ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ނިންމުމާ ގުޅޭ ގޮތުން، އިނގިރޭސިވިލާތުގެ ލަންޑަނުގައި ބާއްވާ މަޝްވަރާ ބައްދަލުވުމުގައި އެމެރިކާ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ބައިވެރި ނުވާން ނިންމައިފި އެވެ.
އެކަން ހާމަކޮށްފައި ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓެމީ ބްރޫސް އެވެ. އަންގާރަ ދުވަހު އޭނާ ހާމަކޮށްފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ރޫބިއޯ ބައިވެރި ނުވާނެ އެވެ.
އެގޮތުން އިނގިރޭސި ސަރުކާރުގެ އިސް އޮފިޝަލުންނާ އެކު މަޝްވަރާ ކުރެއްވުމަށްފަހު، ރޫބިއޯގެ ދަތުރުފުޅު އެހެން ތާރީޚަކަށް ފަސް ކުރަން ނިންމަވާފައިވާ ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.
ރޫބިއޯ ބައިވެރި ނުވި ނަމަވެސް، އިނގިރޭސިލާތުގައި އެކަމާ ގުޅުން ހުރި މަޝްވަރާތައް ކުރިއަށް ދާނެ ކަމަށާއި، އެ މަޝްވަރާތަކުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ކީތް ކެލޮގް ބައިވެރިވާނެ ކަމަށް ވަނީ ހާމަކޮށްފަ އެވެ.
މިއަހަރުގެ ޖަނަވަރީ މަހުގެ އަލުން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު، ޓްރަމްޕް ވަނީ އެމެރިކާގެ ޚާރިޖީ ސިޔާސަތަށް ބޮޑު ބަދަލުތަކެއް ގެންނަވައިފަ އެވެ.
އެގޮތުން ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށް ދާ ހަނގުރާމަ ހުއްޓާލުމަށް ބާރު އެޅުމާއި، ކުރީގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ރަޝިޔާއާ ދެކޮޅަށް އަޅާފަައިވާ ފިޔަވަޅުތަކަށް ލުއި ދިނުން ވެސް ހިމެނެ އެވެ.