މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ފަތިހު ހެންވޭރު މިޓާޒް ގެ ފުރާޅުމައްޗަށް އުސް އިމާރާތަކުން އަންހެން ކުއްޖާ ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމަށް ބާއްވަމުންދާ ޒުވާނުންގެ ސިލްސިލާ މުޒާހަރާގެ ތެރެއިން ސަރުކާރުގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި އަޑު އުފުލައިފި އެވެ.
މިއީ ގިނަ އަދަދެއްގެ ޒުވާނުން އެއްވެ ޔުމްނު އަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ވިދިވިދިގެން އިހުތިޖާޖު ކުރަމުން އަންނަ ތިންވަނަ ރޭކަން ފާހަގަކޮށްލެވެއެވެ.
އުމުރުން 21 އަހަރުގެ ޔުމްނުއަށް އިންސާފު ހޯދުމަށް އެދި ހުކުރު ދުވަހުގެ ރޭ ކުރި އިހުތިޖާޖުގެ ތެރެއިން ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު، ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިސްތިއުފާއަށް ވަނީ ގޮވާލާފަ އެވެ.
މުޒާހަރާގެ ބައިވެރިންގެ އެންމެ ބޮޑު ޑިމާންޑެއް މިކަމުގައި އޮތީ މި މައްސަލައިގެ އިންސާފުވެރި ތަހުގީގެއް ކުރުމަށެވެ. އޭގެ އިތުރުން، ނޭޝަނަލް އިންޓެގްރީ ކޮމިޝަނުން މިނިވަން އިިންކުއަރީއެއް މިކަމުގައި ހިންގަން ވެސް ވަނީ ގޮވާލާފަ އެވެ.
ހުކުރު ދުވަހުގެ ރޭގެ މުޒާހަރާ ވެސް ފެށީ ހެންވޭރުގައި ހުންނަ ފުލުހުންގެ އިންވެސްޓިގޭޝަން އިމާރަތުގެ ކުރިމަތިންނެވެ. އެއަށް ފަހު މަޖީދީ މަގުން ހުޅަނގަށް މުޒާހަރާގެ ބައިވެރިން ހިނގާފައި ގޮސް ހުއްޓިގެން މުޒާހަރާ ކުރަމުން ގެންދިއައީ ކުރީގެ ސިޓީ ކައުންސިލް އިމާރާތުގެ ކުރިމަތީގައެވެ.
ހ. ފެންޓެނޯއީ ގޭގެ ނުވަނަ ފަންގިފިލާގެ ފެންލައިޓަކުން ވެއްޓުނު އުމުރުން 21 އަހަރުގެ އަންހެން ކުއްޖާގެ މި ހާދިސާއަށް ހަފްތާއެއް ވާން ކައިރިވިފަހުން ފުލުހުން ވަނީ ބިރާސްފަތި ދުވަހު އިރާކޮޅު އެ މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު އަަހުމަދު ޒިލާލް 21، ހައްޔަރުކޮށްފަ އެވެ. މީގެއިތުރުން އެ މައްސަލައިގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ހަތް މީހެއްގެ ފޯނު ވެސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެ އަންހެން ކުއްޖާ ވެއްޓުނު މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން ގޮސްފައެއް ނުވެ އެވެ.
އެހެން ނަމަވެސް ގިނަ ބަޔަކު މަގުތަކަށް އެއްވެ މުޒާހަރާކޮށް، އަޑުއުފުލަން ފެށުމުން ފުލުހުން ވަނީ މި މައްސަލަ ތަހުގީގުކުރަން ފަށާފައެވެ.