އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ލިވަޕޫލް އިން 20 ވަނަ އަހަރަށް ލީގު ކާމިޔާބު ކޮށްފި އެވެ.
ލިވަޕޫލްގެ އަމިއްލަ ދަނޑު، އެންފީލްޑުގައި އާދީއްތަ ދުވަހުގެ ރޭ ޓޮޓެންހަމާ ދެކޮޅަށް ނިކުތްއިރު، އެ މެޗުން އެއް ޕޮއިންޓު ހޯދައިގެން ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ލިވަޕޫލަށް އޮތެވެ.
އެ މެޗުގައި ލިވަޕޫލް އިން ވަނީ 5-1 އިން ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލް އިން ތިން ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ވަނީ އަނެއް ދެ ލަނޑު ޖަހައިފަ އެވެ.
މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ޑޮމިނިކް ސޮލަންކޭ ޖެހި ލަނޑުން ޓޮޓެންހަމް ވަނީ ލީޑު ނަގައިފަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ލުއިސް ޑިއާޒް ޖެހި ލަނޑުން ލިވަޕޫލް ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
އޭގެ ފަހުން މެޗުގެ 24 ވަނަ މިނެޓުގައި އަލެކްސިސް މެކް އަލިސްޓާ ޖެހި ލަނޑާ އެކު ލިވަޕޫލް އިން ވަނީ މެޗުގައި ލީޑު ނަގައިފަ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލްގެ ތިން ވަނަ ލަނޑު ޖެހީ ކޯޑީ ގަކްޕޯ އެވެ.
ދެ ވަނަ ހާފުގައި ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު ޖެހީ މިސްރުގެ ފޯވާޑު މުޙައްމަދު ޞަލާޙު އެވެ. އަދި މެޗުގައި ލިވަޕޫލްގެ ފަހު ލަނޑަކީ ޓޮޓެންހަމްގެ ޑެސްޓިނީ އުޑޯގީ އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ.
މިއީ މި ސީޒަނާ ދިމާކޮށް ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވި ނެދަލެންޑްސްގެ އާން ސްލޮޓްގެ އިރުޝާދުގެ ދަށުން އެ ޓީމުން ކާމިޔާބު ކުރި ފުރަތަމަ ތައްޓެވެ.
މި ކާމިޔާބީ އާއެކު، ލިވަޕޫލް އިން ވަނީ އެންމެ ގިނަ ފަހަރު ލީގު ކާމިޔާބު ކޮށްފައިވާ މެންޗެސްޓަރ ޔުނައިޓެޑާ ހަމަކޮށްފަ އެވެ. ދެ ޓީމުން ވެސް ވަނީ 20 ފަހަރު ލީގު ކާމިޔާބު ކޮށްފަ އެވެ.