ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގައުމީ ތަރައްގީއަށް ކަނޑައަޅުއްވާފައިވާ ވިސްނުންފުޅާ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މިޝަންއާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމަށް އެބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) ސަނާބިލް އިމާރާތުގެ ބިންގާ އަޅާ، އެތަނުގެ އަމަލީ މަސައްކަތް ފެށުމަށް ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ރައީސް މުއިއްޒު ގައުމީ ތަރައްގީއަށް ކަނޑައަޅުއްވާފައިވާ ވިސްނުންފުޅާ ލީޑަރޝިޕް ބީއެމްއެލްގެ މިޝަންއާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުމާ ފުދުންތެރިކަން ހޯދާދިނުމާ އިޖްތިމާއީ ދުޅަހެޔޮކަމާ ތައުލީމީ ޖީލެއް ބިނާ ކުރުމަށް ސަރުކާރުގެ މުހިންމު ލަނޑުދަނޑިތައް ހާސިލް ކުރުމަށް ހިންގޭ މުހިންމު މަޝްރޫއުތަކުގައި ބީއެމްއެލުން ބައިވެރިވާނެ ކަމަށެވެ. އަދި އެހީތެރިވެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ އެކައުންޓުން ފެށިގެން ފައިނޭންސިންއާ ހަމައަށް ފުރިހަމަ އިސްލާމީ ބޭންކެއްގެ އުފެއްދުންތަކާއެކު ބީއެމްއެލުން ދަނީ މުޅި ގައުމުގައި މާލީ ބާރުވެރިކަން އިތުރުކުރަމުން ކަމަށާއި، ހުރިހާ އެންމެން ޝާމިލުވާ ދެމެހެއްޓެނިވި އިގްތިސާދެއް ބިނާކޮށް، މާލީ ބާރުވެރިކަން އިތުރުކުރުމަށް ބޭންކުން މުހިންމު ދައުރެއް އަދާ ކުރާ ކަމަށެވެ.
އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގައުމީ ތަރައްގީއަށް ކަނޑައަޅުއްވާފައިވާ ވިސްނުންފުޅާ ލީޑަރޝިޕް ބީއެމްއެލްގެ މިޝަންއާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވޭ. ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުމާ ފުދުންތެރިކަން ހޯދާދިނުމާ އިޖްތިމާއީ ދުޅަހެޔޮކަމާ ތައުލީމީ ޖީލެއް ބިނާ ކުރުމަށް ސަރުކާރުގެ މުހިންމު ލަނޑުދަނޑިތައް ހާސިލް ކުރުމަށް ހިންގޭ މުހިންމު މަޝްރޫއުތަކުގައި ބީއެމްއެލުން ބައިވެރިވާނެ އަދި އެހީތެރިވެދޭނެ
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް![]()
އިސްލާމިކް ޔުނިވަރސިޓީގެ ސަނާބިލް އިމާރާތް ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިންކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ މިއީ އިގްތިސާދީގޮތުން ވަރުގަދަ ރާއްޖެއެއް ބިނާކުރުމަށް ކުރެވޭ އިންވެސްޓެއް ކަމަށެވެ. ބޭންކުގެ އިޖްތިމާއި ޒިންމާގެ ދަށުން ތައުލީމީ ދާއިރާ ކުރިއެރުވުމަަށް ގިނަ މަސައްކަތްތަކެއް ބޭންކުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ޒުވާން ހުނަރުވެރިން ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން މާލީ ދާއިރާ ކުރިއަރުވާނެ މަގު ދައްކާނެ ލީޑަރުން އުފެއްދުމަށް އިސްކަންދީ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރައީސް މުއިއްޒު ގައުމީ ތަރައްގީއަށް ކަނޑައަޅުއްވާފައިވާ ވިސްނުންފުޅާ، ބީއެމްއެލްގެ މިޝަންއާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމަށް ޝަރީފް ވިދާޅުވެފައިވާތީ ގިނަ ބައެއްގެ ފާޑު ކިޔުން ބޭންކަށް ވަނީ އަމާޒުވެފައެވެ. ބޭންކް ސީއީއޯގެ ވާހަކަފުޅާއެކު ވެސް ބީއެމްއެލް ސިޔާސީ ވެފައިވާ މިންވަރު ހާމަވާ ކަމަށާއި، އިތުބާރު ނެތް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ބީއެމްއެލްއަކީ އާންމުންނާއި ސަރުކާރު ހިއްސާވާ ޕަބްލިކް ލިމިޓެޑް ކުންފުންޏެކެވެ. ބޭންކުގައި ސަރުކާރުގެ ހިއްސާއަކީ 62.2 އިންސައްތަ އެވެ. އިތުރު 4.1 އިންސައްތަ ހިއްސާވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކެވެ. ބާކީ 32.7 އިންސައްތައިގެ ހިއްސާދާރުންނަކީ އާންމުންނެވެ.