ކ. މާލެ
|
20 އޭޕްރިލް 2025 | އާދީއްތަ 17:21
ޕާކް ކޮށްފައިވާ ޓެކްސީ ތަކެއް
ޕާކް ކޮށްފައިވާ ޓެކްސީ ތަކެއް
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
ސަރުކާރުން ދަނީ ޓެކްސީގެ ޚިދުމަތް ދިނަުމަށް ތައްޔާރުވަމުންނެވެ. ޓެކްސީ ޑްރައިވަރުންގެ ވާހަކަތަކަށް އަޅާލުމެއްނެތިއެވެ. އެތައް އާއިލާތަކެއް ހާލުގައި ޖެހިދާނެކަމަށް ބުނާ ވާހަކަތަކަށް ވިސްނާވެސް ނުލައެވެ.

މިދިޔަ ރޯދަމަހުގެ ދަންވަރު 1 ޖަހާއިރު ހުޅުމާލެއިން މާލެދާން އެރި ކާރެކެވެ. ކުއްލިއަކަށް އަޅައިގަތީ އެކާރުގެ ސެޓުން އެވަގުތު އަންނަމުންދިޔަ މެސެޖެކެވެ.

"ހުރިހާ ޑްރައިވަރުންގެ ސަމާލުކަމަށް ދަންނަވަން. މިރޭ ދަންވަރު 2:45 ގައި އުމްރާ ފްލައިޓެއް މާލެ އަންނާނެ. ގާތްގަނޑަކަށް 250 އެއްހާ މީހުން އެފްލައިޓުން އަންނާނެ. ހުރިހާ އުމްރާވެރިން ގެންގޮސް ނިމެންދެން މި ގުރޫޕުގައި ތިބި ހުރިހާ ޑްރައިވަރުންވެސް މިރޭ ކާރު ނުބާއްވާ އެދަތުރުތައް ކޮށްލަދިނުން ވަރަށް ބޮޑަށް އެދެން." އެމެސެޖާއެކު ދެން އިވުނީ ކޮންމެ ކާރެއްވެސް ވަކިވަކިން އެކަމަށް އިޖާބަ ދޭނެކަމަށް ބުނާ އަޑެވެ.

ނީނދެވިގެން ޑްރައިވަރު ގާތު އެއީ ކޮންވާހަކައެއްތޯ އަހާލައިފީމެވެ.

"އަޅުގަނޑުމެން އެންމެންވެސް ވަރަށް ބޮޑަށް ސަމާލުކަންދޭ ކަމެއް އެއީ. މިރޭ އެފްލައިޓުގެ މީހުން ހާރު ކެއުމާ ހަމައަށް ގެއަށް ދެވޭނީ އަހަރެމެންވަރަށް މަސައްކަތް ކޮށްގެން. ނޫނީ މާދަމާ ހެނދުނު ފަހެއް ހައެއް ޖަހާއިރުވެސް އެއަރޕޯޓް ހުހެއް ނުވާނެ. އެހެންވެ ކޮންމެ ޑްރައިވަރަކުވެސް ބަލާނެ އެމީހަކަށް ވީވަރެއް ކޮށްދެވޭތޯ" ޑްރައިވަރު ވަރަށް ސާފުކޮށް ޖަވާބު ދިނެވެ.

ލިބުނު ފުރުސަތުގައި ޓެކްސީ ޑްރައިވަރުންގެ ބައެއް ވާހަކަތައް އަހާލާ ހިތްވިއެވެ. އިވިފައި އޮންނަނީ އެމީހުންގެ ގޯސް ވާހަކައެވެ. މައްސަލަތަކުގެ ވާހަކައެވެ. އެމީހުން ކަސްޓަމަރުންނަށް ކަންކުރާ ނޭއްގާނީ ގޮތުގެ ވާހަކައެވެ.

ސުވާލު ފުރަތަމަވެސް އެހީ ޓެކްސީ ނުލިބުމުގެ ވާހަކައިންނެވެ. ޚާއްޞަކޮށް މާލެތެރެއިން ކާރު ލިބުން ދަތި ވާހަކައިންނެވެ. އެއީ ކީއްވެ ދިމާވާ ކަމެއްތޯ އަހާލީ ހިތްހަމަވެސް ނުޖެހިދާނެ ކަމަށް ހީކޮށެވެ. އެކަމަކު ވަރަށް ތަފާތެވެ. ހީނލާފައި ވާހަކަ ފެށީވެސް ބޭބޭއޭ ކިޔާފައެވެ.

