އިރެއްގާ ރައީސް މާލޭ ސިޓީގެ މޭޔަރުކަން ކުރެއްވީތީ އަދި އެ ނޫންވެސް ސަބަބުތައް ދައްކަވައިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު އަބަދުވެސް ސިފަ ކުރަނީ ލާމަރުކަޒީ ޗެމްޕިއަނެއްގެ ގޮތުގައެވެ. އެވެރިން ބުނާތީ އަޑު އަހަމެވެ. ހާމަރުކަޒީ ނިޒާމުގައި ހުރި ބާގަނޑުތައް އެ މަނިކުފާނަށް ވުރެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެކަކު ވެސް ނުހުންނާނެއެވެ.
އެކަމަކު އަސްތާ ރައީސްގެ އަމަލުފުޅުތައް މި ގެންގުޅުއްވާ ގޮތެއްތާއެވެ. ކުރިން ދައްކަވަނީ ކައުންސިލްތައް ސައިޒުން ކުރުގަޅުވާލާ ކުޑަކޮށްލާ ވާހަކައެވެ. މާބައިވަރު ކައުންސިލަރުން ބޭނުން ނުވާ ވާހަކަ އެވެ. އެކަމަށް ކައުންސިލްތަކާއި ލާމަރުކަޒީ ނިޒާމަށް ލޯބިކުރާ މީހުން ކީ ފާޑުކިޔުން އެ ބޭފުޅުން ހަމަގައިމުވެސް ހަނދާން ހުންނާނެއެވެ.
އަދި އެ އަޑު ކަންފަތުން ކެނޑޭހާ ދުވަހެއް ނުވެއެވެ. މިހާރު ރައީސް އެ ވިދާޅުވަނީ އަތޮޅު ކައުންސިލްތައް އުވާލާ ރަށު ކައުންސިލަރުންގެ އަދަދު މަދުކުރައްވާ ވާހަކައެވެ. އަޖައިބު ހައިރާނެއް ނުވާނެތޯއެވެ. މިކަމުގައި ވެސް ބަހާއި އަމަލާ މުޅިން ދެ ކަފިވެއްޖެއެވެ.
ރައީސްގެ މި ޚިޔާލު މަޖިލިސް މެމްބަރުންނާއި ހިއްސާކުރުމުން މިކަމާއި މެދު ރައީސް ބަހައްޓަވާ ސީރިއަސްކަން އެނގެއެވެ. އެހެން ގޮތަކަށް ބުނާނަމަ ރައީސްގެ އިރުޝާދާއި ލާފާ އޮތް ގޮތް ވަރަށް ސާފު ނޫންތޯއެވެ. ލާމަރުކަޒީ ޤާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ސައްލާ މެމްބަރުންނާއި ހަމައަށް އޮއްސާލީ، ކައުންސިލަރުން ކައިރީގަ ހޭ ވެސް އަހާނުލައެވެ. ކައުންސިލަރުންގެ ޚިޔާލާއި ރައުޔަށް އިޚުތިރާމް ކުރާ މިންވަރު މިކަމުން އެކަނި ވެސް ހާމަވޭ ނޫންތޯއެވެ.
ކޮންމެއަކަސް އަތޮޅު ކައުންސިލްތަކުގެ އަދަދު މަދުކޮށް އާބާދީއަށް ބަލާ ރަށު ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ރައީސް ވަނީ މެމްބަރުންނަސް ލަފާ އަރުވާފައެވެ. ސަރުކާރުން ކަންކަން ކުރާ ބީދަ އަށް ބަލާ އިރު އޮތީ ދެ ގޮތެކެވެ. އެއްގޮތަކީ ރައީސް ވިދާޅުވި ގޮތަށް ރަބަރު ސްޓެމްޕް ޖަހާ މަޖިލީހުން މި ބަދަލުތައް ފާސްކޮށްދެއްވުމެވެ. އަނެއް ގޮތަކީ ފާޑުކިޔުން އަމާޒުވެ ސަރުކާރު ހޫނުފެނަށް ވެއްޓުމުން މި ނިންމުންވެސް އުނބަށް ޖެއްސެވުމެވެ. އަޅުގަނޑުމެން މި ތިބީ ނަމުން ލާމަރުކަޒީ، ކަމުން ޙުދުމުހުތާރު މި ސަރުކާރުގެ މިކަހަލަ ހުރިހާ ސަކަރާތެއް ނިކަން ކައިރިން ބަލާށެވެ.