ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަމުންދިޔަ ޒުވާނަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
ބުރާސްފަތި ދުވަހު މި ހާދިސާ ހިނގާފައި ވަނީ ފުވައްމުލައް ސިޓީގައެވެ.
ފުލުހުން ބުނީ މަރުވެފައިވާ ޒުވާނާ އަކީ ރ. އަލިފުށި، އަބްދުﷲ ރިޝްދާން، 27 ކަމަށެވެ.
ފުލުހުން އިދާރާ އިން އާއްމު ކުރި މެސެޖެއްގައި ބުނެފައި ވަނީ އެ ޒުވާނާގެ ހަބަރު ހުސްވެގެން އޭނާ ފުވައްމުލައް ސިޓީގެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ބުރާސްފަތި ދުވަހު މެންދުރު ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 12:11 ހާއިރެވެ.
އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެއެވެ.
އެ ޒުވާނާ ހަބަރު ހުސްވެގެން ވެއްޓުނީ ކޮންސްޓްރަކްޝަން ސައިޓު ތެރެއަށް ކަމަށާއި އޭނާގެ މޫނަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ރާއްޖެ އެމްވީ އަށް މައުލޫމާތު ދިން ފުވައްމުލަކު މީހަކު ބުނީ އޭނާ ޚަބަރު ހުސްވެގެން ވެއްޓުނީ ކޮންސްޓްރަކްޝަން ސައިޓުގައި ކަރަންޓުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. އަދި އޭނާ މަރުވީ ކަރަންޓުގައި ޖެހިގެންކަމަށް ބައެއް އާއްމުން ބުނަމުންދާ ކަން އޭނާ ފާހަގަކުރިއެވެ. އެހެންނަމަވެސް ރަސްމީ އިދާރާއަކުން ރިޝްދާން މަރުވި ސަބަބު ހާމަކޮށްފަ އެއް ނުވެއެވެ.