ކ. މާލެ
|
18 އޭޕްރިލް 2025 | ހުކުރު 15:34
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
އެމްޑީޕީ
މަޖިލީހުގެ މަސައްކަތް
މަޖިލީހުގެ ތެރެއިން ކުރާ ހަމައެކަނި މަސައްކަތަކީ ނޮން ރެސިޑެންޓް ސަފީރުން ބަދަލުކުރުން - ޒިޔާދު
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ނިންމާފައިވާ އިރު، ފަނޑިޔާރުންނަށްވެސް އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް އަށް ވެސް އެކަން ހިނގައިދިޔަ ގޮތެއް އެނގިވަޑައި ނުގަންނަވާ
ސުޕްރީމް ކޯޓުގައި އޮތް ދެ މަސްއޫލިއްޔަތުގެ ތެރެއިން އެއް މަސްއޫލިއްޔަތު ނެތި ގޮސްފި

މަޖިލީހުގެ ތެރެއިން ކުރާ ހަމައެކަނި މަސައްކަތަކީ ނޮން ރެސިޑެންޓް ސަފީރުން ބަދަލުކުރުން ކަމަށާއި، އެޓަރނީ ޖެނެރަލްގެ އޮފީހުން ފޮނުވި މަސައްކަތެއް ނެތް ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ޒިޔާދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ނިންމާފައިވާ އިރު، ފަނޑިޔާރުންނަށްވެސް އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް އަށް ވެސް އެކަން ހިނގައިދިޔަ ގޮތެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ޒިޔާދު ވިދާޅުވީ މިފަދަ ވާހަކަތަކަކީ ޕޯޑިއަމްއެއްގައި ދައްކާލާފައި ނިންމާލުމަށްވުރެ ބޮޑެތި ވާހަކަތަކެއް ކަމަށާއި، ސުޕްރީމް ކޯޓެއް އުފެއްދުމަށާއި، ގާނޫނު އަސާސީއެއް ގެނައުމަށް ދިވެހިން ދިގު މާޒީއެއް ކަނޑައްތު ކުރި ކަމަށެވެ.

މެންބަރު ޒިޔާދު ވިދާޅުވީ ސުޕްރީމް ކޯޓުގައި އޮތް ދެ މަސްއޫލިއްޔަތުގެ ތެރެއިން އެއް މަސްއޫލިއްޔަތު ނެތި ގޮސްފި ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި ވެސް އޮންނަނީ މައިގަނޑު ދެ މަސައްކަތް ކަމަށެވެ. އެއީ ގާނޫނު ހެދުމާއި ސަރުކާރު ޖަވާބުދާރީ ކުރުން ކަމަށާއި، ޖަވާބު ދާރީކުރުމުގެ ބައި އުނިކޮށްލާފައިވާ ކަމަށެވެ.

އަޅުގަނޑުމެންނަށް އިއްޔެ ފެނުނު ވަޒީރެއް ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމުގެ ކުރިން އޮންނަނީ ޕީއެންސީގެ މެންބަރުންނަށް ކުރަންޖެހޭ ސުވާލުތައް ކުރެވިފައި. މަޖިލީހުގައި ވަގުތު އޮންނަގޮތުން ލިބޭ ފުރުސަތެއްގައި ސުވާލު މި ކުރަނީ 45 ސިކުންތައް. ޖަވާބު ދިނުން މި އޮންނަނީ ވަޒީރު ބޭނުންވާ ގޮތަކަށް. އެހެނަނަމަވެސް މަޖިލިސް ގަވާއިދުގައި އޮވޭ މަޖިލީހުގައި ދޭންޖެހޭނީ ތެދުބަހުންނޭ ޖަވާބުތައް. އަޅުގަނޑުމެންނަށް އެނގުނު އެއްކަމަކީ މި މިިސްޓްރީ [ލެންގުއޭޖް މިނިސްޓްރީ] އިން ކުރި އެއްވެސް ކަމެއް ނެތޭ.

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ޒިޔާދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މިހާރު ކުރާ ހަމައެކަނި މަސައްކަތަކީ ނޮން ރެސިޑެންޓް ސަފިރުން ބަދަލުކުރުން ކަމަށެވެ. މި ދައުރުގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ދިން އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށް ވެސް ޒިޔާދު ވިދާޅުވިއެވެ.

ޒިޔާރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ މައްސަލަ މަޖިލީހަށް ވެއްދުމުން އެ މައްސަލަވެސް ބޭރުކޮށްލާފައިވާ ކަމަށާއި، އެ މައްސަލަ ކުއްލި މައްސަލައެއްގޮތުގައި ވައްދާ ޕެޓިޝަނެއްގެ ގޮތުގައި ވެސް ވައްދާނެ ކަމަށް ޒިޔާދު ވިދާޅުވިއެވެ. މެންބަރު ޒިޔާދު ވިދާޅުވީ ރައްޔިތުންގެ ހައްގުގައި މަޖިލީހުގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައް ހުއްޓާ ނުލައްވާނެ ކަމަށެވެ.

- ކޮމެންޓް