ގިނަ މައްސަލަތަކެއް ދިމާވެފައިވާ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ދީފައިވާ ޤައުމީ ހައިސިއްޔަތު ނަގައި، އެ އެސޯސިއޭޝަން ސަސްޕެންޑު ކުރުމަށް، ކުޅިވަރު ވުޒާރާ އިން ނިންމައިފި އެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އަށް ދީފައިވާ ޤައުމީ ހައިސިއްޔަތު ނަގަން ކުޅިވަރު ވުޒާރާ އިން ނިންމީ، އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ އިންތިޚާބު ނުބާއްވައި އަހަރަކަށް ވުރެ ގިނަ ދުވަސްވުމާއި، އެސޯސިއޭޝަންގެ ހިންގާ ޤަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްފައި ނުވާތީ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ ދައުރު ހަމަވެފައި ވަނީ 2024 ވަނަ އަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހު އެވެ. ނަމަވެސް، މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި އައު ހިންގާ ކޮމެޓީއެއް އިންތިޚާބު ކޮށްފައި ނުވެ އެވެ.
ކުޅިވަރު ވުޒާރާ އިން ގެޒެޓުގައި އިއުލާން ކޮށްފައިވާ ގޮތުން، ހިންގާ ކޮމެޓީގެ އިންތިޚާބު ބާއްވައި، އެސޯސިއޭޝަންގެ ހިންގާ ޤަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަންދެން، އެ އެސޯސިއޭޝަނަށް ދީފައިވާ ޤައުމީ ހައިސިއްޔަތު ނަގަން ނިންމާފައިވާ ކަމަށެވެ.
ކުޅިވަރު ވުޒާރާ އިން އެ ނިންމުން ނިންމާފައި ވަނީ ކުޅިވަރާ ބެހޭ ޤައުމީ މަޖިލީހާ ވެސް މަޝްވަރާ ކުރުމަށް ފަހު އެވެ.
މީގެ އިތުރުން އެ އިއުލާނުގައި ބުނެފައި ވަނީ، ދައުރު ހަމަވެފައިވާ ހިންގާ ކޮމެޓީގެ އެއްވެސް މެމްބަރަކަށް ބުދަ ދުވަހުން ފެށިގެން އެ އެސޯސިއޭޝަންގެ ނަމުގައި އެއްވެސް މުއާމަލާތެއް ކުރުން މަނާ ވާނެ ކަމަށެވެ. އަދި އެފަދަ މުއާމަލާތެއް ކުރި ނަމަވެސް، އެއީ ސައްހަ މުއާމަލާތެއްގެ ގޮތުގައި ބަލައި ނުގަންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އަށް ދީފައިވާ ޤައުމީ ހައިސިއްޔު ނަގައި، ސަސްޕެންޑު ކުރުމަށް ނިންމި ނަމަވެސް ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންނާއި، އޮފިޝަލުންނަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ޤައުމު އަދި އެސޯސިއޭޝަން ތަމްސީލު ކުރުމަށް ހުރަހެއް ނޯންނާނެ ކަމަށް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ކުޅިވަރު ވުޒާރާ އިން ބުނެފައި ވަނީ އެ ނިންމުން ނިންމަން ޖެހުނީ، ބެޑްމިންޓަން އެސޯސިއޭޝަންގެ އެތެރޭގައި ހުރި މައްސަލަތައް ހައްލުކޮށް، އެ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީ އިންތިޚާބު ކުރުމަށް އެކު ގޮތްގޮތުން ކުރެވުނު މަސައްކަތުގައި އެއްވެސް އެއްބާރުލުމެއް ނުލިބި، އެކަން ދިގުލައިގެން ދިޔުމުގެ އިތުރުން، އެސޯސިއޭޝަންގެ އަމަލުތައް ހުރި ގޮތުން މެމްބަރުން އަދި ކުޅުންތެރިންނަށް ގެއްލުންތަކެއް ލިބެމުން ދާތީ ކަމަށް ވަނީ ބުނެފަ އެވެ.
އެ މައްސަލަތައް ހައްލުކޮށް، އައު އިންތިޚާބެއް ބާއްވައި، ހިންގާ ކޮމެޓީއެއް އިންތިޚާބު ކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) އިން ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ކުޅިވަރު ވުޒާރާ އިން ވަނީ ފާހަގަ ކޮށްފަ އެވެ.
އިތުރަށް ކުޅިވަރު ވުޒާރާ އިން ބުނެފައި ވަނީ އެ އެސޯސިއޭޝަންގެ މެމްބަރުންގެ ބައިވެރިވުމާއެކު، އެސޯސިއޭޝަންގެ ހިންގާ ޤަވާއިދަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ އިތުރުން، އިންތިޚާބު ބޭއްވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އެމްއޯސީގެ ބެލުމުގެ ދަށުން ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ އެޑް-ހޮކް ކޮމެޓީއެއް އެކުލަވާލަން ހަމަޖެހިފައިވާ ކަމަށެވެ.
އަދި އެ ކޮމެޓީއާ މަސައްކަތްތައް ހަވާލު ކުރާތާ 45 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި، އަލަށް އިންތިޚާބު ކުރެވޭ ހިންގާ ކޮމެޓީއާ އެސޯސިއޭޝަން ހަވާލު ކުރާނެ ވާހަކަ ވެސް ވަނީ އިއުލާން ކޮށްފަ އެވެ.