"ތީ ވަރަށް ބޮޑު ވާހަކައެއް. އަސްލު ތިކަމުގައި ދެކޮޅުގެވެސް މައްސަލަ އުޅޭ. މާލެތެރޭގެ މަގުތަކުގައި ދުއްވުމަކީ ވަރަށް އުނދަގޫ ކަމެއް. ކާރަށް ވަރަށް ބޮޑަށް ގެއްލުންވެސްވޭ. މަގުގެ ކަންކަންމަތީގައި ހުރެދާނެ އަރިހުރަހަށް ސައިކަލެއް ބަހައްޓާފައި. އޭގައި އަޅައިނުގަނެދާން އެތައް އިރެއް ނަގާނެ. ކުއްލިއަކަށް ދާންއޮތް މަގު ބަންދުކޮށްފައި އޮވެދާނެ. އެޖެހުނީ އަނެއްކާ އަނެއް މަގުން ދާން. ދަތުރުގެ ދިގުމިން ޑަބަލްވީ. އޭރު އެޕުން ދަތުރު ނެގި މީހާ ހުންނާނީ މަގުމަތީގައި ލަސްވެފަ. އޭރު އޭނާ ދާނީ އެހެންދާ ހުރިހާ ކާރަކަށްވެސް އަތްނަގަމުން. ނޫނީ އެހެން އެޕަކުން އަނެއްކާ އަނެއް ކާރަށް ޖަހާނެ. މަގުގައި ދެމެމުން އެތައް ހާލަކުން އެހާހިސާބަށް ދާއިރު ކުރިމަތީ އޮތް ކާރަށް އަރައިގެން ނައްޓާލާނެ. ނޫނީ އެހިސާބަށް ގޮސް އަރާތަނުން ކެންސަލް ކުރާނެ. އެހާހިސާބުން ޑްރައިވަރަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. ދުއްވި ވަގުތާ އެކަމަށް ދިޔަ ޕެޓްރޯލް ކޮޅުގެ އެއްވެސް އަގެއް ނެތުނީ. އެހެންވީމާ އެޕުން ޖެހިއަސް ބައެއް މީހުން 30 ރުފިޔާގެ އެތެރޭގެ ދަތުރު ނުނަގަނީ" ވަރަށް ތަފްސީލްކޮށް އޭނާ ކިޔައިދިނެވެ.

އެކަމަކު މަގުމަތިންވެސް ގިނަ ފަހަރަކަށް ކާރަށް ނާރުވާ ވާހަކަ ތަންކޮޅެއް ހަރުކޮށް ބުނެލީމެވެ.

"ތިއީވެސް ރަނގަޅު ވާހަކައެއް. އަހަރަމެންގެވެސް މައްސަލަތައް އުޅޭ. އެކަމަކު ތިކަމުގައިވެސް ދިމާވާ އެހެންކަމެއް އޮވޭ. މިސާލަކަށް މަޖީދީމަގު ހުޅަނގުން އަންނަ ކާރަކަށް އަތްނަގާފަ ބުނެފާނެ ހިނގާ ބަލާށޭ ރަސްފަންންނަށް. ވިސްނާލާ މަޖީދީމަގުން އަނބުރާލާނެ ގޮތެއް. އެއާ ޚިލާފަށް މަގުގެ އިރުން ހުޅަނގަށް އަންނަ ކާރެއް ކައިރީ އަހާލީމާ ފަސޭހަވާނެދޯ ގެންދަން." އޭނާ ބުންޏެވެ.

އަދި އެހެން ވާހަކައެއްވެސް އޭނާ ބުންޏެވެ.

"ދަތުރެއް ނުލިބިގެން މާލެވަށާ ބުރެއް ދެބުރު ނޫނީ މަޖީދީމަގު އެއްކޮޅު އަނެއްކޮޅަށް ދުއްވާ ފަހަރު އަންނާނެ. އަސްލު މިވާގޮތަކީ ކާރު ބޭނުންވަނީ އެންމެން އެއް ގަޑިއަކަށް. ސްކޫލްތަކަށް ދާގަޑިއަށް. އޮފީހަށް ދާގަޑިއާ ނިމޭ ގަޑިއަށް. އަދި ހުކުރު ދުވަސްފަދަ ބަންދު ދުވަސްތަކުގެ ހަވީރު ގަޑިއަށް. އެންމެންވެސް ކާރު ހޯދާނީ އެއްގަޑިއަކަށް. ދެން ކާރެއް ލިބުނިއްޔޯ. ވިސްނާލާ މާލޭ މަގުމައްޗަށް އެއްފަހަރާ ކާރުތައް ނުކުމެ ދަތުރަށް އެރީމާ ކުރިއަށް ކަނޑާނެ ވަރު. އެހެންވެ ކާރެއްވެސް ނުލިބޭނެ. ދަތުރު ލަސްވެސްވާނެ. އަނެއްކޮޅުން ކުރިން ބުނިހެން ދަތުރު ނަގައިގެން ގޮސް ގެއާ ހަމައަށް ދެވޭއިރު ބައެއް މީހުން ނުއެއްފައިބާނެ. ގުޅާލީމާ ބުނާނެ މިފައިބަނިއްޔޭ ނޫނީ ކުޑައިރުކޮޅެއް ދޭށޭ. އޭރު ފަހަތުން ލަސްވެގެން ކާރުތަކާއި ސައިކަލްތައް ބަރުގޮނު އަޅާނެ. މަޑުކޮށްގެން އޮތިއްޔާވެސް ގޯސްވީ. މަޑުނުކޮށް ދިޔަޔައްޔާވެސް އެގޯސްވީ ޑްރައިވަރު." އޭނާ ބުންޏެވެ.

