މާލޭގެ ގެއެއްގެ 9 ވަނަ ފަންގިފިލާއިން 21 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ވެއްޓިފައި އޮއްވާ ފެނުނު ވާހަކަ މީޑިއާއަށް ތިލަވީ 18 ވަނަ ދުވަހުއެވެ. އެއީ އެރޭ ހިނގައިދިޔަ ހާދިސާއެކެވެ. މިއާއެކު ސޯޝަލް މީޑިއާގައި އެވާހަކަތައް ހިނގަން ފެށުމާއެކު ފުލުހުން ދިނީ އިންޒާރެކެވެ. މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ވެއްޓިފައި އޮތް އަންހެން މީހެއްގެ ފޮޓޯ ދައުރު ނުކުރުމަށެވެ. އެކަމާއި ގުޅޭ ޖަވާބެއް ވެސް ފުލުހުން ނުދިނެވެ.
އެންމެ ފަހުން ޕްރެޝަރު ބޮޑުވެ މި ހާދިސާ ހިނގިތާ 4 ދުވަސް ފަހުން ފުލުހުން މި މައުލުމާތު ދޭން ފެށި އިރު މި ހާދިސާގެ ފަހަތުގައި ބާރުގަދަ ސިޔާސީ ބައެއްގެ އަތެއްވާކަން ހާމަވެގެންދިޔައެވެ. އެވާހަކަ އިހައް ނުދައްކާނަމަވެ. ނަމަވެސް ފުލުހުންގެ ތަހުގީގުގައި މިސްރާބެއް ނެތިކަން ހާމަވެގެން ދިޔަ ލައްކަ ކަންކަން ހުއްޓެވެ. މިއާއެކު ޒުވާނުން ނުކުތީ އިމާރާތުގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު 21 އަހަރުގެ ޒުވާނާގެ ދިފާއުގައެވެ.
ޕްރެޝަރު ކުރަމުންދިޔައީ ޕޮލިސް ސީޕީ އިސްތިއުފާދެއްވާ ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް އިސްތިއުފާ ދެއްވުމަށެވެ. އަދި އަންހެން ކުއްޖާ ވެއްޓުނުރޭ މަސްތުވާތަކެއްޗާއެކު ޕާޓީކުރަން ތިބި ރައީސް މުއިއްޒުގެ އަރިސް އަދި މި ސަރުކާރު ވެރިކަމަށް ގެންނަން މަސައްކަތް ކުރި ޒުވާނުންތަކުގެ ތެރެއިން ދެ ޒުވާނަކު ބޮޑުބޭބޭ ވިދާޅުވާ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވެސް އިސްތިއުފާ ދެއްވުމަށެވެ.
ޒުވާނުންގެ ޕްރެޝަރަށް މި ސަރުކާރުން ދިނީ ބީރު ކަންފަތެކެވެ. ޒުވާނުނަނަށް މަލާމާތްކޮށް، އެއީ ސިޔާސީ ފިކުރެއްގައި ޖެހިފައި ތިބި ބައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެ، ވިދާޅުވީ އެމަނިކުފާނު ދެއްވާ ޔަޤީންކަމަކީ، ރައްޔިތުންގެ މި ސަރުކާރުން، ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ލިބިގެންދާނީ ދެފުށް ފެންނަ، ޒިންމާދާރު، ތެދުވެރި، އަމާނާތްތެރި ޚިދުމަތެއްކަމުގެ ޔަޤީންކަމަށެވެ.
އެފަދައިން ވިދާޅުވީ 24 އެޕްރީލްގައި ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އޭގެ 3 ދުވަސް ފަހުން ރައީސް ފުލުހުންނަށް ކުރެއްވި އިތުބާރާއި ރައްޔިތުންނަށް ދެއްވި ޔަގީންކަން ވާވަދެއްޖެއެވެ. ޔުމްނުގެ މައްސަލަ ބަލަން އުފެއްދެވީ ހާއްސަ ކޮމިޝަނެކެވެ. ފުލުހުން މި މައްސަލައިގައި ގޯސްތަކެއް ހެދިކަން އެމަނިކުފާނު ހުދު ގަބޫލުފުޅުކުރައްވާކަން މިއިން ހާމަވަގެންދެއެވެ. މިއާއެކު މުޅި މުއައްސަސާއަށް އޮތް އިތުބާރުވެސް ނެތްކަން ހާމަވެއްޖެއެވެ. ހަމަ މިއާއެކު މުއައްސަސާގެ ބެލެނިވެރި ފަރާތްކަމުގައިވާ ހޯމްލޭންޑް މިނިސްޓަރަށްވެސް އިތުބާރުނެތްކަން ހާމަވަގެން މިދިޔައީއެވެ.
