ކ. މާލެ
|
23 އޭޕްރިލް 2025 | ބުދަ 11:07
ޑީއެންއާރުތެރޭގައި ޕީއެންސީއަށް މީހުން ވެއްދުމަށް ފޯމް ފުރަނީ
ޑީއެންއާރުތެރޭގައި ޕީއެންސީއަށް މީހުން ވެއްދުމަށް ފޯމް ފުރަނީ
ރާއްޖެއެމްވީ
ވަގު ފޯމުގެ މައްސަލަ
ވެރިފަރާތުގެ ހާޒިރުގައި ހެކިވެރިންގެ ބައި ފުރިހަމަކުރަން ނުޖެހޭ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި ވާހަކަ އިލެކްޝަންސް ކޮމިޝަނުން ދޮގުކޮށްފި
ހެކިވެރިން ސޮއިކުރަން ޖެހޭނީ ފޯމުގެ ވެރި ފަރާތުގެ ހާޒިރުގައި، އެނޫން ގޮތަކަށް އެކަން ތަރުޖަމާއެއް ނުކުރެވޭނެ
ފޯމުގައި ހުރި މައުލޫމާތަށް ހެކިވެރިޔާ ހެކިވާނެކަމަށް ފޯމުގައި އޮންނަނީ
މި މަސައްކަތް ކުރިއަށް ގެންދިޔައީ ޑީއެންއާރުގައި

ވެރިފަރާތުގެ ހާޒިރުގައި ހެކިވެރިންގެ ބައި ފުރިހަމަކުރަން ނުޖެހޭކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މަޖިލީހުގައި ވިދާޅުވި ވާހަކަ އިލެކްޝަންސް ކޮމިޝަނުން ދޮގުކޮށްފިއެވެ.

ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާފައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އަމާޒުކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހޯމްލޭންޑް މިނިސްޓަރު އިހުސާން ވިދާޅުވީ ސިޔާސީ ޕާޓީއަކަށް މީހަކު ވައްދަން ފުރަންޖެހޭ ފޯމު ބަލައިިފިނަމަ، ފޯމުގައި ހެކިވެރިޔާ ސޮއިކުރަނީ ފޯމުގައި ހުރި މައުލޫމާތަށް ތިމަންނާ ހެކިވާ ކަމަށެވެ. އަދި ފޯމުގައި ހުރި މައުލޫމާތަށް އޭނާ ހެކިވާނަމަ ފޯމުގެ ވެރި ފަރާތުން އެތަނުގައި ހުންނާކަށް ނުޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިއީ ވަރަށް ބޮޑު އޮޅުމެއް ކަމަށާއި، ސިޔާސީ ޕާޓީތައް ހަދައިގެން މީހުން ވައްދާތާ އެތަކެއް އަހަރުވީ އިރުވެސް އެކަން ކުރާގޮތް ސާފު ނުވާ ކަމަށާއި، އެކަން ހިނގާ ގޮތް މެންބަރު ޒިޔާދު ސާފުކޮށްލަންޖެހޭ ކަމަށެވެ. އަދި މިނިސްޓަރަށް އެކަން ވަރަށް ރަނގަޅަށް ސާފުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮންމެހެން ހެކިވެރިޔާ ހުންނާކަށް ނުޖެހޭ ފޯމު ނިސްބަތްވާ ފަރާތުގެ ކުރިމަތީގައި. އޭނާ ވެރިފައި މިކޮށްދެނީ ތިމަންނާ ހެކިވަމޭ ފޯމުގެ ވެރިއަކީ މިއީކަން.

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން

ނަމަވެސް ސިޔާސީ ޕަޓީއަށް މީހުން ވައްދާ ފޯމުގައި ހެކިންގެ ބައިގައި ލިޔެފައި އޮންނަނީ އެ ފޯމެއްގައި ސިޔާސީ ޕާޓީގެ މެންބަރަކަށް ވުމަށް އެދި ސޮއިކޮށްފައި އެވަނީ "އަހަރުމެންގެ ހާޒިރުގައެވެ." އަދި އޭނާ ދިފައިވަނި ތެދު މައުލޫމާތުކަމަށް އަހަރުމެން ހެކިވާ ކަމަށެވެ.

