ކ. މާލެ
|
28 އޭޕްރިލް 2025 | ހޯމަ 23:22
ގެއްލިގެން ހޯދަމުންދާ ދޯނި
ގެއްލިގެން ހޯދަމުންދާ ދޯނި
ޕޮލިސް
ދޯންޏެއް ގެއްލުން
5 މީހުންނާއެކު ހުވަދޫ ކަނޑަށް ދޯންޏެއް ގެއްލިއްޖެ
ދޯނީގައި ތިބީ 3 ދިވެހިންނާއި 2 ބިދޭސީން
ހުވަދޫ ކަނޑުން ވަންނަން ކައިރިވެފައިވާ ކަމަށާއި އޭގެ ފަހުން ދޯންޏާ ގުޅިފައެއް ނުވާ ކަމަށް ކެޕްޓަން ބުނެފައިވޭ

5 މީހުންނާއެކު ހުވަދޫ ކަނޑަށް ދޯންޏެއް ގެއްލިއްޖެއެވެ.

ފުލުހުން ބުނީ 2025 އޭޕްރިލް 27 ވަނަ ދުވަހުގެ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި "ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯންޏެއް ވަނީ ގެއްލިފައެވެ. މި ދޯނީގައި ތިބީ 5 މީހުންނެވެ. އެއީ 3 ދިވެހިންނާއި 2 ބިދޭސީންނެވެ.

ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ އޭޕްރިލް 28 ވަނަ ދުވަހުގެ ދަންވަރު 2:40 ގައެވެ. އެއިރު ކެޕްޓަން ބުނެފައިވަނީ ހުވަދޫ ކަނޑުން ވަންނަން ކައިރިވެފައިވާ ކަމަށާއި އޭގެ ފަހުން ދޯންޏާ ގުޅިފައެއް ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ހޯމަ ދުވަހުގެ ހަވީރު 6:00 ގައި ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކުރެވި، އެމް.އެން.ޑީ.އެފްގެ ސަދަން ރީޖަން ކޮމާންޑަށް ވަނީ މައުލޫމާތު ދީފައެވެ. ދޯނި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ނެޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ނުވަތަ އެންމެ ކައިރި ފުލުހުންގެ މަރުކަޒަކަށް އެންގުމަށް ވެސް ފުލުހުން އެދިފައިވެއެވެ.

- ކޮމެންޓް