ކޮންމެއަކަށް ކޮމިޝަނެއް އުފައްދަވައިފިއެވެ. ކޮމިޝަނެއް އުފެއްދެނީ ޒުވާން އަންހެން ކުއްޖަކު މާލޭގެ އިމާރާތެއްގެ މަތިން ވެއްޓީ، އަދި މަރުވާން ދޫކޮށްލާފައި އޮތް މައްސަލަ ބެލުމަށެވެ. ރައީސްއަށް އިތުބާރު ކުރެވޭ މައްސަލައިގެ ފުނަށް ފީނާނެ މޮޅު މާލިމީންވެސް ހިމެނޭ ގޮތަށެވެ.
މި ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ހިމެނެނީ:
ޑޮކްޓަރ މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
ޑޮކްޓަރ މުޙައްމަދު ޙަބީބު، ސ. ހިތަދޫ، ސީސަންމާގެ
ނަމަވެސް އަންހެނެއްގެ މައްސަލަ ބަލަން އުފެއްދެވި ކޮމިޝަނުގައި އަންހެނަކު ނެތެވެ. އޭގައި ތިބީ ކަމުގެ ތަޖުރިބާކާރުން ކަމުގައިވިނަމަވެސް އަންހެނެއްގެ މައްސަލަ ބަލާ ކޮމިޝަނެއްގައި އަންހެނަކު ނެތުމަކީ ހެއްވާ ކަމެކެވެ. ދެން އޮތީ މި މައްސަލަ ބަލާ ކޮމިޝަންގެ މެންބަރުންގެ ވާހަކައެވެ.
ރައީސްއަކަށް އައްޔަންކުރެއްވީ ކަނޑު ގެއްލިގެން ޖަނާ މާލުން ގުރުބާންވެ ކަނޑު ހޯއްދަވާނެކަމަށް ވަކާލާތު ކުރެއްވި ބޭފުޅެކެވެ. އާދޭހެވެ. އެއީ ޑރ. މުހައްމަދު މުނައްވަރެވެ. މުނައްވަރަކީ ހުނަރުވެރިއެކެވެ. ނަމަވެސް ހައްސާސީ މައްސަލައެއްގައި މުނައްވަރަށް މިހާތަނަށް ހޯދުނު ކާމިޔާބީއެއް ނެތެވެ. ކަނޑުގެ މައްސަލައިގައި ވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ކޮންމެ ފަަހަރަކު ރުޅިގަނޑު ބާލަނީ ނޫސްވެރިންނަށެވެ. މި ސަރުކާރު ވެރިކަމަށް ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރި އެކަކީ މުނައްވަރެވެ. ކަނޑު ހޯދާ ވާހަކައިން ފެށިގެންނެވެ. ނަމަވެސް މިހާތަނަށް ގެއްލުނު ކަނޑު ހޯދުމަށް ކުރެވުނު އޮއްޓަރު ހުރި މަސައްކަތެއް ނެތެވެ. އަދި އެ ކަނޑުން ހޯދުނު އެންމެ ތަންކޮޅެއްވެސް ނެތެވެ.
ދެން މި ކޮމިޝަނުގައި ހިމެނެނީ ޑރ. މުހައްމަދު ހަބީބެވެ. ނަމުގެ ކުރިއަށް ޑރ. އިންނަމަވެސް ސިޔާސީ ގޮތުން އެއިރު އޮންނަ ކޮންމެ ސަރުކާރަކަށް ވެސް ސަނާ ކިޔާ ބޭފުޅެކެވެ. ހިހޫތަނުން ކައިގެން އުޅުއްވާ ބޭފުޅެއްކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ.
ކޮންމެއަކަށް މި ސަރުކާރުގެ އާންމު އުސޫލުގެ ތެރެއިން ރިޓަޔަރޑް ބޭފުޅަކު ކޮންމެ މުއައްސަސާއެއްގައި ވެސް ހުންނަންޖެހޭ އުސޫލުން ކޮމިޝަނަށްވެސް ރިޓަޔަރޑް ބޭފުޅެއް މިވަނީ އައްޔަންކުރައްވާފައެވެ.
ޔުމްނު ވެއްޓުނު ހާދިސާގެ ފަހަތުގައި ސިޔާސީ ބާރުގަދަ ފަރާތްތަކާއި ރައީސް މުއިއްޒުއަށް ތާއިދުކުރާ އަދި ފަންޑުކުރި ފަރާތްތައް ހިމެނޭ އިރު، އަދި އެންމެ އިތުބާރުކުރާ ފުލުހުންގެ މުއައްސަސާ އޮއްވާ ކޮމިޝަނެއް އުފެއްދެވީ ކޮން ސަބަބަކާއިތޯ މިހާރު ވަނީ ސުވާލު އުފެދިފައެވެ. މި ހުރިހާ ސުވާލެއްވެސް ގޮސް ގުޅެނީ އެންމެ ޖަވާބަކާއެވެ. ދެއްކުންތެރިކަމެވެ. އަދި ފުލުހުންގެ މުވައްސަސާއަށް އިތުބާރު ނެތްކަމެވެ.