މިނިސްޓަރު އިހުސާން މަޖިލީހުގައި ދެއްކެވި ވާހަކައާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަބްދުއްރަހުމާން ސޮލާހު ރަޝީދު އާއި ސުވާލުކުރުމުން އޭނާ ރާއްޖެއެމްވީއަށް ވިދާޅުވީ ފޯމުގައި އިންނާނީ ފޯމު ފުރާމީހާގެ ހެކިވެރިންގެ ގޮތުގައި ކަމަށާއި، ހެކިވެރިން ސޮއިކުރަންޖެހޭނީ ފޯމުގެ ވެރިފަރާތުގެ ހާޒިރުގައި ކަމަށެވެ. ސޮލާހު ވިދާޅުވީ ހާޒިރުގައި ސޮއިކުރަން އޮންނަނީ މީގެ ކުރިން ވެސް މައްސަަލަތެއް ދިމާވެފައިވާތީ ކަމަށެވެ. އަދި އެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ފޯމަށް އެއިރު ގެނެވުނު ބަދަލުތަކުގެ ތެރޭގައި ފޯނު ނަންބަރު ޖެހުމާއި، މަންމަގެ މައުލޫމާތު ހިމެނުމަށް އަންގާފައިވަނީ ވެސް ފޯމުގެ ސައްހަކަން ކޮމިޝަނަށް ކަށަވަރު ކުރުމަށް ކަމަށެވެ.

އީފާސްއަށް ބަދަލުކުރުމުގެ ކުރިން ވެސް ކޮމިޝަނުގެ ވިސްނުމަކީ އެއީ އެމީހާގެ ހާޒިރުގައި ކުރާ، އެމީހާކަން ކަށަވަރު ކުރަންވެގެން ލާފައި އިންނަ ބައެއް އެއީ. އެ ނޫން ގޮތަކަށް އަޅުގަނޑަކަށް މާނައެއް ނުކުރެވޭ.

އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަބްދުއްރަހުމާން ސޮލާހު ރަޝީދު

ރާއްޖެއެމްވީއާއި ވާހަކަ ދެއްކި އިލެކްޝަންސް ކޮމިޝަންގެ އެހެން އޮފިޝަލަކު ވިދާޅުވީ ފޯމުގައި ސޮއިކުރީ ތިމަންނަގެ ހާޒިރުގައި ކަމަށް އޮންނާނެ ކަމަށާއި، ހެކިވެރިން ސޮއިކުރަން ޖެހޭނީ ފޯމުގެ ވެރި ފަރާތުގެ ހާޒިރުގައި ކަމަށެވެ. އަދި އެނޫން ގޮތަކަށް އެކަން ތަރުޖަމާއެއް ނުކުރެވޭނެ ކަމަށެވެ. އަދި ފޯމުގައި އިގްރާރުވެ ސޮއިކުރަނީ އޭނާގެ ހާޒިރުގައި ސޮއިކުރިކަމަށް ކަމަށް ބަޔާންކޮށްފައިވާ އިރު، ގާނޫނު ދަންނަ ގޮތަކީ އެމީހެއްގެ ހާޒިރުގައި އެކަން ކުރަންޖެހޭކަން ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިފަދައިން ވިދާޅުވުމުން ހޯމް މިނިސްޓަރު އަލީ އިހުސާން މަޖިލީހުގައި ސިޔާސީ ޕާޓީގެ ފޯމުގެ ހެކިވެރިންގެ ބައިގައި އަމަލުކުރަންޖެހޭ ގޮތް އޮޅުވާލާ އިތުރުފުޅު ހެއްދެވިކަން މިވަނީ ހާމަވެފައެވެ. ފޯމުގެ ވެރި ފަރާތުގެ ހާޒިރުގައި ހެކިވެރިން ސޮއިކުރަން ނުޖެހޭނެކަމާއި، އެކަން ކުރަނީ މައުލޫމާތު ކަށަވަރުކޮށްދިނުމުގެ ގޮތުންކަމަށް މިނިސްޓަރު ވިދާޅުވި އިރު، ޑީއެންއާރު ތެރޭގައި ފޯމު ގެނެސް ހެކިވެރިންގެ ބައި ފުރިހަމަ ކުރުމާއި ސޮއިކުރުމުގެ މަސައްކަތާއި ފިންގަރޕްރިންޓް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.