އިތުރަށް ތަފްސީލްކޮށްދެމުން އޭނާ ބުނީ ހެނދުނު 7:30 ހާއިރު ހުޅުމާލެއިން މާލެ އަންނަ ބްރިޖްކޮޅާއި ހައިވޭ ބަލާލުމުންވެސް އެކަން އެނގޭނެ ކަމަށެވެ.

"ހުރިހާ ކާރެއް އޮންނާނީ އެތާ ހުއްޓިފަ. 20 މިނިޓް 15 މިނިޓުން ކުރެވޭ ދަތުރު ބަދަލުވާނެ އެއް ގަޑިއިރަށްވެސް. އެކަމަކުވެސް އޮފީހަށް ގެންގޮސްދޭން އަހަރެމެން ނަގައިދޭތީތާ ކާރުތައް އެތާ އޮންނާނީ" އޭނާ ބުންޏެވެ.

އެކަމުގައި ޖުމްލަކޮށް އޭނާ ބޫނީ އަހަރެމެން އެއްވެސް މީހަކު ކުރެވެން އޮންނަ ދަތުރެއް ނުކޮށްދޫނުކުރާނެ ކަމަށާއި އެދުވަހު ބޭނުންވާ ވަރު ނޫނީ ހޯދަން ކަނޑައަޅާ ޓާގެޓް ފުރިހަމަކޮށްފައި އަވަހަށް އާއިލާ ކައިރިއަށްދާން ކޮންމެ ޑްރައިވަރަކުވެސް ވީހާވެސް ގިނަ ދަތުރު ވީހާވެސް އަވަހަކަށް ކުރެވޭތޯ ބަލާނެ ކަމަށެވެ.

ކާރުތަކުން މާ ގިނައިން ފައިސާ ނަގާވާހަކަވެސް ބުނެލީމެވެ.

"ތިޔައީ ވަރަށް ދެރަކަމެއް. ކޮންމެ ބައެއްތެރޭގައިވެސް އުޅޭނެ އެންމެ ރަނގަޅަށް ކަންނުކުރާ މީހުން. އެކަމަކު ކާރަށް އަރާ މީހާއަށްވެސް އެނގޭނެ، އެނގެންވެސް ޖެހޭނެދޯ އަގުތައް. އިތުރަށް ދީގެންވެސް ނުވާނެދޯ. އެހެނެއް ނޫން. ކާރަށް އަރުވަން އުޅެފާނެ އެއަށް ނުކަތާވަރަށް ލަގެޖް. ބައެއް ފަހަރަށް ވޭނަކަށް އަރުވޭވަރުގެ ލަގެޖާއެކުވެސް ނޫޅެފާނެ ވޭނަކަށް އަރުވަން. އަގު ބޮޑުވީމަ. ދެން ބައެއް ކާރަށް އަރުވާއިރު ނަގާނެ ކޮންމެވެސް ވަރަކަށް ބޮޑުކޮށް. އެކަމާ ހިތްހަމަ ނުޖެހޭނެ ބައެއް ކަސްޓަމަރުން. އަނެއްކާ އައިސްދާނެ 5 މީހުން ހަމީހުން ދާންވެސް. ކުޑަކުދިންނޭ އަރުވައިދޭށޭ ބުނީމަ ބައެއް ޑަރްއިވަރުން އަރުވާނެ. އިތުރަށް ލާރިދޭވާހަކަ ބުނީމަ ގޯސްވަނީ. އެކަމަކު އަސްލަކު ނުދެވޭނެ އެއްކާރަކުން. މަނާވެސް ކަމެއް އެރުވުންވެސް. އެކަމަކުވެސް އަންނަ މީހުންނަށް ބަލާލާފަ އަރުވަނީ ހަމަ އެމީހުންނަށް ރަނގަޅަކަށް" އޭނާ ބުންޏެވެ.

އޭނާ އެހެން ވާހަކައެއްވެސް އިތުރަށް ހިއްސާކުރިއެވެ.

