ކ. މާލެ
|
30 އޭޕްރިލް 2025 | ބުދަ 10:07
އިންޓަރ މިލާނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބާސެލޯނާގެ ކޯޗު ފްލިކް
އިންޓަރ މިލާނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބާސެލޯނާގެ ކޯޗު ފްލިކް
ރޮއިޓަރސް
ޔުއެފާ ޗެމްޕިއަންސް ލީގު
ފޯކަސް އޮތީ ފުރަތަމަ ލެގަށް، އިންޓަރ އާމެދު ސަމާލުވާން ޖެހޭނެ: ފްލިކް
އިންޓަރ އަކީ މިވަގުތު ޔޫރަޕުގައި އޮތް ޑިފެންސް އަށް އެންމެ ވަރުގަދަ ޓީމު ކަމަށް އޭނާ ފާހަގަ ކުރި އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އިންޓަރ މިލާނާ ދެކޮޅަށް ނިކުންނައިރު، ފޯކަސް އޮތީ ފުރަތަމަ ލެގަށް ކަމަށާއި، އިންޓަރ އާމެދު ސަމާލުވާން ޖެހޭނެ ކަމަށް ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

އިންޓަރއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފްލިކް ބުނީ، ބާސެލޯނާގެ ފޯކަސް އޮތީ ފުރަތަމަ ލެގަށް ކަމަށާއި، އެއީ ޙާސިލު ކުރަން ބޭނުންވާ ކަންކަމުގެ އެއް ބައި ކަމަށެވެ.

އިތުރަށް އޭނާ ބުނީ، އިންޓަރއާ ދެކޮޅަށް ކުޅުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. އެގޮތުން އިންޓަރ އަކީ މިވަގުތު ޔޫރަޕުގައި އޮތް ޑިފެންސް އަށް އެންމެ ވަރުގަދަ ޓީމު ކަމަށް އޭނާ ފާހަގަ ކުރި އެވެ. އަދި އެ ޓީމުގެ މެދު ތެރޭގައި ތިބި ކުޅުންތެރިންނަކީ ވެސް ވަރުގަދަ ބައެއް ކަމަށާއި، ބާސެލޯނާ އިން ވަރަށް ތައްޔާރުވެ ތިބެން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

އެންމެ ފަހުން ބާސެލޯނާ ކުޅުނު ކޮޕަ ޑެލް ރޭގެ ފައިނަލް މެޗަށް އިޝާރާތްކޮށް ފްލިކް ބުނީ، އެ މެޗަށް ފަހު މިހާރު ކުޅުންތެރިން ތިބީ ފުރިހަމަ އަށް ތައްޔާރަށް ކަމަށެވެ. އަދި ޓީމުގެ ތައްޔާރީތަކާ މެދު އޭނާ ހިތްހަމަ ޖެހޭ ކަމަށާއި، ކުޅުންތެރިންނަށް ފުރިހަމަ އިތުބާރު އޮންނަ ކަމުގައި ވެސް ފްލިކް ބުންޏެވެ.

އޭނާ ބުނީ ބާސެލޯނާ އިން މިހާތަނަށް ވެސް ގިނަ ކަންތައްތަކެއް ޙާސިލު ކޮށްފައިވާ ކަމަށާއި، ނަމަވެސް އެމީހުން ބޭނުންވާ އަމާޒަށް ވާސިލުވުމަށް އަދި ވެސް ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެ މަގަކީ ފަސޭހަ މަގެއް ނޫން ކަމަށާއި، އުނދަގޫތަކާ އެކު ވެސް އެކަން ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު އޮތް ކަމުގައި ފްލިކް ބުންޏެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި އެ ޓީމުން އިންޓަރއާ ދެކޮޅަށް ނިކުންނާނީ ބުދަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

- ކޮމެންޓް