ހައްދުންމަތީ މާވަށު ކައުންސިލް އިދާރާގެ އޮޑިޓް ރިޕޯޓު އާންމުކުރިއިރު، 400000 (ހަތަރު ލައްކަ) އަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތެރިވެފައިވާ ކަން އެ އިދާރާގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ހައްދުންމަތީ މާވަށު ކައުންސިލް އިދާރާގެ 2023 ވަނަ އަހަރުގެ ކޮމްޕްލިޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ތެލުގެ ސްޓޮކްގެ ގޮތުގައި ފޮތުން ދައްކާ ބާކީ އާއި މާއްދީ ގޮތުން ހުރި އަދަދުގެ ތަފާތުތަކެއް ހުރި ކަމަށެވެ.
އެގޮތުން އެ ކައުންސިލުން ވިއްކާފައިވާ ތެލުގެ ބާވަތްތަކުން، ޑީސަލް އަދި ޕެޓްރޯލް ހިމެނޭހެން ޖުމުލަ 421،484 ރުފިޔާގެ ހިޔާނާތެއް ވާކަން ފާހަގަކުރެވިފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ މާވަށު ކައުންސިލްގެ އިދާރާއިން ތެލުގެ ވިޔަފާރި ކުރުމަށް ބޭނުން ކުރަމުން ގެންދާ ތާނގީތަކުގައި ތެޔޮ ހުރި މިންވަރާއި ފޮތްތަކުން ދައްކާ ބާކީ އާއި ދިމާވޭތޯ ބެލުމުގެ ގޮތުން 2024 ވަނަ އަހަރުގެ މޭމަހުގެ 15 ވަނަ ދުވަހުގައި ތެލުގެ ސްޓޮކް ބެލިއިރު، ތެޔޮ ތާންގީތަކުގައި ހުރި ތެލުގެ އަދަދާއި ތެލުގެ ބާކީގެ ގޮތުގައި ހުރި ކަމަށް ފޮތްތަކުން ދައްކާ އަދަދާއި ދެމެދު ބޮޑު ފަރަގުތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން ފޮތްތަކުން ދައްކާ އަދަދަށް ވުރެ 17،169 ލީޓަރު ޑީސަލް އަދި 9،748 ލީޓަރު ޕެޓްރޯލް މަދުން ޓޭންކް ތަކުގައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި އަދި އޮޑިޓަރުން ތާންގީތަކުގައި ތެޔޮ ހުރި މިންވަރު ބެލި ދުވަހާއި ހަމައަށް ކައުންސިލްގެ އިދާރާއިން އެންމެ ފަހުން ތެޔޮ ގަނެފައިވާ ނިސްބަތުން ބަލާއިރު، އެއީ 421،484 (ހަތަރު ލައްކަ އެކާވީސް ހާސް ހަތަރު ސަތޭކަ އައްޑިހަ ހަތަރެއް) ރުފިޔާގެ ޕެޓްރޯލް އަދި ޑީސަލް ކަމުގައި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
މިކަން މިގޮތަށް ދިމާވެފައި ވަނީ ތެލުގެ ވިޔަފާރި ހިންގުމަށް ބޭނުންވާ ވަރަށް މުވައްޒަފުން ނެތުމުންނާއި އަދި ތާންގީތަކުގެ ކޮލިޓީ ދަމަހައްޓަންވެގެން ބޭނުންވާ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ނެތުމުންނާއި ވިޔަފާރީގެ ކޮންޓްރޯލްތައް ހަރުދަނާ ކުރެވިފައި ނުވާތީ ކަމަށް މާވަށު ކައުންސިލް އިދާރާއިން މައުލޫމާތު ދީފައިވެ އެވެ.
