ކ. މާލެ
|
21 އޭޕްރިލް 2025 | ހޯމަ 18:36
ފްލެޓުގެ މައްސަލަ - ކުރީގެ ސްޓޭޓް މިނިސްޓަރ މާޒް ސަލީމް ހުށަހެޅި ޝަކުވާގެ މައްސަލަ ރެޖިސްޓްރީން ނުކޮށްދޭން އޭސީސީން ވަނީ ނިންމާފައި
ފްލެޓުގެ މައްސަލަ - ކުރީގެ ސްޓޭޓް މިނިސްޓަރ މާޒް ސަލީމް ހުށަހެޅި ޝަކުވާގެ މައްސަލަ ރެޖިސްޓްރީން ނުކޮށްދޭން އޭސީސީން ވަނީ ނިންމާފައި
ރާއްޖެއެމްވީ
ފްލެޓް މައްސަލަ
ފްލެޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ޕޯޓަލް އަށް ޑޮކިއުމަންޓް އަޕްލޯޑް ނުކުރެވޭގޮތް ހަދާފައިވާތީ މާޒް ސަލީމް ހުށަހެޅި މައްސަލަ އޭސީސީން ބަލައި ނުގަތް!
އޭސީސީ އިން ޝަކުވާ ބަލައިނުގަތީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހައްޤުތައް ގެއްލިފައިވާ ކަމުގައިވީނަމަވެސް އެފަދަ މައްސަލަތައް އޭސީސީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނިފައިނުވާތީ
މަކަރާއި އޮޅުވާލުމުގެ މައްސަލަތަކާއި ޤާނޫނުޢުޤޫބާތުގެ 212 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުދަލެއް ނިގުޅައިގަތުމާ ގުޅޭ މައްސަލަތައް ތަޙްޤީޤުކުރުމަކީވެސް އެ ކޮމިޝަނުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނިފައިނުވާ ކަމެއް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ 4000 ފްލެޓް ލިބޭ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ޕޯޓަލް އަށް އެއްވެސް ޑޮކިއުމެންޓް އެއް އަޕްލޯޑް ނުކުރެވޭ ގޮތް ހަދާފައިވާތީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިމައިފިއެވެ.

މާޒް ސަލީމް އޭސީސީއަށް ހުށަހެޅި މި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ބުނެ، އެ ކޮމިޝަނުން ފޮނުވި ލިޔުމުގެ ޚުލާސާގައި ބުނެފައި ވަނީ ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ 4000 ފްލެޓް ލިބޭ ފަރާތްތަށް ކަނޑައަޅައި، ބައެއް ފަރާތްތަކާއި އެކު ފްލެޓުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނިކޮށް ދިވެހި އެތަކެއް ރައްޔިތުންނަށް ލިބިދީފައިވާ ހައްޤު، މަކަރާއި އޮޅުވާލުމުގެ ތެރެއިން މި ސަރުކާރުން ނިގުޅައިގެންފައިވާ ކަމަށެވެ. އެގޮތުން މާލޭގައި މެދު ނުކެނޑި ދިރިއުޅެމުން ދާތާ 15 އަހަރުވެފައިވާ ފަރާތެއްކަން އަންގައިދިނުމުގެ ގޮތުން ހުށަހެޅިދާނެ ލިޔެކިޔުންތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އަދި ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ޕޯޓަލްއަށް ވެސް އެއްވެސް ޑޮކިއުމެންޓެއް އަޕްލޯޑް ނުކުރެވޭ ގޮތަށް ހަދާފައިވާ ކަމަށާއި ޤާނޫނު އުޤޫބާތުގެ 212 ވަނަ މާއްދާ (ކަމަރާއި ހީލަތުން ނުވަތަ ޓެކުމުން އެހެންމީހެއްގެ މުދަލެއް ނިގުޅައިގަތުން) އާއި ޚިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނާ މައްސަލަ ކަމަށް މި މައްސަލައިގެ ޚުލާސާގައި ވެއެވެ.

