ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވެގެން ސީއެސްސީގެ ނައިބް ރައީސްކަމަށް އެ ކޮމިޝަނަށް ދާދި ފަހުން އައްޔަންކުރެއްވި މުހައްމަދު މުޖްތާޒު ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ސިވިލް ސަރވިސް ކޮމިޝަނަށް ނައިބު ރައީސްއެއް އައްޔަންކުރުމަށްޓަކައި، އެ މާއްދާގައިވާ ގޮތުގެ މަތިން، އެ ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރައްވާފައިވާ، މއ. ސިގްމާ، މުހައްމަދު މުޖްތާޒުގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވައި، މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން މި ނަންފުޅު ފާސްކޮށްދެއްވުމަށް އެދި ދަންނަވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 180 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރު ކަމަށް މއ. ސިގްމާ މުޙައްމަދު މުޖްތާޒް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޢައްޔަން ކުރައްވާފައި ވަނީ އާދިއްތަ ދުވަހުއެވެ.
މުޖްތާޒް ވަނީ މޯލްޑިވްސްކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗްލަރ އޮފް ލޯ ހާސިލްކުރައްވާފައެވެ. އަދި އަލްއުސްތާޛު މުޙައްމަދު މުޖްތާޒް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އަދި އެނޫންވެސް އިސް މަޤާމުތައް ފުރުއްވާފައެވެ.
ސީއެސްސީގެ މެންބަރުކަމުގެ މަގާމެއް ހުސްވެފައި ވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު އޭނާގެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ރަޝީދު އިސްތިއުފާ ދެއްވާފައި ވަނީ އޭނާ މަގާމުން ވަކި ކުރުމުގެ މަރުހަލާ ފެށުމަށް ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމުމާއި އެކުގައެވެ.
މި ސަރުކާރުން ދަނީ މަޖިލީހުގައި އޮތް ޕީއެންސީގެ މެޖޯރިޓީ ބޭނުންކޮށްގެން މިނިވަން މުއައްސަސާތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. އަދި ރައީސް މުއިއްޒު ވަނީ މިނިވަން މުއައްސަސާތަކުގެ ސައިޒް ކުޑަކުރުމަށާއި ބައެއް މުއައްސަސާތައް އުވާލުމަށް ވަކާލާތުކުރައްވާފައެވެ. މިނިވަން މުއައްސަސާތަކަށް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އަތްބާނުއްވާ ކަމަށް ތުހުމަތުކޮށް އާއްމުން ދަނީ ރައީސް މުއިއްޒު އަށް ފާޑު ކިޔަމުންނެވެ.