އަޖައިބުވެ އަންތަރީސްވެއްޖެއެވެ. ހެނދުނު ތެދުވެ ސޯޝަލް މީޑިއާ ބަލާލި އިރު އެއްކަލަ އެކްޓިވިސްޓު ކުދިން ކޮޅު އުޅެނީ ނިކަން އަވަދިނެތިއެވެ. އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ހާމަވިއްޔޯލައެވެ.
އިންޑިއާއިން ގެނައި، 1.8 މެގަވޮޓް ޖަނަރޭޓަރު ބޭނުންކުރަން ފެށި ވާހަކަ އާއި، އޭގެ ފަހަތުން އައިހާ "ޝުކުރިއްޔާ ރައީސް"ގެ ފަތިވަރުތަކެވެ. މި ވެރިން ބުނަމުން ދަނީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އިންޑިއާއިން ގެނައި 1.8 މެގަވޮޓުގެ ޖަނަރޭޓަރު އައްޑޫ ސިޓީއަށް މިދިޔަ ބުރާސްފަތި ދުވަހު ގެންދިއުމުން އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވީ ކަމަށެވެ.
އައްޑޫގަ ކަރަންޓުގެ ޚިދުމަތް ދޭ ފެނަކަ ކޯޕަރޭޝަންގެ ހާލަކީ ވެސް މިއީއެވެ. ރައީސަށް ތައުރީފާއި ސަނާ އޮހެނީއެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ނަޖާހު ބައެއް މީޑިއާތަކަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އައްޑޫ ސިޓީއަށް އަލަށް ގެންދިޔަ 1.8 މެގަވޮޓުގެ ޖަނަރޭޓަރު މިހާރު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އަދި އައްޑޫގައި ހަލާކުވެފައި ހުރި 3 ޖަނަރޭޓަރުގެ ތެރެއިން 1 ޖަނަރޭޓަރު ހަދާ އެ ޖެނެރޭޓަރ ބޭނުންކުރަން ފަށާފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮންމެއަކަސް މި ބަދަލު ގެނެސްގެން މި ވަގުތެއް ހިންދެމިލެވިއްޖެއެވެ. އެކަމަކު މިއީ މައްސަލައިގެ މުޅި ޖުމުލަ ހައްލުތޯ ނޫންތޯ އެނގޭނީ އަދި ދުވަސްކޮޅެއް ވެލީމަތާއެވެ. އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތިވެ އާއްމުންނަށް ތުރާލަކަށް ވަނީ ވެފައެވެ. އެ ސިޓީގައި ބޭނުންކުރަމުންދިޔަ 19 ޖަނަރޭޓަރުގެ ތެރެއިން، ގިނަ ޖަނަރޭޓަރުތައް އޯވަހޯލް ނުކޮށް ގިނަ ދުވަސްވެ ހަލާކުވެގެން ދިޔަ އިރު މި ސަރުކާރުގެ ޖަވާބަކީ "ކުރީ ސަރުކާރުން އެކަން ނުކުރުމުން އެކަން ނުވީ" ކަމަށް ބުނާ ބުނުމެވެ.
މި ސަރުކާރުން ވީ ވައުދަކީ ރޯދަ އަށް މައްސަލަ ހައްލުކޮށް ދިނުމެވެ. އެކަން ނުވެ ސަރުކާރު ހޫނު ފެނަށް ވެއްޓުނީ މާ ރަމަޟާން ރޯދަ މަހެއްގައި ވެސް ކަނު އަނދިރީގައި މުޅި އައްޑޫގެ ގުޅިފައިވާ ރަށްތައް އޮންނަން ޖެހުނު ދުވަސްތަކެއް ފެނުނު ހިސާބުންނެވެ.
އެހެންވީމަ ޖަނެރޭޓަރެއް ގެނެސްގެން އެ ބޭނުންކުރަން ފަށައިގެން ބެރު ދުންމާރި ފުމޭ ވަރެއް އަދި ނުވެ އެއް ނޫންތޯއެވެ. މިއީ އައްޑޫގެ ރައްޔިތުން މިހާ ދުވަހު އުފުލި ތަކުލީފަށް ވެސް ކުރާ މަލާމާތެކެވެ. ތިމާމެންގެ ރޭވުންތެރިކަމެއް ނެތުމުން އެތައް ރައްޔިތުންނެއް ހާލުގައި ތެޅެން ޖެހިފައި އޮންނަތާ އެތައް ދުވަހެއް ފަހުން ކިރިޔާ ހިންދެމިލެވޭ އިރަށް ޝުކުރިއްޔާ ރައީސޭ، ޝުކުރިއްޔާ ރައީސް އޭ ބުނަން ކެރުނީތީ ވެސް ހައިރާން ވެއްޖައީމެވެ.