ކ. މާލެ
|
23 އޭޕްރިލް 2025 | ބުދަ 11:04
ޕީއެންސީއަށް ފޯމު ފުރަން ޑީއެންއާރުގެ މީޓިންގ ރޫމް ބޭނުންކުރިކަމަށް މިނިސްޓަރު ވަނީ މީގެ ކުރިން އެއްބަސްވެފައި
ޕީއެންސީއަށް ފޯމު ފުރަން ޑީއެންއާރުގެ މީޓިންގ ރޫމް ބޭނުންކުރިކަމަށް މިނިސްޓަރު ވަނީ މީގެ ކުރިން އެއްބަސްވެފައި
ރާއްޖެއެމްވީ
ޑީއެންއާރު ޑާޓާބޭސް ބޭނުންކުރި މައްސަލަ
ސުވާލު ހުށަހެޅީ ކޮން އިރަކުކަމެއް މިނިސްޓަރަށް ނޭނގޭ، ޖަވާބުގައި ވިދާޅުވީ ޑާޓާ ބޭސް ބޭނުންކޮށްގެން ޕީއެންސީއަށް މީހުން ވެއްދިކަން އިދާރާއަކުން ނުބުނާކަމަށް
އެއްވެސް ޕާޓީއަކަށް ބަޔަކު ވައްދާފައި ހުރިކަމީ ދައުލަތުގެ އެއްވެސް އިދާރާއަކަށް އިސްޓެބްލިޝް ކޮށްފައި އޮތް ފެކްޓެއް ނޫން
ސިސްޓަމް ތެރޭގެ އެކްސެސް ލޮގްތައް ހުރިކަން ކަަށަވަރުކޮށްފައިވާނެ

މަޖިލީހަށް ވަޑައިގެން އެއްވެސްކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެ ޖަވާބު ދެއްވި އިރުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނާއި ސުވާލުކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ސުވާލު ފޮނުއްވި ތާރީހެއް މިިނިސްޓަރަށް އެނގިވަޑައިނުގެންނެވިކަން ހާމަވެއްޖެއެވެ.

މެންބަރު މީކާއިލް ހުށަހެޅުއްވި ސުވާލަކީ، މިނިސްޓްރީ އޮފް ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިންގަމުންދާ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓޭޝަންގެ ޑޭޓާބޭސް ބޭނުންކޮށްގެން މީހުންގެ ޝަހުސު އޮޅުވާލާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރޝިޕް ފޯމު ފުރާފައިވާކަން ހާމަވެފައިވާ އިރު، މީހުންގެ ޒާތީ މައުލޫމާތު އިތުރަށް ރައްކާތެރިކުރުމަށް އަޅުއްވަނީ ކޮން ފިޔަވަޅެއްތޯ؟ އަދި ސައްހަ ނޫން ފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ އެ މިނިސްޓްރީ ގެ އިސްވެރިންނާ މެދު އެއްވެސް ފިޔަވަޅެއް އަޅުއްވާފައިވޭތޯ؟ އެވެ.

