ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އާސެނަލާ ދެކޮޅަށް ނިކުތުމުގެ ކުރިން، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ގުޅޭ ގޮތުން ފްރާންސްގެ މީޑިއާ ތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ލުއިސް އެންރީކޭ ހިތްހަމަ ނުޖެހިއްޖެ އެވެ.
އާސެނަލާ ދެކޮޅަށް ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ނިކުތުމުގެ ކުރިން، ފްރާންސް ލީގުގައި ޕީއެސްޖީން ވަނީ ތިން މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ޕީއެސްޖީ މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއް މެޗު އެއްވަރުވެފައިވާއިރު، އަނެއް މެޗުން ވަނީ ބަލިވެފަ އެވެ.
މިފަހުން ޕީއެސްޖީ އަށް ނަތީޖާ ނުނެރެވޭ ކަމަށް ބުނެ، ފްރާންސް މީޑިއާ ތަކުގައި ވަނީ އެ ޓީމުގެ ކުޅުން ދަށްވެފައިވާ ކަަމަށް ބުނެފަ އެވެ. އަދި އާސެނަލާ ދެކޮޅަށް ނިކުތުމުގެ ކުރިން ޓީމުގެ ފޯމު ގެއްލިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އާސެނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެންރީކޭ ބުނީ، މިހާތަނަށް ޕީއެސްޖީން ހޯދާފައިވާ ކާމިޔާބީތަކާއި، މޮޅުވެފައިވާ މެޗުތައް އަދި ޖަހާފައިވާ ލަނޑުތަކުގެ ވާހަކަ އެއްވެސް މީހަކު ނުދައްކާ ކަމަށެވެ. އަދި ދައްކަމުން އަންނަނީ އެ ޓީމު ބަލިވާ ވާހަކަ ކަމަށް އޭނާ ބުންޏެވެ.
އެކަމަށް އިޝާރާތްކޮށް އެންރީކޭ ބުނީ މީޑިއާ ތަކުގައި ދައްކަން ބޭނުން ވާހަކަތަކެއް ދައްކަންވީ ކަމަށެވެ. ނަމަވެސް ޕީއެސްޖީގެ ވިސްނުން އޮތީ ރަނގަޅަށް ކަމަށާއި، ޓީމު އޮތީ ނަފްސާނީ ގޮތުން ވެސް ރަނގަޅު ރޫހެއްގައި ކަމަށް އޭނާ ބުންޏެވެ. ޕީއެސްޖީ ޓީމުގައި މިވަގުތު ތިބި މީހުންގެ ތެރެއިން އެންމެ ބޮޑު ހިތްހަމަ ނުޖެހުމެއްގައި ހުރި މީހަކީ އޭނާ ކަމަށް ވެސް އެންރީކޭ ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އެންރީކޭ ބުނީ، ޓީމާ މެދު ނެގެޓިވް ކަންތައްތަކެއް އެނބުރޭ ވާހަކަ އޭނާ ދެއްކުމުން، އެ ވާހަކަ އޮޅުވާލަން ނޭދޭ ކަމަށެވެ. އޭނާ އެ ބުނީ ޓީމުގެ ސަޕޯޓަރުން ނުވަތަ ޓީމުގެ އެތެރޭގައި ތިބި އެހެނިހެން މީހުންގެ ވާހަކަ ނޫން ކަމަށް ވެސް އެންރީކޭ ބުންޏެވެ.