"ބައެއް ފަހަރަށް ތިގޮތައް ކަންކުރިއްޔޭ ބުނެ ފޭސްބުކަށް ލަނީ. ކިތައްމީހުން ލާރި ނުދީ ދަނީ. ކިތައްމީހުން ނެތިގެންނޭ ބުނެ ހަމައަށް ނުދީ ދަނީ. ބުނާނެ ޑާޓާ ނެތީމާ މައްޗަށް އަރާފަ ޓްރާންސްފަރ ކޮށްލާނަމޭ. ދެން ނުވާނެ ހަބަރެއް. އެކަމަކު ނޯންނާނެ އޭގަ ޑްރައިވަރަށް ކުރެވޭނެ ކަމެއް" އޭނާ ބުންޏެވެ.

ބައެއް ފަހަރަށް ވަރަށް ބިރުވެރި ކަންކަމާ ދިމާވާ ކަމަށާއި އޭގެ ހެއްކަކަށް ޓެކްސީ ޑަރައިވަރަކު މަރާލި ވާހަކަ ބުނެފާ އިތުރަކަށް އޭނާ އެވާހަކަތައް ދައްކާކަށް ބޭނުމެއް ނުވިއެވެ.

ދެން މިކަމުން ރަނގަޅު އެއްޗެއް ލިބޭތޯއާއި ދިރިއުޅެވޭވަރުވޭތޯވެސް އަހާލައިފީމެވެ.

"އަސްލު މީ ވަރަށް ރަނގަޅުވެސް ކަމެއް އެހާމެ ބުރަވެސް ކަމެއް. ގިނައިރު އަރާލައިގެން ރަނގަޅު އެއްޗެއް ނެގޭނެ. އެކަމަކު އެއީ ވަރަށް ބުރަކޮށް ވަރަށް ގިނައިރު އުޅެގެން. ގިނަ މީހުން މިދުއްވަނީ މީހުންގެއަތުން ނަގައިގެން. ދުއްވިއަސް ނުދުއްވިއަސް ވެރިމީހާއަށް ދޭން ޖެހޭ އެއްޗެއް ދޭން ޖެހޭނެ. އެހެންވީމާ މިއީ ޗުއްޓީއެއް އޮންނަ ކަމެއް ނޫން. ބައްޔެއް ވިއަސް އަދި ކާރަށް ކަމެއްވިއަސް އެޖެހުނީ ކަންތަކާ. ހަމަ ސިކުނޑި ސުމަކަށްދާވަރުވާނެ. ލިބޭ އެއްޗަކުން އެކަންކަމަކަށް މާބޮޑު އެއްޗެއް ނުފޮރުވޭނެ. ކާރަށް ކިތައްމެ ކުޑަކަމެއް ދިމާވިއަސް ވަރަށް ބޮޑު އެއްޗެއް ދީގެން ނޫނީ ނުހެދޭނެ. ހަދަން ގަރާޖުގައި ބާއްވަންޖެހޭ ކޮންމެ ދުވަހަކީ އެއްޗެއް ނުލިބިދާ ދުވަހެއް. ސްޕެއާއެއް ބޭރުން ގެނައުމަކީވެސް މިހާރު ބޮޑު ކަމެއް. އަމިއްލަ ކާރަށް ގެނަޔަސް ޑިއުޓީ އެހާބޮޑު. އެހެންވީމަ މިއީ ވަރަށް އެހެންކަހަލަ ކަމެއް. އެންމެބޮޑު ހިތްހަމަޖެހުމަކީ ބޮހެއް ނުހުރުމާއި ބޭނުން އިރަކު ފައިބާ ނަމާދުކޮށް ކުދިން ސްކޫލަށް ގެންގޮސް މިހެން ހަދާލާ އުޅެވޭނެ މިނިވަންކަން އޮންނާތީ. އެއީ އަސްލު އެންމެ ސަޅި ކަމަކީ." އޭނާ ބުންޏެވެ.

އެކަމަކު ނިންމާލަމުންވެސް އޭނާ އެއްޗެކޭ ބުންޏެވެ.

މިހާރުވެސް ނުލިބޭ ކާރު ބާއްވާލާނެ ތަނެއް. ޖޫރިމަނާތައް އެހާގިނަވެފައި ބޮޑު. އަނެއްކާ މިހާރު އެއުޅެނީ މިކަމުގެ ތެރެއަށްވަދެ ސަރުކާރުން އަހަރެމެންގެ ވިޔަފާރި ހުއްޓުވާލަން. ވަރަށް ދެރަކަމެއް މީ.އެތައް އާއިލާތަކެއް ބިކަވެ ހާލުގައި ޖެހޭނެ ކަމެއްމީ" އޭނާ ބުންޏެވެ.

- ކޮމެންޓް