ސުވާލުގެ ޖަވާބުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެ ސުވާލުގެ ވަރަށް ތަފްސީލީ ޖަވާބެއް މީގެ ކުރިންވެސް މަޖިލީހުގައި، އިތުބާރު ނެތްކަމުގެ މައްސަލަ އޮތް ދުވަހު ވާނީ ދެއްވާފައި ކަމަށެވެ. އަދި ބައެއް މެންބަރުން މިފަދަ ބާވަތްތަކުގެ ޖަވާބު ހަނދުމަ ނެތުމަކީ މައްސަލައެއް ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ހޯމްލޭންޑްގެ ދަށުން ހިންގާ ޑީއެންއާރުގެ ޑާޓާބޭސް ބޭނުންކޮށްގެން ރައްޔިތުންގެ ޒާތީ މައުލޫމާތު ލީކުވެ، އެއްވެސް ޕާޓީއަކަށް ބަޔަކު ވައްދާފައި ހުރިކަމީ ދައުލަތުގެ އެއްވެސް އިދާރާއަކަށް އިސްޓެބްލިޝް ކޮށްފައި އޮތް ފެކްޓެއް ނޫން ކަމަށެވެ. ނަމަވެސް ސަރުކާރާއި ހަވާލުވެގެން ބެލި ބެލުމުން ޔަގީންވެ ފެނިފައިވަނީ 2014 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މިފަދަ ޑޭޓާތައް ލީކުވެ އެކިއެކި ސިޔާސީ ފަރާތްތަކުން އެ މައުލޫމާތުތައް ސިޔާސީ މަސައްކަތުގައި ބޭނުންކޮށްފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި މައްސަލައާއި ގުޅިގެން ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށާއި، އޭގެ ތެރޭގައި ސިސްޓަމް ތެރޭގެ އެކްސެސް ލޮގްތައް ހުރިކަން ކަަށަވަރުކޮށްފައިވާނެ ކަމަށެވެ. އަދި ޕެނިޓްރޭޝަން ޓެސްޓެއް ސިސްޓަމުގައި ހަދައި ސިސްޓަމް ޕެޗްކޮށްފައިވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިހާރު ސިސްޓަމްތަކަށް ދީފައިވާ އޭޕީއައިތަކުގައި ސިގްނޭޗަރތައް އެކުލަވާލާ މީގެ ފަހުން ލޮގިންވާތަން އެނގިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ފިޒިކަލީ ޑޭޓާއަށް އެކްސަސް ވަނީ އެ މުވައްޒަފުންނަށް ރަސްމީކޮށް މަސައްކަތަށް ބޭނުންވާ ވަރަށް އެކަނި ކަމަށް ކަށަވަރު ކުރެވިފައިވާނެ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ދަށުން މޯލްޑިވްސް 2.0 ގެ ނަމުގައި ރާއްޖޭގެ އީފާސްގެ ހިދުމަތް ހަރުދަނާކޮށް، ޑިޖިޓަލް އައިޑެންޓިޓީ ވަރުގަދަކޮށް އެއީ ކުރިއަށް އޮތްތަނުގައި ރާއްޖޭގައި މުއާމަލާތްކުރުމަށް ބޭނުންކުރާ އައިޑެންޓިޓީއެއްކަމަށް ކަނޑައަޅައި މަސައްކަތްތަކެއް ފަށާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިރާދަކުރައްވައިގެން އަޅުގަނޑަށް ޔަގީންކަންދޭން ކެރޭނެކަމަކީ އަޅުގަނޑުމެންގެ މި ދައުރުގެ ތެރޭގައި ޑީއެންއާރުގެ ޑޭޓާބޭސް އެގޮތަށް ކޮމްޕްރަމައިޒްވެފައި ނޯންނާނެކަން. މީގެ ފަހުން އެހެން ސަރުކާރެއް އަޔަސް މިހާރު ހުރި މެޝަރސްއާ އެކުގައި މި ޑާޓާ އަދި ރައްކާތެރިކަން ކަށަވަރުވެގެންދާނެކަން. ދެވަނަ ބައިގައި އޮތީ ކޮންކަހަލަ ފިޔަވަޅުތަކެއްތޯ އެޅީ. މިއަދާ ހިސާބަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އަންގާފައި ނުވޭ، ސައްހަ ނޫން އެއްވެސް ފޯމެއްގައި ދައުލަތުގެ، އަޅުގަނޑުމެންގެ މިނިސްޓްރީގެ އެއްވެސް އިސްވެރިއަކު ސޮއިކޮށްފައި އެއީ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި. އެކަން އަންގާ ދުވަހަކީ ކޮންމެ މުވައްޒަފަކަށް ވިޔަސް، އިސްތިސްނާ ނުކޮށް ފިޔަވަޅު އަޅާނެ ދުވަހެއް.

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން

މިނިސްޓަރުގެ ޖަވާބާއި ގުޅިގެން މީކާއިލް ވިދާޅުވީ، މިނިސްޓަރާއި ސުވާލުކުރަން ހުށަހެޅުއްވި ސުވާލަކީ، މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ މާކުރިން، ޖެނުއަރީ މަހުގައި ހުށަހަޅާފައިވާ ސުވާލެއް ކަމަށެވެ. އެހެންކަމުން ވަޒީރުގެ ސަމާލުކަމަށް އެކަން ގެންނަވާ ކަމަށެވެ.

މިނިސްޓަރު އިހުސާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ތާވަލުކުރެވި ޖަވާބު ދިނުމުގެ ފުރުސަތު ދީފައިވަނީ 25 ފެބްރުއަރީ 2025 ގައެވެ. ޑީއެންއާރުގެ ޑާޓާ ބޭސް ބޭނުންކޮށްގެން ޕީއެންސީއަށް ފޯމް ފުރަމުންދިޔަކަން ފަޅާ އަރައިގެން، އެކަމާއި ގުޅިގެން މެންބަރު މީކާއިލް ސުވާލު ހުށަހެޅުއްވީ 14 ޖެނުއަރީ 2025 ގައެވެ. މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން ސުވާލުކުރަން ހުށަހަޅައިފިނަމަ އެ ނޯޓިސްގެ މުއްދަތަކީ 14 ދުވަހެވެ. ނަމަވެސް މީކާއިލްގެ ސުވާލު ކުރުމަށް ފުރުސަތު ދީފައިވަނީ 5 މަސްވާން ކައިރިވެފައި އޮއްވައެވެ.

- ކޮމެންޓް