ހދ ނެއްލައިދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ތުއްތު ކުއްޖަކަށް މުއްދަތު ހަމަވެފައިވާ ހުރި އައިވީ އެއް ދިން މައްސަލަ ފެންމަތި ވެއްޖެއެވެ.
ރާއްޖެއެމްވީއަށް ނެއްލައިދޫ ކައުންސިލުން ބުނީ އެއް އަހަރު ކުއްޖަކަށް މުއްދަތު ހަމަވެފައިވާ އައިވީއެއް ދީފައިވާ މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، ކަމާގުޅުން ހުރި އިދާރާތަކުން މައްސަލަ ބަލަމުންދާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހެލްތް މިނިސްޓްރީން ބުނީ ނެއްލާދޫގައި ކުޑަ ކުއްޖަކަށް މުއްދަތު ހަމަވެފައިވާ އައިވީ ދިން މައްސަލަ ބަލަމުންދާ ކަމަށާއި، އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެއީ ކިހިނެތް ހިނގާ ދިޔަ ކަމެއްކަން ބަލާނެ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގީ މިދިޔަ ހުކުރު ދުވަހުއެވެ. އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންގޮސްފައިވަނީ ހޮޑުލައި، ހުން އައިސްގެންނެވެ. ގާތްގަނޑަކަށް ހެނދުނު 8:00ހާއިރު އެޑްމިޓް ކޮށްގެން ފަރުވާ ދޭން ފެށިއިރު، މުއްދަތު ހަމަވެފައިހުރި އައިވީ ފުޅިއެއް ގުޅާފައިހުރިކަން އެނގުނީ އެދުވަހުގެ ހަވީރުގެ ވަގުތުގައެވެ. އަދި އައިވީ ފުޅީގެ ބޮޑު ބައެއް ކުއްޖާގެ ގަޔަށް އެޅިފައިވާ ކަމަށް މައުލޫމާތު ލިބިއެވެ.
އާއިލާ އާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އެކުއްޖާއަށް މިހާރު ފަރުވާ ދެމުންދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކަމަށާއި، ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު ދަށްކަމާއި، ރަނގަޅު ފަރުވާއެއް ނުލިބޭ ކަމުގެ ޝަކުވާ އާއްމު ގިނަ ރައްޔިތުން ދަނީ ކުރަމުންނެވެ. އަދި ސިއްހީ ޚިދުމަތްތެރިންގެ އިހުމާލުން ބައެއް މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް ބައެއް މީހުން ތުހުމަތުކޮށްފައިވެއެވެ.