އޮޑިޓް ރިޕޯޓް![]()
މީގެ އިތުރުން ދައުލަތުގެ މާލިއްޔަތު ޤަވައިދުގައި ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާއާއި ޚަރަދަށް ނަގާ ފައިސާގެ ތެރެއިން ހަވާލުނުކުރެވި ހުންނަފައިސާ އާއި އެއްތަނުން އަނެއްތަނަށް ގެންގޮސް ގެނެސް ހަދާ ފައިސާއާއި އަދި މިނޫންވެސް ދައުލަތުގެ ހަވާލުގައި ބަހައްޓަން ޖެހޭ ފައިސާ ބަހައްޓާނީ ތިޖޫރިއެއްގައި ނުވަތަ ފައިސާ ރައްކާކުރާ ފޮށްޓެއްގައި ނުވަތަ ސްޓޯންގ ރޫމެއްގައި ކަމަށް ބަޔާންކޮށްފައިވާއިރު، ކައުންސިލް އިދާރާއިން ބަލައިގަންނަ ފައިސާ ތިޖޫރީ ބާކީއަށް ވައްދަމުން ދިއަ ނަމަވެސް ރައްޔިތުންގެ ތެޔޮ ތާނގީއިން ތެޔޮ ވިއްކުމަށް ފަހު ލިބޭ ނަގުދު ފައިސާ ކައުންސިލްގެ އިދާރާއާއި ހަވާލުނުކޮށް ތެޔޮ ވިއްކާ ފިހާރައިގެ ކައުންތަރުގައި ތަޅުލެވޭ ގޮތަށް ހުރި ވަތްގަނޑެއްގައި ބަހައްޓަމުން ދާ ކަމާއި މިގޮތަށް ބެހެެއްޓޭ ފައިސާ އެވްރެޖްކޮށް މަހަކު އެއްފަހަރު ކައުންސިލްގެ އިދާރާއަށް ހަވާލުކޮށް އެހިސާބުން ތިޖޫރިއަށް ވައްދައި ތިޖޫރީ ބާކީގައި ހިމަނަމުން ދާކަން ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން 2024 ވަނަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހުގައި ތެޔޮ ވިއްކާ ފިހާރައިގެ ހުރި ފައިސާ އޮޑިތަރުން ގުނިއިރު، ނަގުދު ފައިސާގެ ގޮތުގައި ހުރި އަދަދާއި ތެޔޮ ވިއްކުމަށް ފަހު ނޯޓުކުރާ ދުވަހުފޮތުގައި ލިބުނު ފައިސާގެ ގޮތުގައި ހިމަނާފައިވާ އަދަދުގައި 5147 ރުފިޔާގެ ފަރަގު ހުރިކަން ފާހަގަކޮށްފައިވާއިރު، މި ފަރަގު އައީ ކީއްވެތޯ އޮޑިޓަރުން ސުވާލު ކުރުމުން އެކިފަހަރު އެކިގޮތަށް މައުލޫމާތު ދީފައިވާ ކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ތެޔޮވިއްކުމަށް ފަހު ބައެއް ކަސްޓަމަރުން، ތެޔޮ ވިއްކަން ހުންނަ މުވައްޒަފުގެ ޕަރސަނަލް ބެންކް އެކަމުންޓަސް ފައިސާ ޖަމާކުރާކަމާއި މިގޮތަށް ޖަމާކުރާ ފައިސާ ކައުންސިލްގެ އިދާރާއަށް ނަގުދު ފައިސާ ހަވާލުކުރެާ ދުވަހު ޕަރސަނަލް އެކަނުންޓުން ނަގުދު ފައިސާ ނަގައި ފިހާރައިގައި ހުރި ނަގުދު ފައިސާއާއި އެކު ކައުންސިލްގެ އިދާރާއާއި ހަވާލުކުރާ ކަމަށް ވެސް އިދާރާއިން މައުލޫމާތު ދީފައިވާ ކަން ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
މީގެ އިތުރުން އެކަންއުންޓަށް ޓްރާންސްފަރގެ ގޮތުގައި ލިބިފައިވާ ހުރިހާ ފައިސާއަށް ރަސީދު ތައްޔާރުކޮސްފައި ނުވާކަމާއި ކައުންސިލްގެ އިދާރާގައި ބޭނުންކުރާ އެއްވެސް އެކަނުންޓެއްގެ އެކައުންޓު ބާކީ އަދި ބޭންކް ރިކޮންސިލިއޭޝަން ތައްޔާރުކޮސްފައި ނުވުމާއި ހަރުމުދަލާއި ގުޅޭ ކަންކަން ގަވާއިދާއި އެއްގޮތަށް ބަހައްޓާފައި ނުވާކަން އޮޑިޓް ރިޕޮޓުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން ވޭޖް އުސޫލުން ވަޒީފާ އަދާކުރާ މުވައްޒަފުން ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމްގައި ބައިވެރިކޮށްފައި ނުވުމާއި ކައުންސިލްގެ އިދާރާގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމެއްގެ އެއްބަސްވުން ކައުންސިލް އިދާރާގެ ނަމަށް ބަދަލުކޮށްފައި ނުވުމާއި ބިމުކުލި ލިބިފައި ނުވާކަން ވަނީ ފާހަގަކޮށްފަ އެވެ.