސް ޔާމިން ބޭނުންފުޅުވާ ގޮތަށް ކަމަށް އެމަނިކުފާނަށް ހީފުޅުކުރެއްވުނު ނަމަވެސް އެއީ ކުށްހީއެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ކަންތައް ކުރައްވަން ޖެހިވަޑައިގަންނަވާނީ ޤާނޫނު އަސާސީގައި ބުނާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.