ކ. މާލެ
|
13 އޭޕްރިލް 2025 | އާދީއްތަ 17:17
ކުޅުދުއްފުށީ ސިޓީގެ 400 ހައުސިން ޔުނިޓްގެ މަސައްކަތް އޮތީ ހުއްޓިފައި
ކުޅުދުއްފުށީ ސިޓީގެ 400 ހައުސިން ޔުނިޓްގެ މަސައްކަތް އޮތީ ހުއްޓިފައި
ރާއްޖެއެމްވީ
ކުޅުދުއްފުށީ ހައުސިން މަޝްރޫޢު
ކުޅުދުއްފުށި 400 ހައުސިން ޔުނިޓްގެ މަސައްކަތް ހުއްޓި، މިސަރުކާރުގެ އެއްވެސް މަޝްރޫޢު އެއް ކުރިއަށްނުދޭ: މޭޔަރ
30 ޑިސެމްބަރ 2022ގައި ފެށި މިމަޝްރޫއުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވިފައިވަނީ 20 ނޮވެމްބަރ 2024 ގައި
ވެރިކަމުގެ ފުރަތަމަ 100 ދުވަހު ފުއްދުމަށް ކުޅުދުއްފުއްޓަށް ވެވަޑައިގަތް ހަމައެކަނި ވައުދު ކަމަށްވާ އެއަރޕޯޓް ޓާމިނަލް އެކްސްޓެންޝަންގެ މަސައްކަތް ނުނިމޭ

ކުޅުދުއްފުށީ ސިޓީގެ 400 ހައުސިން ޔުނިޓްގެ މަސައްކަތް އޮތީ ހުއްޓިފައި ކަމަށާއި މިސަރުކާރުން ފައްޓަން ބުނި އެއްވެސް މަޝްރޫއުއެއްގެ މަސައްކަތެއް މިހާތަނަށް އައި އިރު ކުރިއަށް ނުދާ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ރާއްޖެއެމްވީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މޭޔަރ ވިދާޅުވީ 30 ޑިސެމްބަރ 2022ގައި ފެށި މިމަޝްރޫއުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވިފައިވަނީ 20 ނޮވެމްބަރ 2024 ގައި ކަމަށްވީ ނަމަވެސް މިސަރުކާރު ވެރިކަމަށް އައުމާއި އެކު މިމަޝްރޫއުގެ މަސައްކަތް އެއްކޮށް ހުއްޓިފައިވާ ކަމަށެވެ.

18 އިންސައްތަ މަސައްކަތް ނިމިފައިވާ މިމަޝްރޫއުގެ ޖުމްލަ އަގަކީ 415,086,000 (ސާޅިސް އެއްމިލިއަން ފަސްލައްކަ އަށްޑިހަ ހަ ހާސް) ރުފިޔާއެވެ.

މިއީ ފަސް ޓަވަރުގެ މައްޗަށް އެގާރަ ފަންގިފިލާއަށް އިމާރާތްކުރާ ފްލެޓްތަކެއް ކަމަށާއި، ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިމަޝްރޫއުގެ މަސައްކަތް ހުއްޓިފައި އޮތުމަކީ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އާތިފް ވިދާޅުވި އެވެ.

އަދި މަމަޝްރޫއުގެ މަސައްކަތް ހުއްޓިފައި އޮތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ހައުސިން މިނިސްޓަރަށްވެސް އެކަމުގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެ ކަމަށާއި ނަމަވެސް މަސައްކަތް ހުއްޓިފައި އޮތީ ކޮން ސަބަބަކާއި ހުރެ ކަމަށް ސާފުވެފައިނުވާ ކަމަށް މޭޔަރ ވިދާޅުވިއެވެ.

މިސަރުކާރު އައި ފަހުން 2024 ވަނަ އަހަރުގެ ބަޖެޓްގައި ކުޅުދުއްފުށީގެ ތަރައްޤީއަށް މުހިއްމު މަޝްރޫއުތަކެއް ހިމަނާފައިވީ ނަމަވެސް އޭގެ ތެރެއިން އެއްވެސް މަޝްރޫއުއެއްގެ މަސައްކަތެއް ކުރިއަށް ނުދާ ކަމަށާއި 14 ހަފްތާއަށް ނުވަތަ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ފުއްދުމަށް ކުޅުދުއްފުއްޓަށް ވެވަޑައިގަތް ހަމައެކަނި ވައުދު ކަމަށްވާ އެއަރޕޯޓް ޓާމިނަލް އެކްސްޓެންޝަންގެ މަސައްކަތް، ސަރުކާރަށް 500 ދުވަސް ވެގެންދާއިރުވެސް ނުފެށޭ ކަމަށް މޭޔަރ ވިދާޅުވި އެވެ.

އަދި 2025 ވަނަ އަހަރަށް ލަފާކުރި ބަޖެޓްގައިވެސް، ކުޅުދުއްފުށި ސިޓީއަށް ސަރުކާރުން ކޮށްދޭން ހުރި އެއްވެސް މަޝްރޫއެއްގެ މަސައްކަތުގެ ތަފްސީލެއް އިނގެން ނެތް ކަމަށް އާތިފް ވިދާޅުވިއެވެ.

އެހެންކަމުން ޖުމްލަކޮށް ނިމިދިޔަ ސަރުކާރުން ފައްޓާފައިވާ މަޝްރޫއުތަކުގެ މަސައްކަތެއް ނިމިފައިނުވާ ކަމަށާއި އޭގެ ތެރޭގައި ސްކޫލުތަކުގައި ފައްޓާފައިވާ އެއްވެސް މަޝްރޫއެއްގެ މަސައްކަތެއް ނުނިމޭއިރު އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކުރުމަށް އިމާރާތް ކުރަންފަށާފައި ހުރި އައު އިންޖީނުގޭގެ މަސައްކަތްވެސް އެއްކޮށް ހުއްޓިފައިވާ ކަމަޑް އާތިފް ވިދާޅުވި އެވެ.

ނަމަވެސް ކުޅުދުއްފުށި މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ފޭސް 2 ގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓުން ކުރިއަށްގެންދާ ކަން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ކުޅުދުއްފުއްޓަސް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ސަރުކާރުން އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރުގައި އެދޭ ކަމަށް މޭޔަރު ވިދާޅުވި އެވެ.

- ކޮމެންޓް