މިނިސްޓަރު އިހުސާނުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ދިޔަ ދުވަހު މަޖިލީހުގައި މިނިސްޓަރ ވިދާޅުވެފައިވަނީ، ފޯމުތައް ގެނައި އިރުގައި ހެކިވެރިންގެ ބައި ނެތުމުން، އޭގައި ސޮއިކުރުމާއި، ފިންގަރޕްރިންޓް ޖެހުމާއި މައުލޫމާތު ފުރިހަމަ ކުރުމުގެ ބައެއް އެތަނުގައި ކުރަމުން ދިޔަ ކަމަށެވެ.

ހަމައެއާއެކު ޑިޖިޓަލް މީޑިއާތައް މެދުވެރިކޮށް ފޮނުވި ފޮޓޯތަކާއި، ވަޓްސްއެޕް ވައިބަރ މެދުވެރިކޮށް ފޮނުވި ފޮޓޯތައް ޕްރިންޓްކޮށް އެ ފޮޓޯތައް ފޯމުތަކުގައި ޖަހާ ފޯމުތައް ފުރިހަމަކުރުމުގެ މަސައްކަތް މިތަނުގެ [ޑީއެންއާރު އޮފީހުގެ މީޓިންގ ރޫމުގައި] ކޮށްފައިވޭ. ގާނޫނީ ކުށަކަށް ނުވިޔަސް، ސިޔާސީ މުވައްޒަފުން ސިޔާސީ މަސައްކަތް ކުރުމަކީ އެހާ ރަނގަޅުކަމަށް ނޫން.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން

މިނިސްޓަރ ވިދާޅުވެފައިވަނީ ހޯމްލޭންޑް މިނިސްޓްރީގައި ިބި 50 ސިޔާސީ މުވައްޒަފުން 10 ވަރަކަށް ފޯމު ގެނައި ކަމަށެވެ. އަދި ޑީއެންއާރުގެ މީޓިންގ ރޫމެއްގައި ހަވީރު ފޯމު ފުރުމުގެ މަސައްކަތްތަކެއް ކުރި ކަމަށެވެ. ފޯމުތައް ފުރައިގެން ގެނައި އިރު، އޭގެ ހެކިވެރިންގެ ބައި އިންނަނީ ނުފުރާ ކަމަށާއި، އެ ފޯމުގައި ހެކިވެރިންގެ ބައިގައި ފިންގަރ ޕްރިންޓް ޖެހުމާއި ސޮއިކުރުމުގެ މަސައްކަތާއި ތަފްސީލު ލިޔުމުގެ މަސައްކަތް އެތަނުގައި ކުރިއަށް ދިޔަކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ފޯމު ފުރިތަނަށް އޭނާ ވެސް ދެފަހަރެއްގެ މަތިން ވަޑައިގެންނެވި ކަމަށެވެ. ފުރަތަމަ ފަހަރަކީ ސިޔާސީ ފަރާތްތަކުން އެތަނަށް ޕިއްޒާ އޯޑަރުކޮށްގެން އެތަނަށް އަންނަން އެދުމުން ދިޔަ ދުވަސް ކަމަށެވެ. އަދި ދެވަނަ ދުވަހަކީ ފޯމުތައް އެއްކޮށް ނިންމާލުމަށްފަހު ފޯމު ހުށަހަޅަންދިޔަ މަގުމަތީގައި އަދި ފޯމުތައް ފެކްކޮށް ނުނިމޭކަމަށް ބުނުމުން އެތަނަށް ދިޔަ ދިއުން ކަމަށެވެ.

- ކޮމެންޓް