މިހާރު ކުރިއަށްދާ ޤައުމީ ވޮލީ ބޯޅަ ލީގުގައި ގުޑް ގޭމްސް ސްޕޯޓްސް އެކަޑަމީއާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެ، ޕޮލިސް ކުލަބުން ލީގު ތާވަލްގެ އެއް ވަނަ މަގާމުގައި ދެމި އޮވެއްޖެ އެވެ.
ލީގުގައި މީގެ ކުރިން ޕޮލިސް ކުޅުނު ތިން މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ. އެއީ ފްލެކްސާއާ ދެކޮޅަށް ކުޅުނު މެޗާއި، ސިޓީ ފްރެންޑްސްއާ ދެކޮޅަށް ކުޅުނު މެޗު އަދި ހުރާ ކޮމިއުނިޓީ ކުލަބާ ދެކޮޅަށް ކުޅުނު މެޗެވެ.
ލީގުގައި ޕޮލިސްގެ ހަތަރު ވަނަ މެޗުގައި، ހޮނިހިރު ދުވަހުގެ ހަވީރު ނިކުތީ ގުޑް ގޭމްސް އެކަޑަމީއާ ދެކޮޅަށެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗު ޕޮލިސް ކުލަބުން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ.
މެޗުގެ ސެޓުތައް ޕޮލިސް ކުލަބުން ކާމިޔާބު ކުރީ 25-19، 25-22 އަދި 25-20 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ކުލަބުގެ ބިދޭސީ ކުޅުންތެރިޔާ ގްރަޒިއެލް އެވެ.
މޮޅާ އެކު ޕޮލިސް އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓާ އެކު އެވެ. ލީގުގައި ޕޮލިސް ކުލަބަށް ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ ލީގުގެ ފަހު މެޗުގައި ކުލަބު ވެމްކޯއާ ދެކޮޅަށް ކުޅޭ މެޗެވެ.
އެންމެ ފަހުން ނިމުނު ވީއޭއެމް ކަޕްގެ ފުރަތަމަ ސެމީ ފައިނަލްގައި ޕޮލިސް ކުލަބުން ވަނީ ވެމްކޯގެ މައްޗަށް ކުރި ހޯދައިފަ އެވެ. ނަަމަވެސް ފައިނަލްގައި ވަނީ ވެމްކޯ އަތުން ބަލިވެފަ އެވެ.