މާޒް ސަލީމް ހުށަހެޅި މި މައްސަލަ އޭސީސީން ނުބަލަން ނިންމީ ހުށަހެޅި ޝަކުވާގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ ގެދޮރިވެރިޔާ ސްކީމުގެ ފުރަތަމަ 4000 ފްލެޓް ލިބޭ ފަރާތް ކަނޑައެޅުމަށް ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން ޙައްޤުތަކެއް ގެއްލިފައިވާ ކަމަށް ބުނެ އެކަމާއި ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކެއް ކަމަށްވާތީ އާއި ރައްޔިތުންގެ ހައްޤުތައް ގެއްލުމާއި ގުޅޭ މި ބާވަތުގެ މައްސަލަތަށް ތަޙްޤީގު ކުރުމަކީ އެ ކޮމިޝަނުގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭކަމެއްކަމުގައި ނުވާތީ ކަމަށެވެ.

އަދި މަކަރާއި އޮޅުވާލުމުގެ މައްސަލަތަކާއި ޤާނޫނުޢުޤޫބާތުގެ 212 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަކަރާއި ހީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުމާ ގުޅޭ މައްސަލަތައް ތަޙްޤީޤުކުރުމަކީވެސް އޭސީސީގެ އިޙްތިޞާޞްގެ ތެރޭގައި ހިމެނޭކަމެއްކަމުގައި ނުވާތީ އެ މައްސަލަ ރެޖިސްޓްރީ ނުކުރުމަށް ނިންމީ ކަމުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެޗްއާރްސީއެމްގެ ސަމާލުކަމަށް ގެނައުމަށް އެ މައުލޫމާތު ފޮނުވާފައިވާ ކަމުގައި ވެސް އެ ލިޔުމުގައި ބުނެފައި ވެއެވެ.

އަދި އެ މައްސަލަ އަކީ އޭސީސީގައި ރެޖިސްޓްރީ ކުރަން ޖެހޭ މައްސަލައެއް ކަމުގައި ގަބޫލުކުރެވޭ ނަމަ ޤަވައިދުގައިވާ ގޮތުގެ މަތިން ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ހުށަހެޅިދާނޭ ކަމަށް ވެސް އޭސީސީގެ ލިޔުމުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކޮރަޕްޝަނުގެ ތުހުމަތެއް ކުރެވޭ ވަރަށް އިތުރު މައުލޫމާތާއި އެކު އަލުން ހުށަހަޅައިފި ނަމަ އެ މައުލޫމާތުތަކަށް ބިނާކޮށް މައްސަލަ އަލުން ރަޖިސްޓްރީ ކުރުމާއި މެދު އަލުން ގޮތެއް ނިންމާނެ ކަމުގައި ވެސް ލިޔުމުގައި ބުނެފައިވެއެވެ.

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް މި އަހަރުގެ ފެބްރުއަރީ މަހުގައި އާންމުކޮށްފައިވާއިރު މި ސަރުކާރުން ފްލެޓް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މާރޗް ކަމުގެ އެކަކުން ފެށިގެން އެ މަހުގެ 31ގެ ނިޔަލަށެވެ.

ފްލެޓު ދޭން ކަނޑައަޅާފައިވާ 4000 މީހުންގެ ލިސްޓް ބެލުމުން ޝަރުތު ހަމަވީ 1،820 މީހުން ކަމަށް ސަރުކާރުން އޭރު ވަނީ ބުނެފަ އެވެ.

ހައުސިން މިނިސްޓްރީން އޭރު ބުނީ ފްލެޓަށް ޝަރުތު ހަމަވޭތޯ ބެލުމުގައި ލިސްޓު ސައްހަ ކުރުމުގައި މިނިސްޓްރީއިން ބަލާފައިވާނީ ދެ ކަމަކަށް ކަމަށާއި އެއީ، މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނުކަމާއި، ފޯމު ހުށަހެޅި ފަރާތްތަކުން ފޯމުގައި ދީފައިވާ މައުލޫމާތަކަށް ކަމަށެވެ.

- ކޮމެންޓް