ދިވެހިން ނުކުމެ، ދިވެހިންގެ ރާއްޖެއެއް ގެނައީ، އިތުރަށް ތަރައްގީއާއި، އުފާވެރިކަން ބޭނުންވާތީއެވެ. ނަމަވެސް ދިވެހިންގެ ރާއްޖޭއާއެކު، ގިނަ ރައްޔިތުން މިއަދު ވަނީ މާޔޫސްވެފަ އެވެ. ހުރިހާ ދާއިރާއަކުން ރާއްޖެ ދަނީ ދަށަށެވެ. ރައްޔިތުންގެ އަތްމަތިވެސް ދަނީ ދުވަހަކަށް ވުރެ ދުވަހެއް ދަށްވަމުންނެވެ.
ތަކެތީގެ އަގުތައް އުފުލި، ރައްޔިތުންނަށް ދަތިވަމުންދަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅިގެން ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. އެހެންކަމުން އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތައް އަޅައި، ތަންފީޒު ކުރަމުންދާ ކަމަށް ވެސް ސަރުކާރުން ބުނެއެވެ. އަދި ސަރުކާރުން ހަރަދުތައް ކުޑަކުރުމަށް ކުރަމުގެ ނަމުގައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާ ދިނުން ދަނީ ހަރުކަށި ކުރަމުންނެވެ.
އެގޮތުން މިހާރު ބައެއް ކުންފުނިތަކުގައި ޚާއްސަ ހުއްދައެއްގެ ދަށުން މެނުވީ، އިތުރުގަޑީގައި މަސައްކަތް ނުކުރެވޭނެކަން ވަނީ އަންގާފައެވެ. އަދި ބައެއް ކުންފުނިތަކުން ދެމުންދާ އަހަރީ ބޯނަސް ދިނުން ވަނީ ލަސްކޮށްފައިވެއެވެ. އަހަރީ ބޯނަސްގެ ގޮތުގައި ވެސް މީގެ އެއްވެސް އަހަރެއްގެ ނުލިބޭ މިންވަރަށް މަދުން ފައިސާ ލިބުނުކަމުގެ ޝަކުވާ ވެސް މުވައްޒަފުން ކޮށްފައިވެ އެވެ.
ފާހަގަކުރެވޭ ކުންފުނިތަކުގެ ތެރޭގައި އެމްޑަބްލިޔުއެސްސީ، އެމްޕީއެލް، އެމްއޭސީއެލް ހިމެނެއެވެ.
ކަންމިހެން އޮތް ނަމަވެސް ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވުމަށް ނިމުމެއް ނެތެވެ. ބޮޑެތި މުސާރަ ތަކުގައި ބޭފުޅުން އައްޔަން ކުރައްވުމުގައި ސަރުކާރުން އުޅެނީ އަވަދިނެތި އެވެ.
އެގޮތުން މިދިޔަ މަހުގެ ތެރޭގައި 40،000ށް ވުރެ ބޮޑު މުސާރައާއެކު އެމްޑީޕީ އިން ޕީއެންސީ އަށް ބަދަލުވި ކަނޑިތީމު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޝަހީމް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ފެސިލިޓީ އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ ޖެނެރަލް މެނޭޖަރަކަށް ވަނީ އައްޔަން ކުރައްވާފައެވެ. އަދި ކުރެންދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްގަނީ އަބްދުއްހަކީމް އެގުރޯނެޓްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައެވެ.
އެގްރޯނެޓް އަށް އިތުރު ބޭފުޅަކު އައްޔަން ކުރެއްވިއިރު، އެއީ ބޭކާރު ހަރަދު ބޮޑު ކުންފުންޏެއް ކަމަށް ބުނެ، މިސަރުކާރުން އެ ކުންފުނި އުވާލަން ވެސް ނިންމިއެވެ. ނަމަވެސް ސަރުކާރުގެ އެ ނިންމުން ބަދަލުކޮށް، ކުންފުނި ހިންގަން އަލުން ހިންގަން ނިންމި ސަބަބުން ހާމަކޮށްފައިނުވެ އެވެ.
ހުއްޓުމެއް ނެތި ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވަމުން ގެންދަވާއިރު، ރައީސް މުއިއްޒުގެ ވެރިކަމެއްގައި 700ށް ވުރެ ގިނަ ސިޔާސީ މަގާމުތައް ނުފުއްދާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ. ނަމަވެސް ސަރުކާރުގެ އިތުބާރުހުރި ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި މިސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު 3000ށް ވުރެ އިތުރެއެވެ.
އެހެންކަމުން ސަރުކާރުން ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ފަހަތުގައި އޮތީ އެހެން އެޖެންޑާއެއް ކަމާމެދު ޝައްކަތްނެތެވެ.