ގެއަކަށް ވަދެ ވެރިފަރާތަށް ބިރުދައްކައި ގެއްލުން ދެނިކޮށް ކުށުގެ ވެށިން ހައްޔަރުކުރި 4 މީހުން ދޫކޮށްލައިފި އެވެ.
ކްރިމިނަލް ކޯޓުން އެ 4 މީހުން ދޫކޮށްލަން އަމުރު ނެރެފައިވަނީ ހޯމަ ދުވަހުއެވެ. 4 މީހުން ވެސް ދޫކޮށްލަން ވަނީ އަމުރުކޮށްފަ އެވެ.
ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބަޔަކަު މީހުން ބިރުދައްކައި އިންޒާރުދިފައިވާ މައްސަލަ މާޗް 8 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އަދި އެ ގެއަަށް މާޗް 8 ވަނަ ދުވަހުގެރޭ 12:45 ހާއިރު 4 މީހަކު ވަދެ އެ ގެއަށް ގެއްލުން ދީފައިވާ މައްސަލައާއި ގުޅިގެން އެ 4 މީހުން ކުށުގެ ވެށިން ހައްޔަރުކުރެވިފައިވާ ކަމަށް ފުލުހުން އެއިރު ބުނެފައިވެ އެވެ.
މި މައއްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އއ. މާޅޮސް، ރީތިހިޔާ މުހައްމަދު އަފްލަހު (23އ)، ނ. ވެލިދޫ، އިބްރާހިމް އަހުނަފު (21އ)، ނ. މަނަދޫ، ހަވޭލި މުހައްމަދު އަޒާން (23އ) އަދި ތ. ގުރައިދޫ، ފަޒާ އަލީ ނަވާފު އެވެ.
މި 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މާޗް 9 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް އެމީހުން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ހޯމަ ދުވަހު ހާޒިރުކުރުމުން ބަންދުން ދޫކޮށްލާފައިވާ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ މި 4 މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި، ދައުވާ ކުރުމަށް މައްސަލަ ޕީޖީ އޮފީހަށް ބަލައިގަނެފައިވާތީ، މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްދިނުމަށް ޕީޖީގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ. އަދި ހުށަހެޅިފައިވާ މައްސަލައިގެ ހެކި ގަރީނާގެ ގޮތުގައި ހުށަހަޅާފައިވާކަންކަމަށް ބަލާއިރު ބަންދުގައި ބެހެއްޓުމަށް އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައި ނުވާތީ، ޝަރުތުކޮށް ބަންދުން ދޫކޮށްލުމަށް ނިންމާފައިވާ ކަމަށެވެ.