ކ. މާލެ
|
6 އޭޕްރިލް 2025 | އާދީއްތަ 13:18
ޓީވީ ޓޯކް ޕްރޮގްރާމްގައި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވާހަކަދައްކަވަނީ
ޓީވީ ޓޯކް ޕްރޮގްރާމްގައި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ކޮމިއުނިސްޓް ވެރިކަން
ރައީސް މުއިއްޒު ބޭނުންފުޅުވަނީ ރާއްޖޭގައި ކޮމިއުނިސްޓް ވެރިކަމެއް ގާއިމް ކުރަން: އަމްރު
މި ސަރުކާރުން ވަރަށް ބޮޑަށް ގައުމިއްޔަތު ޕްރޮމޯޓް ކުރޭ
ދިފާއީ މާ ބޮޑު ބާރެއް ނެތް ނަމަވެސް ބާރު އޮތް ކަމަށް ރައްޔިތުންނަށް ދެއްކުމަށް މަސައްކަތް ކުރޭ
ސަރުކާރުން އަމިއްލައަށް ވެސް މުއްސަންދިވުމަށް ދަނީ މަސައްކަތް ކުރަމުން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ ރާއްޖޭގައި ކޮމިއުނިސްޓް ވެރިކަމެއް ގާއިމް ކުރުމަށް ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ''ޓީވީ ޓޯކް'' ޕްރޮގްރާމްގައި އަމްރު ވިދާޅުވީ ރައީސް މުއިއްޒު ބޭނުންފުޅު ވަނީ މިގައުމުގައި ކޮމިއުނިސްޓް ވެރިކަމެއް ގާއިމް ކުރުމަށް ކަމަށާއި، އެ އުސޫލާ އެއްގޮތް ނޫން ގޮތަކަށް އެމަނިކުފާނަށް އަމަލު ކުރައްވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މި ސަރުކާރުން ގައުމިއްޔަތު ޕްރޮމޯޓް ކުރާކަން ފާހަގަކުރައްވައި އަމްރު ވިދާޅުވީ އެއީ ކޮމިއުނިސްޓް ގައުމުތަކުގައި ވަރަށް ބޮޑަށް ކުރާ ކަމެއް ކަމަށެވެ. އަދި ދިފާއީ މާ ބޮޑު ބާރެއް ނެތް ނަމަވެސް ބާރު އޮތް ކަމަށް ރައްޔިތުންނަށް ދެއްކުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގައުމިއްޔަތު ވަރަށް ބޮޑަށް ޕްރޮމޯޓް ކުރޭ. ކޮމިއުނިސްޓް ގައުމުތަކުގައި ވަރަށް ބޮޑަށް ކުރާ ކަމެއް އެއީ. ވަރަށް ބޮޑަށް. އެއީ ކޮންމެހެން އެމީހުންގެ މާބޮޑު ދިފާއީ ބާރެއް އޮވެ މާބޮޑު ވަރުގަދަ ބާރެއް ދުނިޔޭގައި އޮންނާތީއެއް ވެސް ނޫން. އެއީ ގައުމުގެ ރައްޔިތުންނަށް ބިރު ދެއްކުމަށްޓަކައި ކުރާ ކަމެއް އެއީ. ދިފާއީ ކަންކަމުގައި ބޮޑެތި ޓޭންކަރުތައް ނެރި މަގުމަތީގައި ދުއްވުމާއި މިިކަހަލަ ކަންތައް ކުރުމަކީ، މިސައިލްތައް ދެއްކުމާއި، ޑްރޯންތައް ދުއްވުމާއި، ސިފައިން ނެރިގެން ހުރިހާ ކަމެއް ކުރުމާއި. ކުޑަ ކުދިންނަށް ވަރަށް ބޮޑަށް ސިފައިން ކޮންމެ ކަމެއްގައި ސިފައިން ދެއްކުން.

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު

ރާއްޖޭގެ އިގްތިސާދީ ހާލަތަށް އިޝާރާތް ކުރައްވައި އަމްރު ވިދާޅުވީ އިގްތިސާދީ ހާލަތު ގޯސްވެފައި އޮތްއިރު ވެސް ސަރުކާރުން އިންތިހާއަށް ހަރަދު ކުރާ ކަމަށާއި، ސަރުކާރުން އަމިއްލައަށް ވެސް މުއްސަންދިވުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި ކޮމިއުނިސްޓް ގައުމުތަކުން އަމަލުކުރާ ގޮތަށް، މި ސަރުކާރުން މަސައްކަތް ކުރަނީ ގައުމުގެ ހުރިހާ ކަމެއް ވެސް ސަރުކާރުން ކުރަން ކަމަށާއި، އެއީ ރައްޔިތުން ނިކަމެތި ކުރުމުގެ ގޮތުން ކުރާކަމެއް ކަމަށް އަމްރު ވިދާޅުވިއެވެ.

ރައްޔިތުން ކިތަންމެ ވަރަކަށް ނިކަމެތިވެގެން ބިކަވެގެން ދިޔައަސް ކޮންތާކަށްތޯ ވަކި ދަނީ. ކޮންތާކަށް ތޯ މައްސަލައެއް ޖައްސަން ދަނީ. ހުރިހާ ކޯޓުތަކެއް ރައީސުލްޖުމްހޫރިއްޔާ އަތުގައި. މިނިވަން މުއައްސަސާތަކެއް ރައީސުލްޖުމްހޫރިއްޔާ އަތުގައި ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އަތުގައި އޮވެގެން ހިންގާ ކަހަލަ ވެރިކަމަކާ ދިމާލަށް މިރާއްޖެ ބަދަލުކޮށްލަން މިދަނީ ވަރަށް ބޮޑަށް. ވަރަށް ބޮޑު ބަދަލެއް މީގެ ތެރެއަށް އަންނަމުން މިދަނީ. އެހެންވީމަ ޒަމާނުއްސުރެ މީހުން އުޅެމުން އައި ގޮތަށް ބަދަލުތަކެއް އަންނަމުންދާނީ. އެ މަންޒަރު ވަރަށް ރީތިކޮށް ލޯ ކުރިމަތިން ފެންނަމުންދަނީ

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު

އަމްރު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ، ގައުމުގެ ރައްޔިތުންނަށް ފަގީރުކަމުގެ ހާލަތު ޖެއްސުމަށްފަހު، އެހާލަތުގައި ރައްޔިތުން ބައިތިއްބައިގެން ސަރުކާރުން ދޭ ހިލޭ އެހީއާއެކު، ރައްޔިތުން ގެންގުޅެން ކަމަށެވެ. އަދި މިހާރު މަޑުމަޑުން އެ ސިފަ ޖައްސަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

- ކޮމެންޓް