ކ. މާލެ
|
28 އޭޕްރިލް 2025 | ހޯމަ 11:11
ޕޮލިސް ކުލަބުން ޤައުމީ ވޮލީ ބޯޅަ ލީގުގެ ތަށި އުފުލާލަނީ
ޕޮލިސް ކުލަބުން ޤައުމީ ވޮލީ ބޯޅަ ލީގުގެ ތަށި އުފުލާލަނީ
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ޤައުމީ ވޮލީ ބޯޅަ ލީގު
ވެމްކޯ ބަލިކޮށް، ޕޮލިސް ކުލަބުން ޤައުމީ ލީގު ކާމިޔާބު ކޮށްފި
މިއަހަރުގެ ޤައުމީ ލީގު ޕޮލިސް ކުލަބުން ކާމިޔާބު މި ކުރީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެންނެވެ.

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމު ކޮށްގެން ބޭއްވި ޤައުމީ ވޮލީ ބޯޅަ ލީގުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބުން ހޯދައިފި އެވެ.

މިއަހަރުގެ ޤައުމީ ލީގުގެ ފަހު މެޗާ ހަމައަށް އައިއިރު، ޕޮލިސް ވަނީ އެ ޓީމު ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ. ހަތަރު މެޗުގެ ތެރެއިން ވެމްކޯ މޮޅުވީ ތިން މެޗުންނެވެ. އަނެއް މެޗުން ވަނީ ބަލިވެފަ އެވެ.

މިއަހަރުގެ ޤައުމީ ލީގުގެ ޗެމްޕިއަން ކަށަވަރު ވާން އޮތީ ވެސް ފަހު މެޗުންނެވެ. އެ މެޗާ ކުރިމަތިލީއިރު، ދެ ޓީމަށް ވެސް ޤައުމީ ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އޮތެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ޕޮލިސް ކުލަބުން ކާމިޔާބު ކުރީ ތިން ސެޓު ދެ ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ޕޮލިސް ކުލަބުން ކާމިޔާބު ކޮށްފައި ވަނިކޮށް، ވެމްކޯ އިން ޖެހިގެން ކުޅުނު ދެ ސެޓު ކާމިޔާބު ކުރި އެވެ. ނަމަވެސް ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓު ޕޮލިސް ކުލަބުން ކާމިޔާބު ކުރި އެވެ.

ވާދަވެރި ކުޅުމަކަށް ފަހު ޕޮލިސް ކުލަބުން ފުރަތަމަ ސެޓު ކާމިޔާބު ކުރީ 26-24 އިންނެވެ. އަދި ދެ ވަނަ ސެޓު ކާމިޔާބު ކުރީ 25-17 އިންނެވެ. ނަމަވެސް ވެމްކޯ އިން ވަނީ ތިން ވަނަ ސެޓު 19-25 އަދި ހަތަރު ވަަނަ ސެޓު 23-25 އިން ކާމިޔާބުކޮށް ސެޓުގެ ގޮތުން ހަމަހަމަ ކޮށްފަ އެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓު ޕޮލިސް ކުލަބުން ކާމިޔާބު ކުރީ 15-05 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ކުލަބުގެ ބިދޭސީ ކުޅުންތެރިޔާ ސޯފިއާ ގްރެކާ އެވެ.

މިއަހަރުގެ ޤައުމީ ލީގު ޕޮލިސް ކުލަބުން ކާމިޔާބު މި ކުރީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެންނެވެ. މިއަހަރުގެ ވީއޭއެމް ކަޕްގެ ފައިނަލްގައި ވެސް ބައްދަލު ކުރީ ޕޮލިސް ކުލަބާއި ވެމްކޯ އެވެ. ނަމަވެސް ޕޮލިސް ބަލިކޮށް ވެމްކޯ އިން ވަނީ ވީއޭއެމް ކަޕް ކާމިޔާބު ކޮށްފަ އެވެ.

- ކޮމެންޓް